އަހަރެން އުފަންވީ ދީންވެރި ކެތޮލިކް އާއިލާއަކަށެވެ. އެންމެ ކުޑަ އިރުން ފެށިގެންވެސް އަަހަރެން ކަލަކުވާކަން ގަބޫލު ކުރީމެވެ. ނަމަވެސް، އަހަރެންގެ ހަޔާތުން ކޮންމެވެސް އެއްޗެއް މަދު ކަމަށް އަހަންނަށް އަބަދުވެސް އިހުސާސު ކުރެވެ އެވެ. އަހަރެންގެ ދިރިއުޅުމުގައި އެއްވެސް މިސްރާބެއް ނެތް ކަމަށް ހީކުރެވެ އެވެ. މިއީ އިސްލާމް ދީނާއި އަހަރެންގެ މުސްލިމް އެކުވެރިން އަހަރެންގެ ހިތުގައިވާ އެނުތަވަސްކަން ފިލުވައިދިން ގޮތުގެ ވާހަކައެވެ.

އަހަރެންގެ ނަމަކީ އޭމީ ކަޓަލަން އެވެ. އަހަރެން ވަރަށް ކުޑައިރު އަހަރެންގެ މަންމަ މަރުވެއްޖެ އެވެ. އެހެންކަމުން އަހަރެން އުޅެބޮޑުވީ، އަހަރެންގެ ހުރިހާ ކަމެއް އަމިއްލައަށް ބެލެއްހެޓި ބައްޕައާ ވަރަށް ގާތް ގުޅުމެއް ބާއްވައިގެންނެވެ. ބައްޕައެކޭ އެއްފަދައިން އަހަރެންވެސް ތައުލީމު ހާސިލު ކުރީ ކެތޮލިކް ސްކޫލުތަކުންނެވެ. ބައްޕައެކޭ އެއްފަދައިން އަހަރެންވެސް ހިޔާރު ކުރީ ޓީޗިން އެވެ. އޭރުވެސް އަަހަރެންގެ ހިތުގައި ފަޅު ކަމެއް އިހުސާސު ކުރެވެ އެވެ. ނަމަވެސް، އެފަޅުކަން ދިރިއުޅުމަށް ލިބި، އަހަރެންގެ ނުތަނަވަސްކަން އިންތިހާއަށް ދިޔައީ އަހަރެންގެ ބައްޕަ މިދުނިޔެ ދޫކޮށް ދިޔުމުންނެވެ.

ބައްޕަގެ މަރަށްފަހު އަހަރެން ކުރި އެއްވެސް ކަމަކުން އަހަރެންނަށް ހިތްހަމަޖެހުމެއް ނުލިބުނެވެ. އަހަރެން ތައުލީމީ ގޮތުން އެތައް ކުރި އެރުމެއް ހޯދީމެެވެ. އެތައް ޑިގްރީ އަކާއި ޕީއެޗްޑީ ވެސް ހާސިލު ކުރީމެވެ. އަހަރެން ދިރިއުޅެމުން އައި ފިލިޕީންސުގެ އެންމެ ފާހަގަކޮށްލެވޭ އެއް ޔުނިވާސިޓީން ވަޒީފާއެއް ހޯދައި އަހަރެންގެ މަސައްކަތަށް ހުރިހާ ވަގުތެއް ހުސް ކުރީމެވެ. އަދި އަހަރެންގެ ދީނަށް އިތުރަށް އަޅުވެތި ވެވޭތޯވެސް މަސައްކަތް ކުރީމެވެ. ނަމަވެސް އެދުވަސްވަރަކީ ކެތޮލިކް ޗާޗުގައި އެތައް މައްސަލައެއް ފެންމަތިވެގެން އުޅުނު ދުވަސްވަރެކެވެ. އެހެންކަމުން އަހަރެންގެ އަގީދާއާ މެދު އަހަރެން ސުވާލު އުފައްދަން ފެށީމެެވެ. ދުނިޔެ ހެއްދެވިފަރާތުގެ މެދުވެރިން ކަމަށް ބުނާ ފާދިރީންގެ ސައްހަ ކަމާ މެދު ޝައްކު އުފެދެން ފެށި އެވެ.

