21 Jun 2016, 12:36
ވޮޝިންޓަން (ޖޫން 21): އެމެރިކާގެ އޯލަންޑޯގެ ނައިޓްކްލަބެއްގައި މިދިޔަ ހަފްތާގެ އާދިއްތައިގައި ބަޑިން ހަމަލާދީ 49 މީހަކު މަރާލުމާ ގުޅިގެން އެގައުމުގެ ސެނެޓަށް ހުށަހެޅި ބަޑި ވިއްކުން ކޮންޓްރޯލު ކުރުމާ ބެހޭ ހަތަރު ބިލެއް ސެނެޓުން ބޭރުކޮށްލައިފި އެވެ.
އެމެރިކާގެ ވެރިކަން ކުރާ ޑިމޮކްރަޓިކް ޕާޓީ އާއި ސެނެޓުގައި މެޖޯރިޓީ އޮންނަ ރިޕަބްލިކަން ޕާޓީންވެސް ވަނީ ބިލުތައް ހުށަހަޅައިފަ އެވެ. ނަަމަވެސް އޭގެ އިން އެއްވެސް ބިލަކަށް ބިލު ފާސްވާން ބޭނުންވާ 60 ވޯޓު ލިބިފައެއް ނުވެ އެވެ.
ސެނެޓުން އެންމެ ފުރަތަމަ ވޯޓު ނެގީ ބަޑި ގަންނަ ފަރާތްތަކުގެ ބެކްގްރައުންޑް ޗެކް ކުރުމާ ބެހޭ ގޮތުންނެވެ. ޑިމޮކްރަޓިކް ޕާޓީން ހުށަހެޅީ ބަޑި ގަންނަ ކޮންމެ މީހެއްގެ ބެކްގްރައުންޑް ޗެކް ކުރުމަށެވެ. އަދި ރިޕަބްލިކަން ޕާޓީން ހުށަހެޅީ ބެކްގްރައުންޑް ޗެކް ކުރާ ނިޒާމުގެ ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކަށް ދައުވާ ކުރުމާ ބެހޭ ބިލެކެވެ. އެބިލަށް ތާއިދުކޮށް 57 ވޯޓު ލިބުނު އިރު ޑިމޮކްރަޓިކް ޕާޓީގެ ބިިލަށް ލިބުނީ 44 ވޯޓެވެ.
ޑިމިކޮރަޓިކް ޕާޓީން ދެން ހުށަހެޅީ އެފްބީއައިގެ ޓެރާ ވޮޗްލިސްޓުގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ބަޑި ވިއްކުން މަނާ ކުރާ ބިލެކެވެ. ނަމަވެސް އެފަދަ ބިލެއްގެ ސަބަބުން ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ ކުށް ނުކުރާ ފަރާތްތައް ބަޑި ގަތުމުގެ ހައްގުން މަހުރޫމު ވެގެންދާ ކަމަށް ބުނެ ރިޕަބްލިކަން ޕާޓީގެ ގިނަ މެމްބަރުން އެބިލަށް ތާއިދުކޮށްފައި ނުވެ އެވެ.
އަދި ރިޕަބްލިކަން ޕާޓީން ހުށަހެޅީ ޓެރާ ވޮޗް ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ބަޑި ވިއްކުން މަނާ ކުރުމުގެ ބަދަލުގައި، ލިސްޓުގައި ހިމެނޭ މީހަކު ބަޑިއެއް ގަންނަން މަސައްކަތް ކުރުމުން އެމީހުން ޓެރަރިޒަމްގެ އަމަލެއް ކޮށްފައިވޭތޯ ބެލުމަށް އެފްބީއައިއަށް ތިން ދުވަސް ދިނުމަށެވެ. ނަމަވެސް، ސެނެޓުގެ ގިނަ މެމްބަރުން ވަނީ ތިން ދުވަސް ތެރޭގައި ކުށެއް ކޮށްފައިވާ ކަން ސާބިތު ކުރުމަކީ އެފްބީއައިއަށް ނުކުރެވޭނެ ކަމެއް ކަމަށް ބުނެ އެބިލު ބޭރުކޮށްލާފަ އެވެ.
އޯލަންޑޯގެ ކްލަބަށް ހަމަލާ ދިން އުމަރު މަތީނަކީ އެފްބީއައިގެ ޓެރާ ވޮޗްލިސްޓުގައި 2013 އިން 2014ށް ހިމަނާފައިވާ މީހެއް ކަމަށް އެފްބީއައިން އިން ވަނީ ބުނެފަ އެވެ. (ގާޑިއަން)