ދިވެހި ރައްޔިތުންނަށް ދިނުމަށް ސައުދީ އަރަބިއާގެ ސަރުކާރުން ހަވާލުކޮށްފައިވާ ކަދުރުތައް ބެހުމަށް ކްލަބް ޖަމްއިއްޔާތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

ހައުސިން މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު އަބްދުﷲ ޝަރީފް މިއަދު ސަން އަށް ވިދާޅުވީ ކްލަބް ޖަމްއިއްޔާތަކަށް އެ ފުރުސަތު ހުޅުވާލުމުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި ކަދުރު ބަހަން ބޭނުން ކޮންމެ ޖަމްއިއްޔާއަކަށް ވެސް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ކަނޑައަޅާ ގޮތެއްގެ މަތިން ޖަމްއިއްޔާތަކަށް އެ ފުރުސަތު ދެމުން މިދަނީ. ކޮންމެ ޖަމްއިއްޔާ އަކަށް ވެސް އެ ފުރުސަތު ވަނީ ހުޅުވާލެވިފައި،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލޭ ރައްޔިތުންނަށް ކަދުރު ބެހުމުގެ ކަންތައް ކުރިއަށްދަނީ ހައުސިން މިނިސްޓްރީގެ އާންމު ޚިދުމަތްތަކާ ބެހޭ ބައިން ކަމަށެވެ. ކަދުރު ބެހުމަށް ހުޅުމާލެ އާއި ވިލިމާލެއަށް ކަދުރު ކޭސްތަކެއް މިހާރު ވަނީ ފޮނުވާފައި ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ ސަދަގާތް ފައުންޑޭޝަނުން ވެސް ދާދިފަހުން ވަނީ ފަގީރުންނަށް ކަދުރުބަހައިފަ އެވެ.

އެކަމާ ގުޅިގެން ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ނެރުނު ބަޔާނެއްގައި ވަނީ ކަދުރު ބެއްސެވުމުގައި އެކަމަނާ އަދާކުރެއްވި ދައުރު ފާހަގަކުރައްވައި ޝުކުރު އަދާކޮށްފަ އެވެ.