21 Jun 2016, 20:35
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފުލުހުންނަށް ފެނުނުކަމަށް ބުނާ ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ނާޒިމްގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސުއޫދު ވިދާޅުވީ ދާދިފަހުން ފުލުހުން ހެދި އެ ފިސްތޯލައިގެ ފޮރެންސިކް ރިޕޯޓު ދައްކާގޮތުން އެއިން އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށެވެ.
އެވާހަތައް، ހޯމް މިނިސްޓަރާއި، ކޮމިޝަނަރ އޮފް ޕޮލިސް އާއި ޕްރޮސިކިއުޓަރ ޖެނެރަލަށް ވެސް ދޮގުކުރަށްވަން ކެރިވަޑައި ނުގަންނަވާނޭ ކަމަށް ސުއޫދު ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ ނާޒިމް ވަނީ ފްރޭމްކޮށްފައި ކަމަށް މީގެކުރިން ވެސް އޭނާގެ ފަރާތުން އައީ ވިދާޅުވަމުން ކަމަށެވެ.
ނާޒިމް ފްރޭމްކުރުމުގެ އަޑީގައި ތިއްބެވީ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދާއި ކުރީގެ ނައިބު ރައީސް އަދީބު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެކަމުގައި ރައީސް އަބްދުﷲ ޔާމީންގެ ބައިވެރިވުމެއް އޮތްކަން މިހާތަނަށް ހޯދިހޯދުންތަކުން އެނގިފައިނުވާ ކަމަށް ސުއޫދު ވިދާޅުވި އެވެ.

ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު: ކާނަލް ނާޒިމް ފްރޭމް ކުރުމުގެ އަޑީގައި ހުންނެވީ ހުސައިން ވަހީދާއި ކުރީގެ ނައިބު ރައީސް އަދީބު ކަމަށް ނާޒިމްގެ ގާނޫނީ ވަކީލު ވަނީ ވިދާޅުވެފައި --- ސަން ފައިލް ފޮޓޯ
މި މައްސަލަ ފެންމަތިމިވީ ޝަރުއީ އެންމެ ފަހު މަރުހަލާގައި ނާޒިމްގެ މައްސަލަ ކުރިއަށް ދަނިކޮށެވެ. ނާޒިމްގެ މައްޗަށް އުފުލީ ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ ސިއްރު ހެކީންގެ ހެކިބަހުން އޭނާ ދިރިއުޅުއްވި ގ. އެނިފްގޭގެ އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނުކަން ހެކީންގެ ހެކިބަހުން އެނގެން އޮންނާތީ ކަމަށް ބުނެ އާއި އެ ފިސްތޯލަ އެގޭގެ ތެރެއަށް ވަން ގޮތެއް ނާޒިމަށް ސާބިތު ކޮށްދެވިފައިނުވާތީ ކަމަށް ބުނެ އެވެ.
ސުއޫދު ވިދާޅުވީ އަދީބާއި ހުސައިން ވަހީދު ވިދާޅުވެގެން ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓަށް ފިސްތޯލަ ވެއްދީ އާސިފް ނަކަމަށް ކިޔާ ފުލުހެއް ކަމަށެވެ. އަދި އެކަން ސާބިތުކުރެވޭ ވަރުގެ ހެކި ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ މިހާރު ހައިކޯޓުގެ އިސްފަނޑިޔާރު އަބްދުﷲ ދީދީ އާއި މިހާރު ހައިކޯޓުގެ ފަނޑިޔާރު ސުޖާއު އުސްމާންގެ އިތުރުން ކްރިމިނަލް ކޯޓު މިހާރު ހިންގެވުމާ ހަވާލުވެހުންނެވި ގާޒީ އަބްދުލް ބާރީ ޔޫސުފެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ގާޒީ ބާރީ އެވެ.
ނާޒިމްގެ ވަކީލު ހުސްނުއ ްސުއޫދު ވިދާޅުވީ އެ މައްސަލައަކީ ތަހުގީގު ފުރިހަމަނުވާ މައްސަލައެއް ކަމަށް ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ޝަރީއަތުގެ މަޖިލީސްތަކުގައި ފާހަގަކޮށްފައިވާނެ ކަމަށެވެ.
ކްރިމިނަލް ކޯޓުގައި އެ މައްސަލައިގެ ޝަރީއަތް ކުރިއަށްދިޔައިރު، އަދީބު ނާޒިމް ފްރޭމް ކުރި ކަމަށް ތުހުމަތުކޮށް އޭރު އޭނާގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވާހަކަފުޅު ދައްކަވަން ފެއްޓެވުމުން ގާޒީ ބާރީ ވަނީ އެ ވާހަކަތައް ޝަރީއަތުގައި ނުދެއްކޭނެ ކަމަށް ބުނެ އެވާހަކަތައް ހުއްޓުވާފަ އެވެ.
ނާޒިމްގެ އެޕާޓްމަންޓުން ފެނުނު ކަމަށް ފުލުހުން ބުނާ ފިސްތޯލައިން ފިންގާޕްރިންޓެއް ފެނުނު ކަމަށް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލުން ވެސް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެއީ ކާކުގެ ފިންގާ ޕްރިންޓުތޯ ބަލާފައިވާކަން ދައުލަތުގެ ވަކީލުން ވިދާޅުވެފައެއް ނުވެއެވެ.
އެކަން ނާޒިމްގެ ވަކީލުން ވަނީ ކްރިމިނަލް ކޯޓުގައި ވެސް ފާހަގަކުރައްވާފަ އެވެ.