ދުންފަން ކޮންޓްރޯލް ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބޯޑުގެ މިއަހަރުގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފި އެވެ.

އެ ބައްދަލުވުން ބާއްވާފައި ވަނީ ހެލްތު މިނިސްޓްރީގަ އެވެ.

އެ ބޯޑުގެ ބޭނުމަކީ ދުންފަތް ކޮންޓްރޯލު ކުރުމާ ބެހޭ ގާނޫނު ތަންފީޒުކުރުމަށް ބޭނުންވާ ގަވާއިދުތައް ހެދުމާއި ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތަކުގައި ސަރުކާރަށް ލަފާދިނުމެވެ.

ބޯޑުގެ މަސައްކަތްތަކުގެ ތެރޭގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތް މިހާރު ރާއްޖޭގައި ކުރިއަށްގެންދާ ގޮތާއި ގާނޫނުތައް ތަންފީޒުކުރަމުންދާ ގޮތް މުރާޖައާކޮށް، ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރާނެ އެވެ.

އޭގެތެރޭގައި މިހާރު އޮތް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސް، އެ މަސައްކަތުގައި މުޖުތަމައުގެ އެކިއެކި ދާއިރާތަކުން ބޮޑަށް ޝާމިލްކުރުމަށް ގަސްދުކުރާ ކަމަށާއި ބޯޑު މިހާރު އެކުލެވިގެން ވަނީ ވެސް ކަމާ ގުޅޭ ހުރިހާ އިދާރާތަކެއް ޝާމިލުވާގޮތަށް ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެ އެވެ.

އެބޯޑުގައި ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކާއި އެޓާނީ ޖެނެރަލް އޮފީހާއި ކަސްޓަމްސް އާއި ފުލުހުންގެ އިތުރުން މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނާއި ވިޔަފާރިވެރިވެރިންގެ ޖަމިއްޔާއިން ބައިވެރިވެ އެވެ. ބޯޑުގެ ޗެއާޕާސަން އަކީ ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް އެވެ.

މިއަދުގެ ބައްދަލުވުމުގައި ބޯޑުގެ މެންބަރުން ވަނީ ދުންފަތުގެ އިސްތިއުމާލު ނުކުރާނެ ކަމަށާއި ދުންފަތް ވިއްކުމުގެ ވިޔަފާރިތައް އަދި އެކަމާގުޅޭ އެއްވެސް ކަމެއްގައި ޝާމިލުވެގެން ނޫޅޭނެ ކަމަށް ބުނެ އިގުރާރެއްވެ އިގުރާރުގައި ސޮއިކޮށްފަ އެވެ.