މުދާ ބަރުކޮށްގެން މާލެއިން ފުރައިގެން ޅ. ކަނުހުރާ ރިސޯޓަށް ދަތުރުކުރި ދޯންޏެއް ކ. މާހަލު ބައްތި ކައިރިއަށް ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ، "އައިލަންޑް އެކްސްޕްރެސް ހަމަތި" ނަމަކަށް ކިޔާ 65 ފޫޓްގެ ދޯންޏެއް ފަރަށް އެރިކަމުގެ މައުލޫމާތު އެފަރާތަށް ލިބުނީ މިއަދު ހެނދުނު 6:44 ހާއިރު ކަމަށެވެ.

ފަރަށް އެރި އިރު ދޯނީގައި ދިވެއްސަކާއި ތިން ބިދޭސީން ތިބި އިރު، ހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެ އެވެ. ނަމަވެސް ދޯނީގެ ބަނޑުފިލާ ފަޅައިގެން ގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

ފަރަށް އެރި ދޯނި ފުންކުރުމަށް ޑައިވަރުންނާއި ދިޔަހިއްކާނެ ޕަންޕާ އެކު އެސަރަހަށްދުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބާ ކްރާފްޓް 106 ނަންބަރު ލޯންޗް މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރު އަދުނާން މުހައްމަދު ވިދާޅުވީ، ދޯނީގައި ހުރީ ޕާޓިޝަން ކަހަލަ ކޮންސްޓްރަކްޝަން މުދާ ކަމަށާއި އެ މުދާތައް މިހާރު އެހެން ދޯންޏަކަށް ބަދަލުކުރަމުން އަންނަ ކަމަށެވެ.