އިމިގްރޭޝަނުން ހަތަރު ލައްކަ ރުފިޔާ ގެއްލުން މައްސަލާގައި ވަޒީފާ އިން ވަކިކުރި ތ. ކަނޑޫދޫ، ބިގްފިޝް، ގާސިމް މޫސާ އޭނާހުރި މަގާމުން ވަކިކުރީ ރަނގަޅަށް ކަމަށް ވަޒީފާއާ ބެހޭ ޓްރިބިއުނަލުން ނިންމައިފި އެވެ.

އިމިގްރޭޝަނުން ހަތަރު ލައްކަ ރުފިޔާ ގެއްލުނު މައްސަލާގައި ގާސިމް ވަޒީފާ އިން ވަކިކޮށްފައި ވަނީ އޭނާގެ ބެލުމުގެ ދަށުގައި ފޮރިން އެމްޕްލޮއިމެންޓް އެކްޕްޓްރިއޭޓް ސެކްޝަނުގައި ހުރި ހަތަރު ލައްކަ ރުފިޔާ ވަގަށް ނެގުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބުނެ އެވެ.

ގާސިމްގެ ފަރާތުން ވަޒީފާއާ ބެހޭ ޓްރިބިއުނަލަށް އެ މައްސަލަ ހުށަހެޅީ އޭނާ އިމިގްރޭޝަނު އޮފިސަރު ދޭއްގެ މަގާމުގައި ހުއްޓައި އޭނާގެ ބާރު ނުހިނގާ ހާދިސާއަކާ ގުޅުވައި ވަޒީފާއިން ވަކިކުރީ ގަވައިދާ ހިލާފަށް ކަމަށް ބުނެ އެވެ. އަދި އެވަޒީފާ އޭނާ އަށް އަނބުރާ ލިބިދިނުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްދިނުމަށް ވަނީ އެދިފަ އެވެ.

އެމައްސަލަ ބަލައި ނިންމައި ވަޒީފާއާ ބެހޭ ޓްރިބިއުނަލުން ކުރި އަމުރުގައި ބުނެފައި ވަނީ ގާސިމްގެ ބެލުމުގެ ދަށުގައި ހުރި ހަތަރު ލައްކަ ރުފިޔާ ވަގަށް ނަގާފައި ވަނީ އޭނާގެ އިހުމާލުންކަން ދައުލަތުން ސާބިތުކޮށްދީފައިވާ ކަމަށެވެ. އެހެންކަމުން ގާސިމް ވަޒީފާ އިން ވަކިކުރީ ގަވައިދާ ހިލާފަށް ކަމަށް ކަނޑައެޅެން ނެތް ކަމަށް އަމުރުގައިވެ އެވެ.

އިމިގްރޭޝަނުން ހަތަރު ލައްކަ ރުފިޔާ ވަގަށް ނަގައިގެން މިދިއަ އަހަރުގެ އޮކްޓޫބަރު މަހު ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފަ އެވެ. އެމައްސަލާގައި މީހަކު ވެސް ހައްޔަރުކުރި އެވެ. ނަމަވެސް އެއީ މުވައްޒަފެއްކަމެއް ސާފެއްނުވެ އެވެ.