16 Jun 2016, 21:53
ޔަމަންގެ ހަނގުރާމަ ނިމުމަކަށް އައިސްފައިވާ ކަމަށް ޔަމަނަށް އަސްކަރީ ގޮތުން ވަދެގަނެގެން އުޅޭ އަރަބި ކޯލިޝަންގައި ހިމެނޭ ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) އިން ބުނެފި އެވެ.
ޔޫއޭއީގެ ޚާރިޖީ ކަންތައްތަކާ ބެހޭ ދައުލަތުގެ ވަޒީރު އަންވަރު ގަރްގާޝް ވިދާޅުވީ ޔަމަންގެ ހަނގުރާމަ އަމަލީ ގޮތުން ނިމިއްޖެ ކަމަށާއި ދެން އޮތީ ޔަމަނަށް ސުލްޙަ ގެނަސް ޔަމަން އަލުން ބިނާކޮށް އާރާސްތު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުން ކަމުގަ އެވެ. މިއީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ގަރްގާޝް ވިދާޅުވި އެވެ.
ޔަމަންގެ ދާޚިލީ ހަނގުރާމައިގާ އެ ގައުމުގެ ސަރުކާރުގެ ޙިމާޔަތުގައި ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން އަރަބި ކޯލިޝަނެއް އެކުލަވާލައި އެ ކޯލިޝަނުން ވަނީ ޔަމަންގެ އިދިކޮޅު ހޫޘީންނާއި ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙްގެ ބާރުތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށް މިދޔަ އަހަރުގެ މާޗު މަހު ޔަމަނަށް ވަދެގެންފަ އެވެ. ނަމަވެސް އެއް އަހަރަށް ވުރެ ދިގު މުއްދަތަށް ކުރިޔަށް ދިޔަ މި ހަނގުރާމައިގާ އަރަބި ކޯލިޝަނަށް ހޫޘީންނާއި އަލީ ސާލިޙްގެ ބާރުތައް ބަލިކުރެވިފައެއް ނުވެ އެވެ. އަދި ހޫޘީންގެ އަތްދަށުގައިވާ ޔަމަންގެ ވެރިރަށް ސަންޢާ މިނިވަން ވެސް ކުރެވިފައެއް ނުވެ އެވެ. ނަމަވެސް އެ ކޯލިޝަނަށް ވެސް ހޫޘީންނާ ދެކޮޅަށް ބައެއް ކާމިޔާބީތައް ލިބިފައިވެ އެވެ. މީގެ ތެރޭގައި އަދަން ފަދަ ރައްރަށުން ޙޫޘީން ފަހަތަށް ޖައްސައި އަދަން އަލުން ޔަމަނުގެ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނައުން ހިމެނެ އެވެ.

އަރަބި ކޯލިޝަންގެ އަސްކަރީ ފައިޓަރޖެޓްތައް
އީރާނުގެ ތާއީދު ލިބިފައިވާ ހޫޘީންނަކީ އީރާނުގެ އަސްކަރީ މަދަދުވެސްލިބޭ ޖަމާއަތެއް ބައެއްކަމަށް އަރަބި ކޯލިޝަނުން ތުހުމަތު ކުރި ނަމަވެސް އީރާނުގެ އަސްކަރީ އެއްވެސް އެހީތެރިކަމެއް ނުލިބޭ ގޮތަށް އަރަބި ކޯލިޝަނުންވަނީ ޔަމަންގެ ކަނޑުގެ ސަރަހައްދުތައް ހިސާރުކޮށްފައި އޮތުމުން އީރާނުގެ އަސްކަރީ މަދަދު އެޖަމާއަތަށް ނުލިބޭކަމުގެ ހެއްކެތް ނެތްކަމަށް އދ. ބުނެ އެވެ. އީރާނުގެ އަސްކަރީ އެހީނުލިބޭއިރު ވެސް ހޫޘީންނާއި އަލީ ސާލިޙްގެ ބާރުތައް ބަލިކުރުމުގައި ސައޫދީއަރަބިޔާއާއި ގަތަރާއި ޔޫއޭއީ ފަދަ އެމެރިކާގެ އެންމެ ޒަމާނީ ހަތިޔާރު ލިބިފައިވާ ގަލްފުގެ މުއްސަނދި ގައުމުތަކަށް ކާމިޔާބު ލިބިފައެއް ނުވެ އެވެ. އަދި ހޫޘީންގެ ހަމަލާތަކުގައި އަރަބި ލަޝްކަރުގެ އެތަށް ސަތޭކަ ބަޔަކު މަރުވެފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
އަރަބި ކޯލިޝަންގެ ވައިގެ ހަމަލާތަކުގެ ސަބަބުން ޔަމަންގެ ގިނަ ސިޓީތަކާއި އަވަށްތަކާއި ވިލެޖްތައް ވަނީ ހަލާކުވެ ވީރާނާވެފަ އެވެ. އަދި ޔަމަންގެ ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި އެއާޕޯޓްތަކާއި އާންމުންގެ ގެދޮރާއި އިމާރާތްތައް ފަދަ މަދަނީ އިންފްރާސްޓްރަކްޗަގެ ބޮޑުބައެއް ވެސް ވަނީ ހަލާކުވެފަ އެވެ. ޔަމަންގެ ހަނގުރާމައިގެ މަގްސަދު ހާސިލްނުވެ އެހަނގުރާމަ ދިގުލައިގެން ދިޔުމާ އެކު ހަނގުރާމައިގެޚަރަދުތައް އެތައް ބިލިޔަން ޑޮލަރަކަށް އަރައިގެންދިޔުމުން ސައޫދީ އަރަބިޔާއަށް އަށްވަނީ މާލީ މައްސަލަތައް ކުރިމަތިވެ ހަނގުރާމަ ހުއްޓާލުމަށް މަޖްބޫރުވެފަ އެވެ. އަދި ސައޫދީން އިސްނަގައިގެން ހޫޘީންނާއެކު ރިޔާޒްގައި ވަނީ ސުލްހައިގެ ވާހަކަތައް ވެސް ފަށާފަ އެވެ.