ކޮންމެއަކަސް، އޭގެއިން އެއްވެސް ކަމަކުން އުފަލެއް ނުލިބުމުން އަަހަރެން ނިންމީ ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރު ކުރަން ފަށާށެވެ. އެ ދަތުރުތަކަށް ބޭނުންވާ ވަރަށް ފައިސާ ހޯދުމުގެ އޮމާންގައި މަސައްކަތް ކުރަން އަހަރެން ނިންމީމެވެ. އަހަރެންނަަށް އޭރު އޮމާނާއި، އެގައުމުގެ ސަގާފަތާއި، މީހުންނާ ބެހޭ ގޮތުން މާގިނަ މައުލޫމާތެއް ނޭނގެ އެވެ. އަދި އެގައުމުގައި އުޅޭތާ މާގިނަ ދުވަހެއް ނުވެ އިސްލާމް ދީން ގަބޫލު ކުރާނެ ކަމަށް އެއްވެސް ވަރަކަށް ހީނުކުރަމެވެ. އެއީ އިސްލާމް ދީނާ ބެހޭ ގޮތުން އަހަރެން އިންޓަނެޓުން ހެދި ދިރާސާތަކުންނާއި މީހުން ދައްކާ ވާހަކައިން އަހަރެންނަށް އޭރު ހީވެފައި އޮތީ މުސްލިމުންނަކީ ހުސް ޓެރަރިޒަމްއާ މީހުން މެރުމާ ގުޅިފައިވާ ބައެއް ކަމަށެވެ. ނަަމަވެސް އޮމާންގެ މުސްލިމުންގެ ފަރާތުން އަަހަރެންނަށް ފެނިގެން ދިޔައީ މުޅިން ތަފާތު މަންޒަރެކެވެ.

އޮމާންގެ ޝޮޕިން މޯލްއެއްގެ ތެރެ --

އޮމާންގެ ރައްޔިތުން، ހާއްސަކޮށް އަހަރެންނާ އެކު މަސައްކަތް ކުރަމުން ދިޔަ ޓީޗަރުންނާއި ދަރިވަރުންގެ ފަރާތުން އަހަރެންނަށް މުޅިންވެސް ލިބުނީ ލޯތްބާއި އަޅާލުމެވެ. އެމީހުންގެ އެކުވެރި ކަމާއި އޮމާންގެ ރީތިކަން ފެނި އެގައުމާއި ގައުމުގެ މީހުން ދެކެެ އަހަރެންނަށް ލޯބިވެވުނެެވެ. އަދި އެތައް އަހަރުތަކެއް ފަހުން އަހަރެންނަށް އަހަރެން ދިރިއުޅެންވީ ތަން ފެނިފައިވާ ކަމުގެ އިހުސާސު ކުރެވުނެވެ. އެމީހުންގެ ސަގާފަތާ ބެހޭ ގޮތުން މައުލޫމާތު ހޯދަމުން ގޮސް އިސްލާމް ދީނަށް ވެސް އަހަރެންގެ ޝައުުގު އުފެދި އިސްލާމް ދީނާ ބެހޭ ގޮތުންވެސް މައުލޫމާތު އޮޅުން ފިލުވަން ފެށީމެވެ.

