ރިތޭޝް ސިދްވާނީ އަދި ފަރްހާން އަޚްތަރު ޕްރޮޑިއުސް ކުރާ 'ޑޮން' ފްރެންޗައިޒްގެ ތިން ވަނަ ފިލްމުން، ކާމިޔާބު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ނުފެންނާނެކަން ޔަގީންވެއްޖެ އެވެ.

ދެހާސް ހަ ވަނަ އަހަރު ރިލީޒްކުރި ޑޮންގެ ފުރަތަމަ ފިލްމާއި 2011 ވަނަ އަހަރު ނުކުތް ދެވަނަ ފިލްމުގައި ވެސް ޕްރިޔަންކާ ފެނިގެން ގޮސްފައިވެ އެވެ.

ނަމަވެސް، ކުރިއަށް އޮތް ޑޮންގެ ތިންވަނަ ފިލްމުގައި، ޕްރިޔަންކާ އަދާކުރަމުން ދިޔަ "ރޯމާ"ގެ ރޯލުން ފެނިގެންދާނީ އެހެން ފަންނާނެއް ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމާ ގުޅުން އޮންނަ ފަރާތަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ޕްރިޔަންކާ އަދާކުރަމުން އައި ރޯލު އެހެން އެކްޓަރަކަށް ދީފައި ވަނީ، ޕްރިޔަންކާ އާއެކު އެ ފްރެމްޗައިޒްގައި އިތުރަށް މަސައްކަތް ކުރަން ފިލްމުގެ ޕްރޮޑިއުސަރުން ބޭނުން ނުވާތީ ކަމަށް ހަބަރުތައް ބުނެ އެވެ. އަދި ޕްރިޔަންކާވެސް އެ ޕްރޮޑަކްޝަން ޓީމާ އެކު 'ޑޮން'ގެ އިތުރު މަސައްކަތެއް ކުރަން ބޭނުން ނުވާ ކަމަށްވެ އެވެ.

އޭގެ އިތުރުން، ހިންދީ ފިލްމެއްގައި މަސައްކަތް ކުރުމަށް ވުރެ ބޮޑަށް، ޕްރިޔަންކާގެ ވިސްނުން މިވަގުތު ހުރީ ހޮލީވުޑްގެ މަސައްކަތްތަކަށް ކަމަށް ހަބަރުުތައް ބުނެ އެވެ.

ބެލެވޭ ގޮތުގައި، 'ޑޮން 3' އިން ދެން ފެނިގެންދާނީ ކެޓްރީނާ ކައިފް އެވެ.