22 Jun 2016, 17:42
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފެނުނު ކަމަށް ބުނާ ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރުގެ ޑީއެންއޭ ފެނުނު ރިޕޯޓު ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ވަނީ ސަން އަށް އެކަން ކަށަވަރުކޮށްދެއްވާފަ އެވެ.
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ އޭގެއިތުރަށް ވެސް ތަހުލީލު ކުރަންޖެހޭ ޕްރޮފައިލް އެ ފިސްތޯލަ އިން ވަނީ ފެނިފައި ކަމަށާއި އެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ.
ނާޒިމް ވަނީ ފްރޭމްކޮށްފައި ކަމަށާއި އެކަމުގެ އަޑީގައި ތިއްބެވީ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދާއި އަދީބު ކަމަށް ނާޒިމްގެ ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވަނީ ވިދާޅުވެފަ އެވެ. ސުއޫދު ވިދާޅުވީ އެ ދެ ބޭފުޅުން ބުނެގެން އެ ފިސްތޯލަ ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުގެ ތެރެއަށް ލާފައި ވަނީ އާސިފް ނަމަށްކިޔާ ފުލުހެއް ކަމަށެވެ.
ނާޒިމްގެ ވަކީލު އެ ތުހުމަތު ކުރައްވާފަދަ ކަމެއް ތަހުގީގުން ފެނިފައިވޭތޯ ދެންނެވުމުން ނަވާޒު ވިދާޅުވީ އެފަދަ މައުލޫމާތެއް ވަކީލުން ފުލުހުންނާ ހިއްސާކުރައްވާފައިނުވާ ކަމަށެވެ. އަދި ނާޒިމް ވަނީ ފްރޭމްކޮށްފައިތޯ ނުވަތަ ނޫންތޯ ނިންމާނީ ޝަރުއީ ކޯޓަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނާޒިމްގެ ގާނޫނީ ވަކީލުން އެ ވިދާޅުވާ ވާހަކައިން ހޯދެން ހުރި ކަމެއް ހޯދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލައިގެ ތަހުގީގަށް ކުރިއެރުންތައް ލިބެމުންދާވަރަކަށް މީޑިއާ އަށް ހިއްސާ ކުރާނެ ކަމަށެވެ.