ގާތް ގަނޑަކަށް ހަތަރު މަސް ދުވަސް ވަންދެން ސިކުނޑި މަރުވެފައި އޮތް އަންހެނަކު ޕޯޗުގަލްގައި ވިހައިފި އެވެ.

ބީބީސީ އިން ރިޕޯޓު ކުރާ ގޮތުގައި އެ ކުއްޖާ ވިއްސާފައި ވަނީ، ވެރިރަށް ލިޒްބަންގެ ހޮސްޕިޓަލެއްގައި، ސިޒޭރިއަން ހަދައިގެންނެވެ. އެ ކުއްޖާގެ މަންމައަށް ބްރެއިން ހެމަރޭޖެއް ދިމާވެ، ސިކުނޑި މަރުވިތާ ހަތަރު މަސް ވަރު ވެދާނެ އެވެ.

މާބަނޑު ހާލަތުގައި އޮތް އަންހެން މީހާގެ ބަނޑުގައި ދަރިފުޅު ނުވަ މަސް ވަންދެން ބޭއްވުމަށް ޑޮކްޓަރުން ނިންމީ، ޓެސްޓުތައް ދައްކާ ގޮތުގައި ދަރިފުޅުގެ ސިއްހަތު ރަނގަޅުކަމަށް ދެއްކުމުން، އެކަމަށް އެ ކުއްޖާގެ ބައްޕަ ގަބޫލު ވުމުންނެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި ސިޒޭރިއަން ހަދައިގެން އެކުއްޖާ ވިއްސި އިރު އެކުއްޖާގެ ހާލު ރަނގަޅެވެ. ނަމަވެސް އެކުއްޖާގެ މަންމަގެ ހާލަތު ޑޮކްޓަރުން ހިއްސާކޮށްފައެއް ނުވެ އެވެ. އަދި މަންމަ މިވަގުތު އޮތީ ލައިފް ސަޕޯޓުގައިތޯ ނުވަތަ ނޫންތޯ ވެސް އެނގިފައެއް ނުވެ އެވެ.

މިއީ ޕޯޗުގަލުގައި މިހާތަނަށް، ސިކުނޑި މަރުވެފައިވާ މީހެއްގެ ރަހިމުގައި އެންމެ ގިނަ ދުވަހު އޮތުމަށް ފަހު ވިއްސި ކުއްޖާ އެވެ.

އެފަދަ ހާދިސާތައް މީގެ ކުރިން ވެސް ހިނގާފައިވެ އެވެ. އެގޮތުން މި އަހަރުގެ ޖެނުއަރީ މަހު، ޓިއުމަރެއްގެ ސަބަބުން ސިކުނޑި މަރުވި އަންހެނެއްގެ ރަހިމުގައި އޮތް ކުއްޖަކު، 55 ދުވަސް ފަހުން ވިއްސި އެވެ.