14 Jun 2016, 14:20
ހުޅަނގު އެފްރިކާގައި އޮންނަ ކުޑަ ގައުމެއް ކަމަށްވާ ގެމްބިއާގައި ރޯދަ މަހުގެ ތެރޭގައި މިއުޒިކާއި ބެރު ޖެހުމުގެ އިތުރުން ނެށުން މަނާ ކޮށްފި އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އިސްލާމީ ދައުލަތެއްގެ ގޮތުގައި ކަނޑައެޅި ގެމްބިއާގައި ރޯދަ މަހުގެ ދުވާލާއި ރޭގަނޑު ބާއްވާ ހުރިހާ ރަސްމިއްޔާތުތަކަކާއި ފެސްޓިވަލް އަދި ޕްރޮގްރާމްތަކުގައި ބެރު ޖެހުމާއި މިއުޒިކް އަދި ނެށުން އެގައުމު ފުލުހުން މަނާކޮށް ބަޔާނެއް ނެރެފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.
އެ ގައުމުގެ ސަރުކާރުގެ ތަރުޖަމާނަކު އިއްޔެ ވިދާޅުވީ، މިއުޒިކާއި ނެށުމުގެ އިތުރުން ބެރު ޖެހުމުގެ އެއްވެސް ހަރަކާތެއް ހިންގާ ނަމަ އެކަން ކަމާގުޅޭ އިދާރާތަކަށް ރިޕޯޓްކުރުމަށް އާއްމުނަށް އަންގާފައިވާ ކަމަށެވެ.
"ރޯދަ މަހުގެ ތެރޭގައި ބެރު ޖެހުމާއި ނެށުން ފުލުހުން މަނާކުރުމުން ރައްޔިތުން ދަނީ އެކަމަށް ބޯލަބަމުން. މިހާތަނަށް އެކަމާ ހިލާފުވެގެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވޭ،" ފުލުހުންގެ ތަރުޖަމާން ލަމިން ޖީ އޭއެފްޕީ އަށް ވިދާޅުވި އެވެ.
ގެމްބިއާ އަކީ އިސްލާމީ ދައުލަތެއްގެ ގޮތުގައި އެ ގައުމުގެ ރައީސް ޔަހްޔާ ޖަމޭހް އިއުލާންކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
މައުލޫމާތު: އަލްޖަޒީރާ