14 Jun 2016, 16:10
ބޭރުގެ ގައުމުތަކުގައި ހިނގާ ހަނގުރާމަތަކުގައި ދިވެހިން ބައިވެރިވަމުންދާ ސަބަބުތައް ހޯދުމަށް ޓަކައ، ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ޚާއްސަ ދިރާސާއެއް ކުރަން ފަށައިފި އެވެ.
ޑިފެންސް މިނިސްޓްރީން މިއަދު އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ، ދިވެހީން ބޭރުގެ ހަނގުރާމަތަކުގައި ބައިވެރިވާ ސަބަބުގެ އިތުރުން، ފިކުރީ ގޮތުން ހައްދު ފަހަނަ އަޅާއިދިއުމާއި ދީނީ ގޮތުން ޚިޔާލު ތަފާތުވާ ސަބަބުތައް މި ދިރާސާ އިން ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ނޭޝަނަލް ކައުންޓާ ޓެރަރިޒަން ސެންޓަރުން މި ދިރާސާ ކުރުމަށް ޓަކައި ރާއްޖޭގެ ދީނީ އިލްމުވެރިންނާއި ޓެކްނޮކްރެޓުންނާ އެކު މަޝްވަރާކޮށް އެމީހުންގެ ފަރާތުން މައުލޫމާތު އެއްކުރަން ނިންމާފައިވާ އިރު، ރާއްޖޭގައި ހިނގާފައިވާ ބައެއް ހާދިސާތަކާއި، ބޭރުގެ ފަރާތްތަކުން މިފަދަ ކަންކަމާ ބެހޭ ގޮތުން ހަދާފައިވާ ދިރާސާތައް މުރާޖާ ކުރާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެ އެވެ.
މިނިސްޓްރީން ބުނީ މި ދިރާސާގެ ތަފްސީލީ ރިޕޯޓު ޖުލައި މަހުގެ ކުރީކޮޅު އާންމު ކުރުމަށް ކައުންޓާ ޓެރަރިޒަމް ސެންޓަރުން މަސައްކަތް ކުރާ އިރު، ދީނީ ގޮތުން ހައްދުފަހަނަ އެޅުމާއި ޚިޔާލު ތަފާތުވުމާއި ހަނގުރާމަތަކަށް ދާ ސަބަބުތައް ދެނެގަނެވި، ރާއްޖޭގެ ގައުމީ ސަލާމަތް ކަށަވަރު ކުރުމަށް ކުރަންޖެހޭ ކަންކަމާއި އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަނެވޭނެ ކަމަށެވެ.
ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ދިވެހީން އޮޅުވާލައިގެން ދަނީ ސީރިއާއަށް ދަތުރު ކުރަމުންނެވެ. މީގެ ތެރޭގައި ގޭންގުތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ޒުވާނުންނާއި، އެކިއެކި ކުށްތަކުގައި ތުހުމަތު ކުރެވޭ ފަރާތްތައް ވެސް ހިމެނެ އެވެ.
އަދި، އޭގެ ތެރޭގައި އެތައް ބަޔަކު އެ ހަނގުރާމައިގައި މަރުވެފައި ވެސް ވެ އެވެ.
ސީރިއާގައި ގިނަ ޖަމާއަތްތަކަކުން ކުރަމުންދާ ދާޚިލީ ހަނގުރާމައިގައި، މަދުވެގެން ތިން ޖަމާއަތަކުން ބައިވެރިވެ އެވެ. އެއީ ސީރިއާގެ ސަރުކާރުގެ އަސްކަރިއްޔާއާއި އައިއެސް ޖަމާއަތާއި އަލްގައިދާގެ ގޮފި ޖަބްހަތުލް ނުސްރާއިންނެވެ.
މީގެ ދެ އަހަރު ކުރިން، 2014 ވަނަ އަހަރު ދިވެހި ސަރުކާރުން ވަނީ، އިސްލާމީ ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގައި އެވެ.
"މުސްލިމުން އެއްބަޔަކު އަނެއްބަޔަކާ ދެމެދު ކުރެވޭ ހަނގުރާމަތަކުގައި ބައިވެރިވުމަށް ނުދިއުމަށް ދީނަށް ލޯބިކުރާ ދިވެހިރާއްޖޭގެ އެންމެހައި ޒުވާނުންނާއި ރައްޔިތުންގެ ކިބައިން އެދެމެވެ. މިފަދަ ހަނގުރާމަ ހިނގަމުންދާ ގައުމުތަކުގެ ކަންކަން ހައްލުކުރުން އައުލާކަން ބޮޑީ އެގައުމެއްގެ ރައްޔިތުން އަމިއްލައަށެވެ،" އިސްލާމިކް މިނިސްޓްރީން ނެރުނު ފަތުވާގައި ބުނެފައިވެ އެވެ.