ރޭޕުގެ ޝިކާރައަކަށް ވެފައިވާ އަންހެނުންގެ އިހުސާސްތަކަށް ނުވިސްނައި، އެމީހުންނަށް ނޭދެވޭ އަސަރެއް ކުރާނެ ފަދަ ގޮތަކަށް ބޮލީވުޑުގެ ސުޕަސްޓާ ސަލްމާން ޚާން ބުނި އެއްޗެއްގެ ސަބަބުން އޭނާއަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވެ ހޫނު ފެނަށް ވެއްޓިއްޖެ އެވެ.

ސަލްމާން މިހާރު މަސައްކަތް ކުރަމުން އަންނަ 'ސުލްތާން' ގެ މަސައްކަތާ ގުޅޭ ގޮތުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ސަލްމާން ވަނީ އެ ފިލްމަށް ބުރަ މަސައްކަތްތައް ކުރަން ޖެހޭ ކަމަށާއި އެކަމުގެ ސަބަބުން ހަށިގަނޑަށް ވަރަށް ބޮޑަށް ވަރުބަލިކަން އިހުސާސްވާ ކަމަށެވެ.

ސުލްތާންގައި ސަލްމާން އަދާކުރަނީ ރެސްލިން ތަޅާ މީހެއްގެ ރޯލެވެ. އެހެންކަމުން އެ ރޯލަށް ކުރަން ޖެހޭ ބުރަ މަސައްކަތް ވީހާ ވެސް ބޮޑަކަށް ސިފަކޮށްދޭން އޭނާ ބޭނުންވި އެވެ. ނަމަވެސް ސަލްމާންގެ ސިފަކުރުމުގެ ސަބަބުން އެތައް ބައެއްގެ ނުރުހުން އޭނާއަށް ވަނީ އަމާޒުވެފަ އެވެ.

"ޝޫޓު ކުރާ ހަ ގަޑި އިރުގެ ތެރޭގައި 120 ކިލޯ ހުންނަ މީހަކު 10 ފަހަރަށް އެބަ ޖެހޭ އުފުލަން. އެކި އޭންގަލްތަކުން ޝޮޓު ނެގުމަށް. އަދި އެތައް ފަހަރަކު އަހަރެން ވެސް އެބަ އެއްލާލާ ބިންމައްޗަށް ގިނަ މަންޒަރުތަކުގައި. މިއީ ހަގީގީ ރެސްލިން މެޗެއްގައި ކަންތައް ވާނެ ގޮތެއް ނޫން. އެކަމަކު ފިލްމަކަށް ޝޫޓު ކުރާތީ އަހަރެން އެބަ ޖެހޭ އެތައް ފަހަރަކު އެ ވޭން ތަހައްމަލު ކުރަން. މަންޒަރެއް ޝޫޓުކޮށް ނިންމާފައި ރެސްލިން ރިންގުން ނުކުންނަނަ އިރު ހީވަނީ އަހަންނަކީރޭޕް ކޮށްލާފައި އިން އަންހެނެއް ހެން. ތެދަށް ނުވެސް ހިނގޭ،" ސަލްމާން ބުނެފައިވެ އެވެ.

ސަލްމާން މަސައްކަތް ކުރީ އޭނާގެ ހަށިގަނޑާއި ފައިގައި ވޭން އެޅުމުގެ ސަބަބުން ހިނގަން އުނދަގޫވާ ވާހަކަ ބުނެދޭށެވެ. ނަމަވެސް ފަހުން އޭނާ އަށް ވަނީ ބުނެވުނު ބަހަކީ ކިހާ ވަރެއްގެ ބަހެއްކަން ރެޔަކާލައިފަ އެވެ.

ސުލްތާންގެ މަންޒަރެއްގައި ސަލްމާން --

އަދި ބުނެވުނީ ބުނެގެން ވާނެ އެއްޗެއް ނޫން ކަމަށް ވެސް ސަލްމާން ވަނީ އިންޓަވިއުގެ ތެރެއިން ބުނެފަ އެވެ. ނަމަވެސް ބުނި އެއްޗަށް އޭނާ މައާފަށް އެދިފައެއް ނުވެ އެވެ. ސަލްމާންގެ ފަރާތުން މައާފަށް އެދިފައި ވަނީ އޭނާގެ ބައްޕަ އެވެ. ސަލްމާންގެ ބައްޕަ ބުނެފައި ވަނީ ސަލްމާން އަށް ބުނެވުނު ޖުމްލަ ރަނގަޅު ނޫން ނަމަވެސް، އެއީ ނުބައި މަގުސަދެއްގައި އޭނާ ބުނި އެއްޗެއް ނޫން ކަމަށެވެ.

އެހެންކަމުން، ދަ ނޭޝަނަލް ކޮމިޝަން ފޮ ވިމެން (އެންސީޑަބްލިއު) އިން ވަނީ ރޭޕުގެ ޝިކާރައަކަށް ވެފައިވާ މީހުންނާއި އެމީހުންގެ އާއިލާތަކުގެ ކިބައިން މައާފަށް އެދުމަށް ސަލްމާނަށް ހަފްތާއެއްގެ މުއްދަތު ދީފަ އެވެ. އެ މުއްދަތުގެ ތެރޭގައި މައާފަށް ނުއެދިއްޖެ ނަމަ ކޯޓަށް ގެންދާނެ ކަމުގެ އިންޒާރެއް ވެސް ވަނީ ދީފަ އެވެ.

ނަމަވެސް ގިނަ ބަޔަކު އަންނަނީ ސަލްމާން އަށް ފާޑު ކިޔަމުންނެވެ. އޭގެ ތެރޭގައި ރޭޕުގެ ޝިކާރައަށް ވެފައިވާ މީހުންނާއި، އެމީހުންގެ ހައްގުގައި މަސައްކަތް ކުރާ އެންޖީއޯތައް ހިމެނެ އެވެ. ސަލްމާނަކީ އެހެން މީހުންގެ އިހުސާސްތައް ނުދަންނަ، އަދި އިހުސާސްތަކަށް އިހުތިރާމް ކުރަން ނޭނގޭ މީހެއް ކަމުގައި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.