އެއަށް ފަހު ޔަމަންގެ ސުލްހައިގެ ވާހަކަތައް މިހާރު ކުރިޔަށްދަނީ ސައޫދީގެ ރުހުމާއެކު ކުވައިތުގަ އެވެ. ޔަމަންއަށް އަރަބި ކޯލިޝަނުން ދިން ވައިގެ ހަމަލާތަކުގައި އެގައުމުގެ އެތަށް ސަތޭކަ ކުޑަކުދިން މަރުވުމާ ގުޅިގެން އދ. ންވަނީ އަރަބި ކޯލިޝަން އދ.ގެ ބްލެކްލިސްޓަށް ވެސް އަރުވާފަ އެވެ. ނަމަވެސް މިއާއެކު ސައޫދީއާއި ގަލްފުގެ އެހެން ގައުމުތަކުގެ ވަރުގަދަ ފިއްތުންތަކާ ގުޅިގެން އދ. ން ވަނީ ބްލެކްލިސްޓުން އަރަބި ކޯލިޝަން އުނިކޮށްފައެވެ. އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީމޫންވަނީ އދ.ގެ ބްލެކްލިސްޓުން އަރަބި ކޯލިޝަން އުނިކުރީ ސައޫދީގެ ފިއްތުތަކާ ގުޅިގެންކަމަށް ވިދާޅުވެ އެކަމާމެދު ހިތާމަ ކުރައްވާކަން ބަޔާން ކުރައްވާފަ އެވެ.

އަރަބި ކޯލިޝަންގެ ހަމަލާތަކުގައި ހަލާކުވެފައިވާ ޔަމަންގެ އިމާރާތްތަކެއް
އެމެރިކާ ވެސް ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް ފަލަސްތީނުގެ ކުޑަކުދިން ޝަހީދުކުރުމުގެ ލާއިންސާނީ ޖަރީމާތައް ހިންގަމުން ގެންދާ ހަރުކަށި އިސްރާއީލުގެ ނަން އދ.ގެ ބްލެކް ލިސްޓަށް އެރިޔަ ނުދިނުމަށް ޓަކައި އެމެރިކާއިން ވެސް ތަކުރާރުކޮށް އދ. އަށް ފިއްތުންތައް ކުރިމަތިކުރަމުން ގެންދާ ކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާ އިން ވަނީ އެއްބަސްވެފަ އެވެ.
ކުވައިތުގައި ކުރިޔަށްދާ ޔަމަންގެ ސުލްހައިގެ ވާހަކަތަކުން މާބޮޑު ނަތީޖާއެއް ނުނުކުމެ އެވެ. މިކަމުގެ ސަބަބަކީ ޔަމަންގެ ސަރުކާރުންނާ އަދި އިދިކޮޅު ހޫޘީން ވެސް ގޮތްދޫކުރަން ބޭނުން ނުވުމެވެ. ސައޫދީ ވާގިވެރިވާ ޔަމަންގެ ސަރުކާރު ބޭނުން ވަނީ ޔަމަންގެ މައްސަލަ ސިޔާސީގޮތުން ހައްލު ކުރުމުގެ ކުރިން ހޫޘީންނާއި ކުރީގެ ރައީސް ސާލިޙްގެ ބާރުތަކުން ހަތިޔާރު ބަހައްޓާށެވެ. ހޫޘީންނާއި ސާލިޙްގެ ބާރުތަކުން ބޭނުންވަނީ ހަތިޔާރު ބެހެއްޓުމުގެ ކުރިން ސިޔާސީ ގޮތުން ޔަމަންގެ މައްސަލަ ހައްލުކޮށް އެ ދެ ފަރާތަށް ވެސް ޔަމަންގެ ސިޔާސީ މަސްރަހުން ޖާގަ ލިބުމެވެ.
މިކަމަށްޓަކައި އެދެފަރާތާ އަދި ޔަމަންގެ އެހެން ހުރިހާ ޕާޓީތަކާއި ސިޔާސީ ޖަމާއަތްތައް ގުޅިގެން ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އުފެއްދުމަށް ހޫޘީންނާއި ކުރީގެ ރައީސް ސާލިހްގެ ބާރުތަކުންވަނީ ހުށަހަޅާފައެވެ. ނަމަވެސް ޔަމަންގެ ސަރުކާރާއި އެސަރުކާރަށް ވާގިވެރިވާ ގަލްފުގެ ގައުމުތައް މިކަން ގަބޫލުކުރުމަށް ގެންދަނީ ފަސްޖެހެމުންނެވެ. (ނޫސްއެޖެންސީތައް)