ލަންޑަން (ޖޫން 17): އިއްޔެ ބަޑިޖަހައި އަވަހާރަކޮށްލި އިނގިރޭސިވިލާތުގެ ޕާލަމެންޓް މެންބަރު ޖޯ ކޮކްސް އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު މިއަހަރުގެ ކުރީކޮޅު އެކަމަނާއަށް ލިބުނު ކަމާއި އެކަން ލަންޑަން މެޓްރޮޕޮލިޓަންގެ ފުލުހުންގެ އިދާރާ (ސްކޮޓްލެންޑް ޔާޑް) އަށް އަންގާފައިވާ ކަމަށް އިނގިރޭސި ނޫސް ތަކުން ހާމަކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ބައެއް ނޫސްތައް ބުނާ ގޮތުން ޖޯ ކޮކްސް އަވަހާރަކޮށްލާނެ ކަމުގެ އިންޒާރުދޭ އެތަށް މެސެޖެއް އެކަމަނާއަށް ލިބިފައިވާއިރު އެކަން އެކަމަނާވަނީ ސްކޮޓްލެންޑް ޔާޑް އާ ހިއްސާކޮށްފައެވެ. މިއިންޒާރުތަކާ ގުޅިގެން މިދިޔަ މާޗްމަހު ލަންޑަންގެ ފުލުހުން މީހަކާ ސުވާލުކުރުމަށްފަހު ހެކިނެތިގެން އެމީހާ ދޫކޮށްލާފައިވެއެވެ. ކޮކްސްގެ ހަށިކޮޅަށް ބަޑިޖަހައި އަވަހާރަކޮށްލުމާ ގުޅިގެން ވެސްޓް ޔޯކްޝަރ ގެ ފުލުހުން ހައްޔަރުކޮށްފައިވާ އުމުރުން 52 އަހަރުގެ މީހާއަކީ މާޗް މަހު ހައްޔަރުކުރި މީހާ ނޫންކަމަށް ލަންޑަންގެ ފުލުހުންގެ އިދާރާއިން ބުނެއެވެ. ނަމަވެސް މި އިންޒާރަށްފަހު ޖޯގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ލަންޑަންގެ ފުލުހުން ވަކި ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިނުވާއިރު ޖޯ އަވަހާރަކޮށްލުމާ ގުޅިގެން އިނގިރޭސި ފުލުހުންވަނީ އެގައުމުގެ ކަންކޮޅުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

ރޭގެ ވަގުތެއްގައި ޖޯ ގެ ގައިކޮޅަށް ބަޑިޖަހައި އަވަހާރަކޮށްލާފައި ވަނީ އޭނާގެ ދާއިރާ ކަމަށްވާ ބެޓްލީ އެންޑް ސްޕެންގެ ސަރަހައްދެއް ކަމަށްވާ ބްރިސްޓޯލްގެ މަގެއްގެ މަތިން ވަޑައިގަންނަވަނިކޮށެވެ. ބްރިސްޓޯލަކީ އިނގިރޭސިވިލާތުގެ އުތުރުގެ މަޝްހޫރު ސިޓީއެއްކަމަށްވާ ލީޑްސްގެ ކައިރީގައިވާ ސަރަހައްދެކެވެ. ބަޑިޖެހުމުގެ އިތުރުން ޖޯގެ ހަށިކޮޅުގެ ތިންތަނަކަށް ވަޅިވެސް ޖަހައި އެކަމަނާގެ ހަށިކޮޅު ވަރަށްބޮޑަށް ޒަޚަމްކޮށްލާފައިއެވެ. ޖޯއަށް ހަމަލާދިނީ ބްރިސްޓޯލްގައި އޭނާގެ ދާއިރާގެ ބައެއްމީހުންނާއެކު ބޭއްވި ކޭންޕޭން ބައްދަލުވުމަކުން ނުކުމެވަޑައިގެންވި ވަގުތުކަމަށްވެއެވެ.

