ޓެރަރިޒަމާއި ހައްދުފަހަނަޅައިދިޔުމާބެހޭ ގޮތުން ދައުލަތުގެ ސިޔާސަތު ހާމަކުރާ ކަރުދާހެއް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ ކަރުދާހާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ބަހުސްކޮށް އެ މަޖިލީހުން ދެކޭގޮތެއް އަންގަވައިދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި ޓެރަރިޒަމާއި ހައްދުފަހަނަޅައިދިޔުމުގެ މައްސަލައިގައި، އިތުރަށް އެޅިދާނޭ ފިޔަވަޅުތަކާބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ފެންނަ ގޮތެއް އަންގައި ދިނުމަށް ވެސް ރައީސް ޔާމީން ވަނީ އެދިވަޑައިގެންފަ އެވެ.

ރައީސް ޔާމީން އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ، ޓެރަރިޒަމާއި ހައްދުފަހަނަޅައިދިޔުމަކީ، މި ވަގުތު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމުގައިވެފައި، މިއީ ގައުމުގެ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ މައްސަލައަކަށްވާތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޓެރަރިޒަމަކީ މުޅި ދުނިޔެއަށް ވެސް ދިމާވެފައިވާ ބިރުވެރި އެހާމެ ނުރައްކާތެރި މައްސަލައަކަށްވާއިރު، މިކަމުގައި ރާއްޖެއިން މިހާރުވެސް އެދެވޭ ފިޔަވަޅުތަކެއް އަޅަމުން ގެންދިޔަނަމަވެސް، މިހާރު އޮތް ގާނޫނީ އޮނިގަނޑުގެ ތެރެއިންނާއި، އަދި ގާނޫނީ އޮނިގަނޑު އިސްލާހުކޮށްގެންވެސް، އިތުރު އަވަސް ފިޔަވަޅު ތަކެއް އަޅަންޖެހޭ ކަމަށް ރައީސް ޔާމީން ދެކެވަޑައިގަންނަވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ ޓެރަރިޒަމާއި ހައްދު ފަހަނައަޅައި ދިޔުމުން ދިމާވެފައިވާ އަދި ދިމާވަމުންދާ ޚާރިޖީ، ދާޚިލީ، އަދި އިޖްތިމާއީ މައްސަލަތަކަކީ، އެކަންކަން ހައްލުކުރުމުގައި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.