މެންޗެސްޓާ ޔުނައިޓެޑުގައި ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗް އަށް ކާމިޔާބު ހޯދިދާނެ ކަމަށް އެ ކްލަބުގެ ލެޖެންޑް ރޯއީ ކީން ބުނެފި އެވެ.

މި މަސް ނިމުމާއެކު ފްރާންސްގެ ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) އާއެކު އިބްރަހިމޮވިޗް ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އައުމުން އޭނާ އެހެން ކްލަބަކާ ގުޅުމަށް ވަނީ ނިންމައިފަ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، އިބްރަހިމޮވިޗް ދެން ގުޅޭނީ މެންޗެސްޓާ ޔުނައިޓެޑާ އެވެ.

"ހަމަގައިމު ވެސް އިބްރަހިމޮވިޗަކީ ޔުނައިޓެޑަށް ވަރަށް ރަނގަޅު ކުޅުންތެރިޔަކަށް ވާނެ. އޭނާ އަކީ މޮޅު ކުޅުންތެރިއެއް. މީހެއްގެ ފެންވަރު އެނގޭނީ އެ މީހަކު ކުޅޭ ގޮތުން. ޔުނައިޓެޑުގައި އިބްރަހިމޮވިޗް އަށް ކާމިޔާބު ހޯދިދާނެ ކަމަށް އަހަރެން ގަބޫލު ކުރަން،" މިހާރު ނޮދަން އަޔަލެންޑް ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާ ކީން ބުންޏެވެ.

އިބްރަހިމޮވިޗް ވަނީ މިހާރު ޔުނައިޓެޑުގެ ކޯޗު ކަމުގެ މަގާމުގައި ހުރި ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން މީގެ ކުރިން އިންޓަ މިލާނަށް ކުޅެފަ އެވެ.