ސައްޙަ ނޫން ކޯޓް އަމުރެއް ތައްޔާރުކޮށްގެން ގާނޫނާ ހިލާފަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރަން އުޅުނު ކަމަށް ބުނާ މައްސަލާގައި މިރޭ ހުކުމް އިއްވަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

އެ މައްސަލައިގެ ހުކުމް އިއްވުން އޮންނާނީ މިރޭ 11:00 ގަ އެވެ. އެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނާއި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާންގެ މައްޗަށެވެ.

ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމާއި ބައިވެރިވުމުގެ ދައުވާއާ އެކު މުހުތާޒުގެ މައްޗަށް ޖުމްލަ ތިން ދައުވާއެއް ވަނީ އުފުލައިފަ އެވެ. ޓެރަރިޒަމްގެ ދައުވާ ހިމެނޭ ގޮތަށް ނިހާންގެ މައްޗަށް ވަނީ ހަތަރު ދައުވާއެއް އުފުލައިފަ އެވެ.

މާލެއިން ފުރައިގެން ލޯންޗެއްގައި ކުރީގެ ޕީޖީ މުހުތާޒު މުހުސިން މާމިގިއްޔަށް ވަޑައިގެން އެ ރަށު ކޯޓުގެ މެޖިސްޓްރޭޓް ނިހާނާ އެކު ކޯޓުގެ ލެޕްޓޮޕް ކައިރީ ތިއްބަވަނިކޮށް ދުށް ކަމަށް ދައުލަތުން ހުށަހެޅި ސިއްރު ހެކީން ވަނީ ހެކިބަސް ދީފަ އެވެ.

ހެކިބަސް ދިން ދެ ފުލުހަކު ބުނީ ސައްޙަ ނޫން ކޯޓު އަމުރެއް ނެރެގެން ރައީސް ޔާމީން ހައްޔަރުކުރުމުގެ އެންމެ އަޑީގައި ހުންނެވީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ކަމަށެވެ.