ޖޯގެ ގައިކޮޅަށް ބަޑިޖެހުމުން ވެއްޓުމާއެކު ލޭފައިބަނީ

މި ކޭންޕޭންއަކީ ޔޫރަޕްގެ އިއްތިޙާދުގެ މެންބަރެއްގެ ގޮތުގައި އިނގިރޭސިވިލާތް އޮތުމާމެދު ރައްޔިތުން ދެކޭގޮތް ބެލުމަށްޓަކައި ނެގުމަށްހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓުގައި އެއިއްތިޙާދުގައި އިނގިރޭސިވިލާތް އޮތުމަށް ވޯޓުލުމަށް އެސަރަހައްދުގެ ރައްޔިތުންނަށް ބާރުއެޅުމުގެގޮތުން ބޭއްވި ކޭމްޕޭން ބައްދަލުވުމެކެވެ. ޖޯ އަވަހާރަކޮށްލުމާ ގުޅިގެން މުޅި އިނގިރޭސިވިލާތަށް ޝޮކެއް ލިބިފައިވާއިރު އިނގިރޭސި ވަޒީރުންގެ މަޖިލީސް ހުންނަ ސަރަހައްދު ކަމަށްވާ ވައިޓް ހޯލް ސަރަހައްދުގައި އިނގިރޭސި ރަސްމީ ދިދަވަނީ ބައިދަނޑިއަށް ތިރިކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުން ޖޯގެ މަރާގުޅިގެން ވެސްޓް ޔޯކްޝަރގެ ފުލުހުން ހައްޔަރުކުރި މީހާއަކީ އިނގިރޭސިވިލާތުގައި ހަރަކާތްތެރިވާ ހައްދުފަހަނަޅާފައިވާ ދޮންމީހުންގެ ނެޝަލިސްޓުންގެ ޖަމާއަތަކަށް ނިސްބަތްވާ މީހެކެވެ. ޖޯމަރާލި ކަމަށް ތުހުމަތު ކުރެވޭ މިމީހާގެ ނަމަކީ ތޯމަސްމަޔަރ އެވެ. ދޮންމީހުންގެ ނެޝަލިސްޓުންގެ މި ޖަމާއަތަކީ އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިހާދުން ވަކިވުމަށް ތާއީދުކުރާ ޖަމާއަތެކެވެ. މީގެއިތުރުން އެޖަމާއަތަކީ އިނގިރޭސިވިލާތަކީ ހަމައެކަނި އިނގިރޭސި އޮރިޖިނަލް ދޮންމީހުންގެ ދައުލަތަކަށް ހެދުމަށާއި އިނގިރޭސިވިލާތަށް ހިޖްރަކޮށްގެން އެގައުމުގައި ދިރިއުޅޭ ކަޅުމީހުންނާއި އޭޝިޔާ ދަރިކޮޅު މީހުންފަދަ މުހާޖިރުން އިނގިރޭސިވިލާތުން ބޭރުކުރުމަށް މަސައްކަތްކުރާ ނަސްލީ އިމްތިޔާޒުގެ ފިކުރުގެ ޖަމާއަތެއްކަމަށް ވެއެވެ. ހިލޭ ސާބަހަށް މަސައްކަތްކުރާ އެމެރިކާގެ ލޯފާމެއްކަމަށްވާ ސަދަން ޕަވަޓީ ލޯސެންޓަރުގެ ތަޖްރިބާކާރަކުވަނީ މިޖަމާއަތުގެ ނުރައްކަލާބެހޭގޮތުން ދާދިފަހުން ވާހަކަ ދައްކަވާފައެވެ.

ޖޯގެ އަވަހާރަކޮށްލުމާ ގުޅިގެން ހިތާމަ ފާޅުކުރުމުގެ ގޮތުން މާބޮޑިތަކެއް ބާއްވާފާ

ބުރާސްފަތި ދުވަހު ބަޑިޖަހައި އަވަހާރަކޮށްލި އިނގިރޭސި ޕާލަމެންޓް މެންބަރު ޖޯ ކޮކްސްއަކީ އިނގިރޭސިވިލާތުގެ އިދިކޮޅު ލޭބަރ ޕާޓީއަށް ނިސްބަތްވާ މެންބަރެކެވެ. އެކަމަނާއަކީ ފަލަސްތީނުގެ ހައްގުތަކަށް ވަކާލާތު ކުރެއްވުމުގެ އިތުރުން ހާލުގައި ޖެހިފައިވާ ސޫރިޔާގެ ރެފިއުޖީންގެ ގިނަބަޔަކު އިނގިރޭސިވިލާތަށް ހިޖްރަކުރުމުގެ ހުއްދަ ދިނުމަށް އިނގިރޭސި ޕާލަމެންޓްގައާއި އިނގިރޭސި ސިޔާސީ މަސްރަހުގައި ވާކާލާތު ކުރައްވަމުން ގެންދަވާ ހިތްހެޔޮ މިޒާޖެއްގެ ބޭފުޅެކެވެ.

އަވަހާރަކޮށްލި ޖޯ ގެ އުމުރަކީ 41 އަހަރެވެ. އޭނާގެ ފިރިއަކާއި ދެ އަންހެން ކުދިން ތިބެއެވެ. އެދެކުދިންގެ ތެރެއިން އެއްކުއްޖެއްގެ އުމުރަކީ ތިން އަހަރެވެ. އަނެއްކުއްޖާގެ އުމަރަކީ ފަސްއަހަރެވެ. (އިނގިރޭސި މީޑީޔާ)