20 Jun 2016, 19:58
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުގެ ހަރަދުގައި ތައުލީމާއި ތަމްރީނު ފޯރުކޮށްދޭން ޖެހޭ ގޮތަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.
އެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމެވެ. ފައިސަލް ނަސީމް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން ތައުލީމާއި ތަމްރީނު ދިނުމަށް ރާއްޖޭގައި ގާއިމުކޮށްފައިވާ ތަންތަނުގެ ތެރެއިން، އެ ފަރާތަކުން އިހްތިޔާރުކުރާ ކޮންމެވެސް އެއްތަނަކުން ސަރުކާރުގެ ހަރަދުގައި ތައުލީމާއި ތަމްރީނު ލިބޭނެ ގޮތެއް ހަމަޖައްސައިދޭން ޖެހޭނެ ކަމަށެވެ.
އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް ފައިސަލް ނަސީމް ވިދާޅުވީ، އެއީ ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ދިމާވެފައިވާ ނުކުޅެދުމެއްގެ ސަބަބުން ދިރިއުޅުމުގެ ބޭނުންތައް އަމިއްލައަށް ފުއްދުމުގެ ގާބިލުކަން ނެތް މީހުންނަށް، އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
ހަމައެއާއެކު އެފަދަ ބިލެއް ފާސްވެ އަމަލުކުރަން ފެށުމުން މާލޭގެ އިތުރުން އަތޮޅުތަކުގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި، އެމީހުންގެ އާއިލާތަކަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކުން ސަލާމަތްވެ، ތައުލީމާއި ތަމްރީނު ހޯދުމަށް ފަހި ފުރުސަތުތަކެއް، ތަނަވަސްވެގެން ދާނެ ކަމަށް މެމްބަރު ވިދާޅުވި އެވެ.