އިސްލާމް ދީނުގެ ކަންތައްތައް އަހަރެންނަށް އެންމެ ބޮޑަށް ކިޔައިދިން އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށްވާ އީސާ ބިލާއުއާ އަހަރެންނާ ދިމާވީ އެދުވަސްވަރު އެވެ. އޭނާ އަކީ އެހެން ދީނެއްގައި އުޅުމަށްފަހު އިސްލާމް ދީން ހިޔާރު ކޮށް ޔަމަނުގެ އަންހެނަކާ ކައިވެނިކޮށްފައިވާ މީހެކެވެ. އޭނާ ކުރިން ދިރިއުޅުނު މުޖުތަމައުގައި އަންހެނުންގެ އަހުލާގު ދަށްވެ އެފަދަ މީހަކާ ކައިވެނިކޮށްގެން، ހަމަނުޖެހުންތައް ގިނަ ދިރިއުޅުމެއް ހިޔާރު ކުރުމުގެ ބަދަލުގައި ދީންވެރި، ސާލިހު އަންހެނެއް ހޯދައިގެން އުފާވެރި ދިރިއުޅުމެއް ހޯދަން އިސްލާމް ދީނުގެ ގޮވާލުމަށް އޭނާ އިޖާބަ ދިން ގޮތުގެ ވާހަކަ އީސާ އަހަރެންނަށް ކިޔައި ދިނެވެ. އަދި އެވާހަކައިން އަހަރެންނަށް އެނގިގެން ދިޔައީ ސާލިހު މުސްލިމުން ދިރިއުޅެނީ އިއްފަތްތެރިކަމާއި ހިތްހަޖެހުން މަތީކަމެވެ. އަދި އޭނާގެ ލަފާގެ މަތިން އަހަރެން، ގުރުއާނުގައި އަންގަވާފައިވާ ކަންތައްތަކާ ބެހޭ ގޮތުންވެސް އުގެނެން ފެށީމެވެ.

އެހާ ހިސާބުން އަހަރެން ހުރީ އިސްލާމް ދީން ދެނެގަތުމަށް ފެން ބޮވާފައެެވެ. އެގޮތުން އަހަރެން އޮމާންގެ އިސްލާމިކް އިންފޮމޭޝަން ސެންޓަރުން އިންތިޒާމުކޮށްގެން ބޭއްވި ދަރުހަކަށް ދިޔައީމެވެ. އިސާގެ ފާނުގެ ވާހަކަ އަހަރެންނަށް އެނގުނީ އެތަނުންނެވެ. އީސާގެ ފާނު ގަތުލު ކުރަން މަސައްކަތް ކުރަން އުޅުނު މީހުންނަށް އެކަން ވަނީ ނާކާމިޔާބު ވެފައި ކަމަށާއި މާތް ﷲ ވަނީ އީސާގެ ފާނު އުޑަށް އުުފުއްލަވާފައި ކަން އެނގުމުން އަހަރެންގެ ހިތަށް ލިބުނު ހަމަޖެހުމާއި އުފާ ބަޔާން ކުރަންވެސް ދައްޗެވެ. އެވަގުތު އަހަރެން ނިންމީމެވެ. އިސްލާމް ދީނަކީ ހައްގު ދީނެެވެ. އަހަރެން މުސްލިމަކަށް ވާނަމެވެ.

އެދަރުސް ނިމުމުގެ ކުރިން ދަރުސް ދެއްވި ފަރާތުން އަޑު އަހަން ތިބި މީހުންނާ ސުވާލު ކުރި އެވެ.

"މާތް ﷲ އަހަރެމެން ދުނިޔެއަށް ފޮނުއްވުމުގެ މަގުސަދަކީ ކޮބާ؟"

"ދެ ސަބަބަކަށްޓަކައި: މާތް ﷲ އަށް އަޅުކަން ކުރުމަށާއި މާތް ﷲ ހައްދަވާފައިވާ ތަކެއްޗަށް ލޯބި ކުރުމަށް،" ފުރިހަމަ އިތުބާރާ އެކު، ގުރުއާނުން އެހާ ހިސާބަށް އުގެނިފައިވާ އާޔަތްތަކުގެ އަލީގައި ސުވާލަށް ޖަވާބު ދިނީ އަހަރެންނެވެ.