16 Jun 2016, 13:02
ގަސް އިންދައި ހެއްދުމުގެ ދާއިރާގައި ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެއް ބޭފުޅާ ޝަބްނަމީ ހުސެއިން ދީދީ އަވަހާރަވެއްޖެ އެވެ.
އާއިލާއިން މިއަދު ސަން އަށް މައުލޫމާތު ދިން ގޮތުގައި ހުސެއިން ދީދީ އަވަހާރަވެފައި ވަނީ ހާޓްއެޓޭކެއް ޖެހިގެން އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.
ދީދީ އަވަހާރަވި އިރު ދެ ބޭފުޅުންނާއި އަންބަކު ދުނިޔޭގައި އެބަ ތިއްބެވެ.
އަވަހާރަވި އިރު އުމުރުފުޅަކީ 67 އަހަރެވެ.
އޭނާ އަކީ ތީމުގެއާއި ރައްޔިތުން މަޖިލީހުގެ އިތުރުން ދަރުބާރުގެ އާއި ކުޑަކުދިންގެ ބަގީޗާގައި ގަސް އިންދެވުމުގައި އިސްކޮށް އުޅުއްވި ބޭފުޅާ އެވެ. އަދި ސްކޫލުތަކާއި ބެލެނިވެރިންނަަށް ގަސް އިންދުމާ ގުޅޭ ގޮތުން ތަފާތު މައުލޫމާތު ފޯރުކޮށްދެއްވާފައިވެ އެވެ.
މާލޭގައި ތަފާތު ގަސް ވިއްކާ ފިހާރަތައް ވެސް ހުސެއިން ދީދީ ވަނީ ހިންގަވައިފަ އެވެ.
ހުސައިންދީދީ އަކީ ރައީސް މައުމޫން އަރިހުގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި ވަކިން ހާއްސަކޮށް ރައީސް މައުމޫން ބެޑްމިންޓަން ކުޅުއްވާ އިރު ވަރަށް ގިނަ ފަހަރު ކޯޓުގެ އެއްކޮޅުގައި ހުންނަވާފައި ވަނީ ވެސް ހުސައިންދީދީ އެވެ. ހުސައިންދީދީ އަކީ ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމް ދީދީ ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ.
ތިމާވެށިގެ ތަޖުރިބާ ކާރެއް ކަމަށްވާ މުހައްމަދު ޒާހިރު (މީމު ޒަވިޔަނި) ވިދާޅުވި ގޮތުގައި ހުސެއިން ދީދީ އަކީ ގަސް އިންދުމުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ ހިދުމަތްތެރިކެވެ.