13 Jun 2016, 14:52
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ތުރުކީ އަތުން 1-0 ގެ ނަތީޖާ އަކުން ކްރޮއޭޝިއާ މޮޅުވި ނަމަވެސް މެޗު ނިމުމާއެކު ކްރޮއޭޝިއާގެ ކެޕްޓަން ޑާރިޔޯ ސާރނާއަށް ކުރިމަތިލާން ޖެހުނީ ހިތްދަތިކަމަކާއެވެ.
މެޗުގެ ފުރަތަމަ ހާފް ނިމެނިކޮށް، ރެއާލް މެޑްރިޑްގެ މިޑްފީލްޑަރ ލުކާ މޮޑްރިޗް ކާމިޔާބް ކޮށްދިން ހިތްގައިމު ގޯލުން ތުރުކީގެ މައްޗަށް ކްރޮއޭޝިއާ މޮޅުވެގެން މެޗު ނިމުނުތާ މާގިނައިރުތަކެއް ނުވަނީސް ސާރނާއަށް ލިބުނު ޚަބަރަކީ ކްރޮއޭޝިއާގައި ސާނާގެ ބައްޕަ މަރުވި ހަބަރެވެ.
ކްރޮއޭޝިއާ މޮޅުވި ނަމަވެސް ޝަކްތާ ޑޮނެސްކަށް ކުޅެމުން އަންނަ އިތުބާރު ޑިފެންޑަރ ސާރނާއަށް ރެޔަކީ މާ ރަނގަޅު ރެއެއް ވެސް ނޫނެވެ. ރޭގެ މެޗުގައި ސާރނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް އޭނާއަށް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ވެސް ލިބި ބޭކާރުވެގެން ގޮސްފައެވެ. ތުރުކީ ޕެންލްޓީ އޭރިއާ ކުރިމަތިން ލިބުނު ހިލޭ ޖެހުން ސާރނާ ފޮނުވާލި އިރު އެ ބޯޅަ ޖެހުނީ ހުރަސް ދަނޑީގައެވެ. ސާނާ އެ ބޯޅަ ފޮނިވާލި އިރު ތުރުކީ ކީޕަރު ހުރީ ހުއްޓުން އަރާފައެވެ.
މިފަހަރުގެ ޔޫރޯގައި ކްރޮއޭޝިއާ ކުޅޭ ދެވަނަ މެޗުގައި އަންނަ ހުކުރު ދުވަހު ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅުމަށް ކްރޮއޭޝިއާ ޓީމު ސެއިންޓް އެޓީނާ އަށް ދިޔަ ނަމަވެސް ސާރނާ ވަނީ އޭނާގެ ބައްޕަގެ ޖަނާޒާގައި ބައިވެރިވުމަށް އެނބުރި ގައުމަށް ދިއުމަށް ޕެރިހުގައި މަޑު ކޮށްފައެވެ.
ކްރޮއޭޝިއާ ފުޓްބޯޅަ ފެޑަރޭސަންގެ ހުއްދައާ އެކު ސާރނާ މިއަދުގެ ވަގުތެއްގައި ކްރެއޭސިއާއަށް ދިއުމަށް ހަމަޖެހިފައިވާ އިރު އޭނާ އެނބުރި ޓީމާ ގުޅޭނީ ކޮން އިރަކު ކަމެއް ހާމަ ކޮށްފައެއް ނުވެއެވެ.