ބަޔާން މިއުނިކްގެ ޕޮލެންޑް ފޯވާޑްރޮބާޓް ލެވަންޑޯސްކީ، ޖަރުމަނު ލީގު ދޫކޮށް އިނގިރޭސި ޕްރިމިއަރ ލީގަށް ބަދަލުވާން ތައްޔާރަށް ހުރި ކަމުގެ އަޑުތައް ފެތުރިއްޖެއެވެ.

ޑެއިލީ މެއިލްއާއި ގާޑިއަންގައި ރިޕޯޓްކޮށްފައިވާ ގޮތުން، ޕޮލެންޑް ކެޕްޓަން ލެވަންޑޯސްކީ ބަޔާންގައި މިހާރު ހުރީ ހުންނަ ހިތަކުންނޫނެވެ. އަދި މިވަގުތު އޭނާ ދާން އެންމެ ބޭނުންވާ ސްޕެއިންގެ ރެއާލް މެޑްރިޑުން އެ ފުރުސަތު ނުލިބިއްޖެ ނަމަ، ޕްރިމިއަރ ލީގުގެ ކްލަބަކަށް ބަދަލުވާންވެސް އޭނާ ހުރީ ތައްޔާރަށެވެ.

ޖަރުމަނުގެ ޗެމްޕިއަން ބަޔާންގައި ލެވަންޑޮސްކީ މިހާރު ހުރި ހާލަތު އެނގުމުން ޕްރިމިއަރ ލީގުގެ ކްލަބްތަކުން ހަމަ ގައިމުވެސް ތިބޭނީ އޭނާ ގެންނާން ކެތްމަދުވެފައިކަން ޔަގީނެވެ.

ބަޔާން މިއުނިކްގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ބޭނުންވަނީ އެހެން ކްލަބަކަށް ބަދަލުވާން ކަމަށް އަޑުތައް ފެތުރިފައިވޭ -- ފޮޓޯ: ގޯލް.ކޮމް

ނަމަވެސް އުފެދޭ ބޮޑު ސުވާލަކީ، ލެވަންޑޯސްކީ ބޭނުންވާނީ ބަޔާންގައި އޭނާއަށް ކޯޗްކޮށްދިން، މިހާރު މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޮލާއާ ގުޅެންތޯ ނުވަތަ، ބޮރޫޝާ ޑޯޓްމަންޑުގައި އޭނާއަށް ކޯޗު ކޮށްދިން، މިހާރު ލަވަޕޫލްގެ ކޯޗު ޔާގަން ކްލޮޕްއާ ގުޅުންތޯއެވެ.