11 Jun 2016, 14:15
މިދިޔަ ހަފްތާގައި މުޅި ދުނިޔެއަށް ޝޮކެއް ލިބިގެން ދިޔައީ، މަޝްހޫރު ބޮކްސިންގް ލެޖެންޑު މުހައްމަދު އަލީ ނިޔާވި ޚަބަރާ އެކުގަ އެވެ. ގިނަ ބަޔަކު ހިތާމަ ކުރި އެވެ. އެހެން ނަމަވެސް ހަމަ ގައިމުވެސް އެންމެ ބޮޑު ހިތާމަވެރިކަމަކާ ކުރިމަތިލާނީ މުހައްމަދު އަލީގެ އާއިލާއާއި ގާތް މީހުންނެވެ.
މުހައްމަދު އަލީ،74،ގެ ޖަނާޒާ އިއްޔެ ބާއްވައި، އޭނާގެ ހަށިގަނޑު ވަނީ ވަޅުލައިފަ އެވެ. އޭނާގެ ޖަނާޒާއާއި ކަށުކަމާކެމީގެ ކަންކަން ކުރިޔަށް ގެންދިޔައީ މީގެ ކުރިން އޭނާ އަމިއްލައަށް އެދިފައިވާ ގޮތުގެ މަތިންނެވެ. އާންމުންނަށް ވެސް ފެންނާނެ ފަދައިން، އެންމެންނަށް ހުޅުވާލައިގެންނެވެ. "ޕްރައިވެޓް"ކޮށް ކުރިޔަށް ގެންދިޔައީ ވަޅުލުން އެކަންޏެވެ.
އަލީގެ ޖަނާޒާގައި އޭނާގެ ހުވަފަތް އަނބިމީހާ ލޮނީ ބުނީ، އަލީއަކީ އީމާންތެރިކަން ވަރުގަދަ މީހެއް ކަމަށެވެ.

މުހައްމަދު އަލީގެ ސަންދޯއް --
"އޭނާއަކީ އަބަދު ވެސް ކަންކަމުގައި ޔަގީންކަން އޮންނަ މީހެއް. އީމާންތެރި މީހެއް. މަރު ދެކެ ވެސް ބިރެއް ނުގަނޭ. އަހަރެމެން ކަންކަމުގައި ޔަގީންކަމެއް ނެތިގެން އުޅުނު ނަމަވެސް އޭނާ އަހަރެމެންނަށް ވެސް ޔަގީންކަމުގެ މަގު ދައްކައިދޭ،" ލޮނީ ބުންޏެވެ.
މުހައްމަދު އަލީގެ ޖަނާޒާގައި އޭނާގެ ދެ ދަރީން މަރިޔަމް އަލީ އަދި ރަޝީދާ އަލީ ވެސް ވާހަކަ ދެއްކި އެވެ.
މުހައްމަދު އަލީ އިސްލާމްދީން ގަބޫލު ކުރުމަށް ކުރިމަތިވި މައިގަނޑު އެއް ސަބަބަކީ އެމެރިކާގެ ސިވިލް ރައިޓްސް އެކްޓިވިސްޓް މެލްކަމް އެކްސް އެވެ. މެލްކަމް އެކްސްގެ އިރުޝާދުގެ ދަށުން އެމެރިކާގެ މުސްލިމުންގެ ޖަމިއްޔާ "ނޭޝަން އޮފް އިސްލާމް"އާ އޭނާ ގުޅުނެވެ. އޭގެ ފަހުން އިސްލާމްދީން ގަބޫލުކޮށް އޭނާ އަށް ބަދަލުތަކެއް އައިސް، އޭނާއަށް ލިބިފައިވާ ކާމިޔަބީތަކާ މެދު ބޮޑާވުން ހުއްޓާލައި އިސްލާމްދީނަށް ސަމާލުކަން ދޭން ފެށި އެވެ.
މުހައްމަދު އަލީގެ ޖަނާޒާގައި، މަރުހޫމް އަލްހާއްޖު މާލިކް އަލް ޝަބާޒް ނުވަތަ މެލްކަމް އެކްސްގެ ފަރާތުން، އޭނާގެ ދޮށީ ދަރިކަނބަލުން އަތާލާ ޝަބާޒް ވާހަކަ ދެއްކި އެވެ.

މުހައްމަދު އަލީގެ ޖަނާޒާގައި ތުރުކީގެ ރައީސް ރަޖަބު ތޮއްޔިބު އެރްދޮގާން --
"އަހަރެންގެ ހަޔާތުގައި ކޮންމެވެސް ސިފައެއްގައި މުހައްމަދު އަލީ ހިމެނުމަކީ، 51 އަހަރު ވަންދެން އަހަރެންގެ ބައްޕަ އަހަރެންނަށް ޓަކައި ނޭވާ ލަމުން ދިޔަ އެއް ސަބަބު،"
އަތާލާ ބުނީ، އޭނާގެ ބައްޕަ ދެކުނީ މުހައްމަދު އަލީއަކީ ކޮއްކޮއެއްގެ ގޮތުގައި ކަމަށެވެ. އަދި މުހައްމަދު އަލީއަކީ އޭނާގެ ބައްޕަ ވަރަށް އިތުބާރު ކުރި މީހެއް ކަމަށް އޭނާ ބުންޏެވެ.
މުހައްމަދު އަލީގެ ޖަނާޒާގައި އެކި ދީންތަކުގެ ފަރާތުން ދީނީ ދަންނަބޭކަލުން ވެސް ބައިވެރިވި އެވެ. އޭގެ ތެރޭގައި ނަސާރާ ކެތޮލިކް ފާދިރީއަކު، ޔަހޫދީ ރައްބީން އަދި ބުދު ދީނުގެ ހާމުދުރުން ވެސް ހިމެނެ އެވެ.