ސަން ސިޔާމް ގުރޫޕުން ދ. އަތޮޅުގައި ހިންގާ ސަން އަކުއާ ވިލުރީފު ރިސޯޓުގެ ފަރާތުން އެއްލައްކަ ގަސް އިންދުމަށް އަމާޒުކޮށްގެން ޚާއްސަ ޕްރޮގްރާމެއް ފަށައި، އެ ޕްރޮގްރާމްގެ ދަށުން ދ. މީދޫގައި ގަސް އިންދުމުގެ ޚާއްސަ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފި އެވެ.

ބައިނަލް އަގުވާމީ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ފެށި މި ޕްރޮގްރާމްގެ ދަށުން މީދޫގައި 550 ގަސް އިންދާފައިވާ ކަމަށް ވިލުރީފް ރިސޯޓުގެ ޖެނެރަލް މެނޭޖަރު މުހައްމަދު ހިލްމީ ވިދާޅުވި އެވެ. މި ޕްރޮގްރާމުގައި މީދޫ ކައުންސިލާއި ސްކޫލުގެ ދަރިވަރުންގެ އިތުރުން އާންމުންގެ ތެރެއިން ގިނަ ބަޔަކު ބައިވެރިވެފައިވާ ކަމަށް ހިލްމީ ވިދާޅުވި އެވެ.

ވިލުރީފުން ދ. މީދޫގައި ކުރިޔަށް ގެންދިޔަ ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން --- ފޮޓޯ ވިލުރީފް

އޭނާ ވިދާޅުވީ މި އިންދި ގަސްތައް ރަނގަޅަށް ރޯވެ ހެދުމާ ހަމަޔަށް މީދޫ ކައުންސިލާއި އެރަށު ޕޮލިސް ސްޓޭޝަން ގުޅިގެން އެގަސްތައް ބަލަހައްޓަމުން ގެންދާނެ ކަމަށެވެ. ހިލްމީ ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން އިތުރު ރަށް ރަށުގައި ގަސް އިންދުމުގެ ހަރަކާތްތައް ކުރިޔަށް ގެންދަވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އިޖުތިމާއީ ޒިންމާގެ ތެރެއިން މި ހަރަކާތް ކުރިޔަށް މި ގެންދަނީ. އަމާޒަކީ ކުރިޔަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭ 100،000 ގަސް އިންދުން،" ހިލްމީ ވިދާޅުވި އެވެ.

ވިލުރީފުން ދ. މީދޫގައި ކުރިޔަށް ގެންދިޔަ ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން --- ފޮޓޯ ވިލުރީފް

އޭނާ ވިދާޅުވީ ރަށްރަށުގެ ގުދުރަތީ ރީތިކަން އޭގެ އަސްލު ގޮތުގައި ގެނައުމަށް އެންމެ މުހިންމު އެއް ކަމަކީ އެ ރަށްރަށުގައި ވަށައިގެން އޮންނަ ސަރަހައްދާއި ރަށު ތެރެ ފެހިކުރުން ކަމަށެވެ. ހަމަ އެއާއި އެކު ރަށްރަށުގެ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނާއި އާންމު ރައްޔިތުންނަށް އެ މީހުން ދިރިއުޅޭ މާހައުލުގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމުގެ މުހިންމުކަން އަންގައިދީ ހޭލުންތެރިކުރުވުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީދޫގައި މި ގަސްތައް އިންދާފައި ވަނީ އެ ރަށުގައި ދާދި ފަހުން ބިން ހިއްކައި ރަށަށް އިތުރުކުރި ސަރަހައްދުގަ އެވެ.