21 Jun 2016, 14:30
ވީއެންމެ އަވަހަކަށް ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް މިއަދު ސަން އަށް ވިދާޅުވީ އެ ޕާޓީން ފައިސާ ނުދޭ ކަމަށް ބައެއް ސިޔާސީ ޕާޓީތަކުން ބުނާއިރު އެ ފައިސާ ނުދޭން ކޮމިޝަނުން ނިންމާފައިނުވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ގާނޫނުގައި ބުނާ ތިން މަސް ދުވަސް ހަމަވި އިރު ފައިސާ ހަވާލުކުރެވިފައި ނުވަނީ ބައެއް ސިޔާސީ ޕާޓީތަކުން ގާނޫނުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓު ހުށަހަޅާފައިނުވާތީ ކަމަށެވެ.
"ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައި ވަނީ ކޮންމެ އަހަރެއްގެ ފައިސާ ވެސް އެ އަހަރެއް ފެށޭތާ ތިން މަސް ދުވަހުގެ ތެރޭގައި ސިޔާސީ ޕާޓީތަކަށް ހަވާލުކުރަންޖެހޭނެ ކަމަށް. އަދި ހަމައެއާ އެކު އެ ގާނޫނުގައި ބަޔާންކޮށްފައި ވަނީ މިދެންނެވި މުއްދަތުގެ ތެރޭގައި ސިޔާސީ ޕާޓީތަކުން ވެސް އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓު ހުށަހަޅަންޖެހޭނެ ކަމަށް. ނަމަވެސް ޑީއާރްޕީ އާއި އެމްޑީޕީން މިދެންނެވި ރިޕޯޓުތައް ހުށަހެޅީ ގާނޫނުގައި ބުނެފައިވާ މުއްދަތު ފަހަނައަޅައި ދިޔަފަހުން،" އަކުރަމް ވިދާޅުވި އެވެ.
ހުށަހަޅާފައިވާ ރިޕޯޓުތަކަށް ބެލުމަށް ފަހު ފައިސާ ދޫކުރުމުގެ ކުރިން ބަލަން ޖެހޭ ބެލުންތައް އެ ކޮމިޝަނުން އަންނަނީ ބަލަމުން ކަމަށާއި އެކަން ނިމުމުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާނެ ކަމަށް ވެސް އަކުރަމް ވިދާޅުވި އެވެ.
"ފައިސާ ދޫކުރުމުގެ ކުރިން ގާނޫނީ ގޮތުން އިލެކްޝަންސް ކޮމިޝަނުން ބަލަން ޖެހޭ ބެލުންތަކެއް ބަލަމުން މިދަނީ. މިކަން ނިމުނުހާއަވަހަކަށް ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަން. އެއްވެސް ސިޔާސީ ޕާޓީއަކަށް ފައިސާ ދޫނުކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ނުވާނެ،" އަކުރަމް ވިދާޅުވި އެވެ.