22 Jun 2016, 12:43
އާޖެންޓީނާ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ލިއޮނެލް މެސީ މުގުރާލި ލަނޑާއެކު އެމެރިކާ ބަލިކޮށް އާޖެންޓީނާ ކޮޕާ އެމެރިކާގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ، ބާސެލޯނާގެ އުމުރުން 28 އަހަރުގެ ފޯވާޑް މިހާރު ވަނީ، އާޖެންޓީނާ ޓީމަށް އެ ޓީމުގެ ކުރީގެ ތަރި ގަބްރިއެލް ބަޓިސްޓޫޓާ ކާމިޔާބު ކޮށްފައިވާ 54 ލަނޑުގެ ރެކޯޑް މުގުރާލައި 55 ލަނޑު ހަމަކޮށްފައެވެ.
މިހާރު އެމެރިކާގައި ކުރިއަށްދާ އެ ބައްރުގެ ފުޓްބޯޅަ މުބާރާުގެ ފައިނަލްގެ ޖާގައެއް އާޖެންޓީނާ ހޯދީ، މެސީގެ ފުރިހަމަ ހިލޭ ޖެހުމަކުން ކާމިޔާބު ކުރި، ލަނޑާއެކު 4-0 ގެ ނަތީޖާއަކުން އެމެރިކާ ބަލިކުރުމަށް ފަހުއެވެ.
މެޗުގެ ތިން ވަނަ މިނިޓްގައި އާޖެންޓީނާއަށް އެމެރިކާގެ ގޯލް ހުޅުވާލަދިން ލަނޑު ޖެހުމަށް އެޒެކުއެލް ލަވޭޒީއަށް އެހީތެރިވި މެސީ އޭނާގެ ބާރު ހިލޭ ޖެހުމުން އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 32 ވަނަ މިނިޓްގައި ކާމިޔާބުކުރުމުގެ އިތުރުން، 50 ވަނަ މިނިޓްގައި އެޓީމުގެ ތިން ވަނަ ލަނޑު ޖެހުމަށް ގޮންޒާލޯ ހިގައިންއަށް ފުރުސަތު ތަނަވަސްކޮށްދިނީ ވެސް މެސީއެވެ.
މެޗުގައި އާޖެންޓީނާ ޖެހި ހަތަރުވަނަ ލަނޑު 84 ވަނަ މިނިޓްގައި ކާމިޔާބުކުރީ ހިގައިން އެވެ.
"ބަޓިސްޓޫޓާގެ ރެކޯޑް ފަހަނައަޅައި ދެވުމުން އަހަރެން އުފާވޭ، އަދި އަހަރެން ބޭނުުން ޓީމުގެ އެންމެނަށް ޝުކުރު އަދާކުރަން. އެއީ އެމީހުންގެވެސް ހައްގެއް،" އަންނަ ހުކުރު ދުވަހު 29 އަހަރު ފުރޭ މެސީ ބުންޏެވެ.
ފައިނަލްގައި އާޖެންޓީނާ ވާދަކުރާން ޖެހޭނީ، ކޮލަމްބިއާ ނުވަތަ އެންމެ ފަހުގެ ޗެމްޕިއަން ޗިލީއާ އެވެ. މިއީ 1993 ގެ ކޮޕާ އަށް ފަހު ފުރަތަމަ ފަހަރަށް ބޮޑު މުބާރާތެއްގެ ތަށި އުފުލައިލުމަށް އާޖެންޓީނާއަށް އަނެއްކާވެސް ލިބޭ ފުރުސަތެކެވެ. އަދި 2005 ވަނަ އަހަރު އާޖެންޓީނާ ޓީމަށް މެސީ ފުރަތަމަ ކުޅުނު މެޗަށް ފަހު، އެޓީމުން މިފަދަ މުބާރާތެއްގެ ތަށި އުުފުލައިލާން ކުރާ މަސައްކަތަށް އިތުރުވި ބޮޅެކެވެ.
ކޮޕާ އެމެރިކާ ބާއްވާތާ 100 އަހަރު ފާހަގަކުރާ މިފަހަރުގެ މުބާރާތުގެ ފައިނަލުން ޖާގަ ލިބުމަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި އާޖެންޓީނާއަށް ލިބުނު ހިތްދަތިކަން ފިލުވާލައި، އަދި އެންމެ ފަހުގެ ކޮޕާ އެމެރިކާގެެ ފައިނަލްމެޗުގެ ހަނދާންތައްވެސް ފޮހެލައި 23 އަހަރަށް ފަހު ބޮޑު މުބާރާތެއްގެ ތަށި އުފުލައިލާން ލިބޭ ރަނުގެ ފުރުސަތަކަށެވެ.