ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ބްރެޒިލްގެ ފިލިޕޭ ކޯޓީނިއޯގެ ހެޓްރިކާއި އެކު 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ހައިޓީގެ މައްޗަށް ކުރި ހޯދައިފި އެވެ.

ރޭގެ މޮޅާ އެކު ބްރެޒިލް ކުޅުނު ފުރަތަމަ މެޗު އެއްވަރުކޮށް ލިބުނު ހަތަރު ޕޮއިންޓާއެކު ގުރޫޕް ބީގެ އެއްވަނާގައި އޮތް އިރު ހައިޓީ ކުޅުނު ދެ މެޗުން ވެސް ބަލިވެ އެ ޓީމަށް ވަނީ މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމުގެ ދޮރު ބަންދުވެފައެވެ.

ފުލޮރިޑާގެ އޮރެލެންޑޯ ސްޓޭޑިއަމްގައި ކުޅުނު އެ މެޗުގައި ބްރެޒިލްގެ މޮޅު ކުޅުން ފެނިގެންދިޔަ އިރު އެ މެޗުގައި ތިން ގޯލު ކާމިޔާބު ކޮށް ހެޓްރިކް ފުރިހަމަ ކުރި ކީޓީނިއޯގެ ފަރާތުން ވެސް ވަނީ ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މިއީ ލިވަޕޫލް އަށް ކުޅުމުން އަންނަ ޒުވާން މިޑްފީލްޑަރު ބްރެޒިލް އަށް ކާމިޔާބު ކޮށްދިން ފުރަތަމަ ހެޓްރިކެވެ.

ބްރެޒިލްގެ އަނެއް ހަތުރު ގޯލުގެ ތެރެއިން ދެ ގޯލު ރެނާޓޯ އޮގަސްޓޯ ކާމިޔާބް ކުރިއިރު ލޫކަސް ލީމާ އަދި ގަބްރިއެލް ބާބޯސާ ކޮންމެ ކުޅުންތެރިއަކު ވަނީ އެއް ގޯލު ކާމިޔާބް ކޮށްފައެވެ. ހައިޓީގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ޖޭމްސް މާސެލިން އެވެ.

އެ މުބާރާތުގައި ބްރެޒިލް ކުޅޭ ތިން ވަނަ މެޗުގައި އަންނަ އާދިއްތަ ދުވަހު ޕެރޫއާ ދެކޮޅަށް ނުކުންނައިރު އެ މެޗު ކާމިޔާބުކޮށް ގުރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ޖާގައެއް ލިބޭނެ އެވެ.

ރޭ ކުޅުނު އެ ގްރޫޕްގެ ދެ ވަނަ މެޗުގައި އެ ކުއެޑޯ އާއި ޕެރޫ ވަނީ 2-2 ގެ ނަތީޖާ އަކުން އެއްވަރުވެފަ އެވެ.