ސްރީ ލަންކާގެ ހަމައެކަނި ޓުވިޕަލް އެކްރެޑިޓެޑް ޕްރައިވެޓް ޔުނިވާސިޓީ، ހޮރައިޒަން ކޮލެޖް އޮފް ބިޒްނަސް އެންޑް ޓެކްނޮލޮޖީ (ހޮރައިޒަން ކެމްޕަސް) އިން ރާއްޖޭގެ ސަރުކާރަށް 24 އަންޑާގުރެޖުއޭޓް ސްކޮލޮޝިޕެއް ދީފި އެވެ.

ސްރީ ލަންކާ އިންޓަނޭޝަނަލް ހަޔާ އެޑިއުކޭޝަން ސްކޮލޮޝިޕް ސުކީމުގެ ދަށުން ދޭ ގާތްގަނޑަކަށް 150،000 ޑޮލަރުގެ އެ ސްކޮލޮޝިޕްތައް ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރި ކަމުގެ އެއްބަސްވުމުގައި ސޮއިކުރީ މިއަދު އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހޮރައިޒަންގެ ފަރާތުން ސްކޮލޮޝިޕްތައް އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރި ކަމުގެ އެއްބަސްވުމުގައި ސޮއިކުރީ ސްރީލަންކާގެ ހޮރައިޒަން ގްރޫޕްގެ ޗެއާމަން އުޕުލް ދަރަނަގަމަ އެވެ.

މިނިސްޓްރީގެ ފަރާތުން ސްކޮލޮޝިޕްތަކާ ހަވާލުވުމުގެ ގޮތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ.

ރާއްޖެއަށް ހަދިޔާކުރި ސްކޮލޮޝިޕްތަކުގެ ތެރޭގައި ތައުލީމީ ދާއިރާ އާއި ބިޒްނަސް މެނޭޖްމަންޓް އަދި އިންފޮމޭޝަން ޓެކްނޮލޮޖީ ހިމެނޭ އިރު، ފުލް ސްކޮލޮޝިޕްގެ ހަ ފުރުސަތާއި 50 ޕަސެންޓް ހިލޭ ކޮށްދޭ 18 ސްކޮލޮޝިޕެއް ހިމެނެ އެވެ.

ރާއްޖޭގެ ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަން އިން ބުނީ، އެ ސްކޮލޮޝިޕްތަކަށް ވަރަށް އަވަސް މުސްތަގްބަލެއްގައި ހުޅުވާލާނެ ކަމަށެވެ. ހޮރައިޒަން އިން ބުނީ އެ ފުރުސަތުތައް ހުޅުވާލާފައި ވަނީ އަންނަ އޮކްޓޯބަރުގެ ނިޔަލަށް ކަމަށެވެ.

ހޮރައިޒަން ކެމްޕަހުން 15 އެކްރެޑިޓް ޑިގްރީ ކޯސްތައް ހިންގާއިރު އަހަރަކު 400 އަށްވުރެ ގިނަ ދަރިވަރުން އެތަނުން ތައުލީމް ހާސިލްކުރެ އެވެ.

ލަންކާގެ އެޑިއުކޭޝަން މިނިސްޓްރީ އިންނާއި ޔުނިވާސިޓީ ގްރާންޓްސް ކޮމިޝަން އޮފް ސްރީލަންކާ އިން ޑިގްރީ އެވޯޑިން އިންސްޓިޓިއުޓެއްގެ ގޮތުގައި ބަލައިގަނެފައިވާ އެ ކެމްޕަހަކީ އެސޯސިއޭޝަން އޮފް ކޮމަންވެލްޓް ޔުނިވާސިޓީސްގެ މެންބަރެއް ވެސް މެ އެވެ.