ނޫސްވެރިކަން ކުރުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާ ގޮތަށް ހަދައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަނބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމުގެ ބިލު އަނބުރާ ގެންގޮސް، އާ ބިލެއް މަޖިލީހަށް ވައްދައިފި އެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ހުށަހަޅުއްވާފައިވާ އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލު އަބުރާ ގެންދިޔައީ އެ ބިލާ ގުޅުން ހުރި އާ ބިލެއް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާތީ އެވެ.

"އެ ބިލަކީ އަޅުގަނޑު އަމިއްލަ އަށް ލީ ބިލެއްތާ. މިއަދު ސަރުކާރުން އޭގެ އާ ވާޝަން އެއް ލައިފި މިއަދު. ސަރުކާރުން އެއަށްވުރެ ރަނގަޅު ވާޝަން އެއް ލީމަ އަޅުގަނޑުގެ ބިލް އަނބުރާ ގެންދިޔައީ،" ނިހާނު ވިދާޅުވި އެވެ.

އަބުރު ބަދަލު ނަގައިދިނުމާ ގުޅުން ހުރި އާ ބިލެއް މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދެވެ.

ޖައުފަރު ދާއޫދު މިރޭ "ސަން"އަށް ވިދާޅުވީ އޭނާ ހުށަހަޅުއްވާފައިވާ ބިލުގައި އަބުރާ ބެހުމުން ކުރާ ޖޫރިމަނާގެ އަދަދު ކުޑަ ވާނެ ކަމަށާއި އަދި ޖޫރިމަނާ ނުދެއްކިއްޖެނަމަ ޖަލަށް ދާންޖެހޭނެ ކަމަށެވެ. ނަމަވެސް ޖަލު ހުކުމުގެ މުއްދަތު ވެސް ކުރުވާނެ ކަމަށް ޖައުފަރު ވިދާޅުވި އެވެ.

ނިހާން ހުށަހެޅުއްވި ބިލް އަނބުރާ ގެންދެވި އިރު، ސަރުކާރުގެ ފަރާތުން މިއަދު އަބުރު ރައްކާތެރި ކުރުމުގެ އެހެން ބިލެއް މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު އެވެ.

ބިލާ ގުޅޭގޮތުން ޖައުފަރު ދާއޫދު 'ސަން' އަށް ވިދާޅުވީ އެ ބިލުގައި ވެސް ހިމެނިފައި ވާނީ އަބުރާ ބެހެވޭ ގޮތްތަކާއި، އަބުރުގެ ދިފާއުތަކާއި އަބުރު ރައްކާތެރި ކުރުމަށް ގާނޫނުން ލިބިދޭ ރައްކާތެރިކަން ކަމަށެވެ.

"އުސޫލެއްގެ ގޮތުން މީގައި ދެ ބައެއް އޮވޭ. އެއީ މީޑިއާތަކުން ފަތުރާ ހަބަރުތަކާއި ދައްކާ ވާހަކަތަކާއި މިއާ ގުޅޭގޮތުން ހިމެނިފައި ހުރި ބައިތަކަކާއި، ދެން ފަރުދުންގެ ހައިސިއްޔަތުން އެކި އެކި ފޯރަމްތަކާއި ތަންތަނުގައި އެހެން ފަރުދުންނާ ދައްކާ އަބުރާ ގުޅުން ހުރި ވާހަކަތައް އާންމުކޮށް ހުންނާނީ،" ޖައުފަރު ވިދާޅުވި އެވެ.

ޖައުފަރު ވިދާޅުވީ އެ ބިލުގައި ވެސް އަބުރާ ބެހުމަކީ މަދަނީ މައްސަލައެއްގެ ގޮތުގައި ހުށަހަޅާ ޖޫރިމަނާ ނުދެއްކިއްޖެނަމަ ޖިނާއީ ދައުވާ ކުރެވޭ ގޮތަށް ކަނޑައަޅައިފައި އޮންނާނެ ކަމަށެވެ.

"މި ބިލުގައި އައިސްފައި ހުރި މައިގަނޑު ބަދަލަކީ، ފުރަތަމަ ފަހަރަށް މަދަނީ ކުށެއްގެ ގޮތުގައި ކުރާ ދައުވާގައި ދައްކަން ޖެހޭ ޖޫރިމަނާ ކުޑަވުމާއި، ޖޫރިމަނާ ނުދައްކައިފި ނަމަ އާންމުގޮތެއްގައި ޖިނާއީ ކުށެއްގެ ގޮތުގައި ކުރެވޭ ދައުވާގެ އަދަބު ކުޑަ ވާނެ. އެއީ މައިގަނޑު ތަފާތަކީ ނިހާނުގެ ޑްރާފްޓާ މި ޑްރާފްޓާ،" ޖައުފަރު ވިދާޅުވި އެވެ.