ރާއްޖެއަށް ބިދޭސީން ގެންނަ އޭޖެންސީތަކުގެ ތެރެއިން، ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީތަކާ ބެހޭ ގަވައިދާ ޚިލާފަށް އަމަލުކުރާ ފަރާތްތަކާ މެދު މިހަފްތާގެ ހުކުރު ދުވަހުން ފެށިގެން ފިޔަވަޅު އަޅާން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީތަކާ ބެހޭ ގަވައިދަށް އިސްލާހު ގެނެސް، 24 މާޗު ވަނަ ދުވަހު ގެޒެޓުގައި ޝާއިއުކޮށްފައިވާ އިރު، އެ ގަވައިދާ އެއްގޮތަށް އެ އޭޖެންސީތަކުގެ މަސައްކަތްތައް ފެއްތުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދީފައި ވެ އެވެ. އެ މުއްދަތު ހަމަވާނީ މިހަފްތާގެ ހުކުރު ދުވަހު އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޕޮލިސީ ކޮންސަލްޓަންޓް ސައީދާ އުމަރު މިއަދު ވިދާޅުވީ، ރާއްޖޭގައި ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީތައް ނުވަތަ ރާއްޖެއަށް ބިދޭސީ މަސައްކަތްތެރީން ގެންނަ 300 ވަރަކަށް އޭޖެންސީ ރަޖިސްޓްރީކޮށް، ލައިސަންސް ނަގައިގެން އޮޕަރޭޓު ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ކޮންމެ ހަފްތާއަކު ވެސް އޭޖެންސީތައް ޗެކު ކުރުމުގެ މަސައްކަތް ކުރި ކަމަށާއި ނަމަވެސް ގިނަ އޭޖެންސީތައް، މިނިސްޓްރީއަށް ދީފައިވާ އެޑްރެސްތަކުގައި ހިންގަމުން ނުދާ ކަމަށް ސައީދާ ވިދާޅުވި އެވެ.

"އެގޮތުން 107 ފަރާތެއް އެ މުއްދަތުގެ ތެރޭގައި އިންސްޕެކްޓް ކުރި އިރު، އަޅުގަނޑުމެންނަށް ދީފައިވާ އެޑްރެސްތަކުގައި އޮޕަރޭޓުކުރާ ކަމަށް ފާހަގަ ކުރެވިފައި ވަނީ ހަމައެކަނި 15 ތަނެއް. ބާކީ ތަންތަނުގައި އަޅުގަނޑުމެންނަށް ދެއްވާފައިވާ އެޑްރެހުގައި އެފަރާތްތަކުގެ އޮފީސް ހިންގަމުންދާ ކަމުގެ މައުލޫމާތާއި، އެތަންތަނެއް ވެސް ނެތް،" ސައީދާ ވިދާޅުވިއެވެ.

ސައީދާ ވިދާޅުވީ، އެ އެމްޕްލޯއިމަންޓް އޭޖެންސީއާ ބެހޭ ގަވައިދު އިސްލާހުކޮށް، އަލުން ގެޒެޓު ކުރަންޖެހުނު މައިގަނޑު ސަބަބަކީ ރެކްރޫޓްމެންޓުގެ ދާއިރާގައި ބޮޑެތި މައްސަލަތަކެއް ހުރުމުން ކަމަށެވެ. އާންމު ގޮތެއްގައި ކުންފުނިތަކުން ބިދޭސީންނަށް އޮޅުވާލައިގެން ރާއްޖެ ގެނައުން ފަދަ ޝަކުވާތައް ލިބޭ އިރު، އާ ގަވައިދުގައި މި ޝަކުވާތައް އެޑްރެސްކުރާ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރާ ކަމަށް ސައީދާ ވިދާޅުވި އެވެ.

"ގަވައިދު ގެޒެޓުކުރީ މި މައްސަލަތަކަށް އެޑްރެސްކުރުމަށާއި ރެކްރޫޓްމެންޓް ދާއިރާގައި ހުރި މައްސަލަތައް ރެގިއުލޭޓު ކުރެވި، ޓްރާންޕޭރެންޓު ގޮތެއްގައި ޚިދުމަތްތައް ފޯރުކޮށްދެވޭނެ ގޮތްތަކެއް ފަހިކޮށްދިނުމުގެ މަގްސަދުގައި" ސައީދާ ވިދާޅުވި އެވެ.

މީގެ އިތުރުން ސައީދާ ވިދާޅުވީ، ބައިނަލްއަގުވާމީ އެކި ފަރާތްތަކުން ހިއުމަން ޓްރެފިކިންއާ ބެހޭ ރިޕޯޓުތައް ނެރޭ އިރު، ރާއްޖޭގައި ރެކްރޫޓްމެންޓް ޕްރޮސެސް އޮންނަ ގޮތާ ބެހޭގޮތުން ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރާ ކަމަށާއި އާ ގަވައިދަށް އަމަލުކުރަން ފެށުމުން އެކަން ވެސް ހައްލު ވާނެ ކަމަށެވެ.

ސައީދާ ވިދާޅުވީ މި ގަވައިދަށް އަމަލު ނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ގަވައިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން ގަވައިދާ ޚިލާފުވާ ބައެއް ހާލަތްތަކުގައި ވަގުތީ ގޮތުން ހުއްދަ ސަސްޕެންޑު ކުރުމާއި، ކަންކަން ރަނގަޅު ނުކުރާ ނަމަ ހުއްދަ ބާތިލު ކުރުމާއި، 5،000 ރުފިޔާއިން ޖޫރިމަނާ ކުރުން ފަދަ އަދަބުތައް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގަވައިދާ ޚިލާފުވާ ކުޑަ ބޮޑުމިނެއްގެ މައްޗަށް ބަލައި، ގަވައިދާ ޚިލާފުވަނީ ކޮން ކަމެއްގެ މައްޗަށްތޯ ބަލާފައި އަޅުގަނޑުމެން ޕެނަލްޓީ އިމްޕޯޒް ކުރަމުން ދާނީ،" ސައީދާ ވިދާޅުވި އެވެ.