ގަވައިދާ ހިލާފަށް ވިޔަފާރި ކުރި 20 ފަރާތެއް މިއަހަރު ފުރަތަމަ ފަސް މަހުގެ ތެރޭގައި ޖޫރިމަނާކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމިނިސްޓްރީގެ ރަޖިސްޓާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ މި އަހަރުގެ ފަސް މަސް ތެރޭގައި 750 ވިޔަފާރިއެއް އިނިސްޕެކްޓްކޮށް އޭގެ ތެރެއިން 20 ފަރާތެއް މާލެ ސަރަހައްދުން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އާންމުކޮށް ޖޫރިމަނާ ކުރަމުންދަނީ 10000 ރުފިޔާއިންނެވެ.

ޖޫރިމަނާކޮށްފައިވާ ވިޔަފާރިތަކުގެ ތެރޭގައި ހިމެނެނީ ގަޑިޔަށް ބަންދު ނުކުރާ ތަންތަނާއި ހުއްދަ ނުނަގާ ވިޔަފާރި ކުރުމާއި ބިދޭސީ ސޭޓުން ގެންގުޅުން ފަދަ މައްސަލަތައް ކަމަށް ވިސާމް ވިދާޅުވި އެވެ.

ވިސާމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

"ކުރިއަށްއޮތްތަނުގައި ވެސް އަޅުގަނޑުމެން [އިކޮނޮމިކް މިނިސްޓްރީ، ހައުސިން މިނިސްޓްރީ، އިމިގުރޭޝަން،ފުލުހުން] ގުޅިގެން އޮޕަރޭޝަންތައް ކުރިއަށްގެންދާނަން." ވިސާމް ވިދާޅުވި އެވެ.

އެއިންސްޕެންޝަންތައް ކުރިއަށްގެންދާ އިރު މިހާރު ވެސް ބިދޭސީ ވިޔަފާރިވެރިންނާއި ބިދޭސީ ފޮޓޯގްރާފަރުން ރާއްޖޭގައި ހަރަކާތްތެރިވާކަން ފާހަގަ ކުރެވިފައިވާކަމަށް ވިސާމް ވިދާޅުވި އެވެ.

ސަން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިމިގުރޭޝަން މޮނިޓަރިން ޑިވިޝަންގެ ހެޑް މުހައްމަދު ވަހީދު ވިދާޅުވީ ސޭޓުންގެ ގޮތުގައި މަަސައްކަތްކުރި 56 ބިދޭސީން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސް އެބިދޭސީންގެ ގައުމަށް ފޮނުވާލާފައިވާ ކަމަށެވެ. ބިދޭސީން ފުރުވާލުމާއި އިދާރީ މަސައްކަތްތަކުގެ ފިޔަވަޅުތައް މިހާރު ހަރުދަނާ ކުރެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިމިގުރޭޝަން މޮނިޓަރިން ޑިވިޝަންގެ ހެޑް މުހައްމަދު ވަހީދު އިންޓަވިއޫ ދެއްވަނީ-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

އެފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން އޭގެ ރަނގަޅު އަސަރު ފެނި ދިވެހިންނަށް ވަޒީފާ ލިބެމުންދާ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީގެ ފަރާތުން މައުލޫމާތު ދެއްވަމުން އެ މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރު އަބްދުﷲ ޝަރީފް ވިދާޅުވީ ގަވައިދާ ހިލާފަށް ބާޒާރުމަތީ މަގުތަކުގައި މުދާ ބަހައްޓާ މައްސަލަ ފާހަގަކުރެވޭ އިރު އެ ތަކެތި އެމިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސް ނައްތާލާފައިވާނެ ކަމަށެވެ. އޭގެ އިތުރުން މަގުތަކުގައި ވިޔަފާރިކުރާ ފަރާތްތަކުގެ މުދާ ވެސް ފުލުހުންގެ އެހީތެރިކަމާ އެކު އެމިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.