މިހާރު ކުރިއަށްދާ ޔޫރޯ 2016 ފުޓްބޯޅަ މުބާރާތާ ދިމާކޮށް ކޮކާ ކޯލާ ކުންފުނިން ހިންގި ޚާއްސަ ޕްރޮމޯޝަންގެ ނަސީބުވެރީންގެ ތެރޭން، ޔޫރޯ މެޗެއް ބަލައިލުމުގެ ފުރުސަތު ލިބުނު ނަސީބުވެރީން ފްރާސްންގެ ވެރިރަށް ޕެރިހަށް މިރޭ ފުރާނެ އެވެ.

ކޮކާކޯލާ ޔޫރޯ 2016 ޕްރޮމޯޝަންގެ ނަސީބުވެރީންނަށް ބަލައިލުމުގެ ފުރުސަތު ދީފައިވަނީ 25 ޖޫންގައި ކުޅޭ، މުބާރާތުގެ ދެ ވަނަ ބުރުގެ ދެވަނަ މެޗެވެ. އެމެޗުގައި ވާދަކުރާން ހަމަޖެހިފައި ވަނީ، ޔޫރޯގައި މުޅިން އަލަށް ވާދަކުރާ ވޭލްސް އާއި ނޮދަރން އަޔަލޭންޑެވެ.

ވޭލްސް މި މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރީ، ގްރޫޕް "ބީ"ގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. އަދި ޖަރުމަނު، ޕޮލެންޑް، ޔޫކްރެއިން އާއެކު ގްރޫޕް "ސީ"ގައި ވާދަކޮށް ނޮދަން އަޔަލޭންޑް ދެވަނަ ބުރަށް ދަތުރުކުރީ، ގްރޫޕް ސްޓޭޖްގައި ތިންވަނައަށް އެންމެ ރަނގަޅު ނަތީޖާ ހޯދި ހަތަރު ޓީމުގެ ތެރޭގައި ހިމެނިގެންނެވެ.

ކޮކާ ކޯލާއިން ހިންގި ޔޫރޯ 2016 ޕްރޮމޯޝަންގެ ޕެރިސް ދަތުރުގެ ނަސީބުވެރީންގެ ގޮތުގައި ހޮވުނު ހަފަރާތެއް ހޮވި އިރު، އެއިން ކޮންމެ ނަސީބުވެރިއަކަށް ވެސް އެމީހަކު ބޭނުންވާ އިތުރު ބައިވެރިއަކު ގެންދިއުމުގެ ފުރުސަތު ދީފައިވެ އެވެ.

އެގޮތުން އެ 12 ނަސީބު ވެރީންނާ އެކު ޕެރިހަށް ދާ ޓީމުގެ ތެރޭގައި ކޮކާ ކޯލާގެ ދެ އޮފިޝަލުންނާއި މީޑިއާގެ ތިން ފަރާތަކާ އެކު ޖުމުލަ 17 ފަރާތެއް ދަތުރުގައި ބައިވެރިވާނޭ ކަމަށް ކޮކާ ކޯލާއިން މައުލޫމާތު ދެ އެވެ.

ޕެރިސް ދަތުރު ލިބުނު ފަރާތަކަށް އިނާމު ހަވާލުކޮށްދެއްވަނީ ---- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދަތުރުގެ ތައްޔާރީތަކާ ގުޅޭ ގޮތުން ރާއްޖޭގެ ކޮކާކޯލާ ކުންފުނީގެ ޖެނެރަލް މެނޭޖަރު މިލިންދް ދެރާސަރީ ވިދާޅުވީ، މިފަހަރުގެ ޕްރޮމޯޝަންގެ ބޮޑު އިނާމު "ޕެރިސް ދަތުރު"ގެ ބައިވެރީންނަކީ ހުރިހާ ގޮތަކަށް ވެސް ވަރަށް ނަސީބު ގަދަ ފަރާތްތަކެއް ކަމަށެވެ.

"ހަމައެކަނި ދަތުރެއް ނޫން. މީގެ ކުރީން ހިންގި ޕްރޮމޯޝަންތަކުގަައި ބައެއް ފަހަރު ދަތުރުތަކުގެ ބައިވެރީންނަށް ވިސާ ޖެހުމުގެ ކަންތައްތަކުގައި ދަތިތަކެއް ކުރިމަތިވި. އެކަމަކު މިފަހަރު، ޓީމުގައި ހިމެނޭ 17 ބައިވެރީންނަށް ވެސް އެއްވެސް މައްސަލައެއް ދިމާނުވެ، އެންމެ ދުވަހެއްގެ ތެރޭގައި ވިސާގެ ކަންތައް ނިންމާލެވުނު، މިއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ޕެރިސް ދަތުރުގެ ބައިވެރީން ފްރާންސަށް އެތެރެވާ ވިސާ ޖެހުމަށް މިމަހުގެ ހަތްވަނަ ދުވަހު ކޮލަމްބޯއަށް ކުރި ދަތުރާ ގުޅޭ ގޮތުން މިލިންދް ވިދާޅުވިއެވެ.

ޔޫރޯ ޕްރޮމޯޝަންގެ ހަ ނަސީބުވެރީން:

  • އާމިނަތު ރަޝާ
  • އިބްރާހީމް ނައީމް
  • ޠަލްޙަތު މޫސާ
  • ޙަސަން ޝިފާޒް
  • އައިޝަތު ޢަރޫޝާ
  • އަބްދުﷲ ވަހީދު

ކޮކާކޯލާއިން އޭޕްރީލް 16އިން ފެށިގެން މޭ 29ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގައި ޕެރިސް ދަތުރުގެ އިތުރުން ވެސް އަގުހުރި އިނާމުތަކެއް ވަނީު ނަސީބުވެރި ފަރާތްތަކަށް ދީފައެވެ. އޭގެ ތެރޭގައި ޓީވީއާއި ޔޫރޯ ފުޓުބޯޅަ މުބާރާތުގެ މެޗުތައް ކުޅޭ އޮރިޖިނަލް ފުޓުބޯޅައާއި އެނޫން ވެސް ތަފާތު އަގުހުރި އިނާމުތައް ހިމެނެއެވެ.

ޕެރިސް ދަތުރު ލިބުނު ފަރާތަކަށް އިނާމު ހަވާލުކޮށްދެއްވަނީ ---- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޕެރިސް ދަތުރުގެ ނަސީބުވެރީންނަށް މެޗު ބަލައިލުމުގެ އިތުރުން ފްރާންސްގެ މަޝްހޫރު ބިނާ، "އައިފެލް ޓަވާ" ބަލައިލުމުގެ ފުރުސަތާއި އެނޫން ވެސް ޕެރިހުގެ މަޝްހޫރު ތަންތަން ބަލައިލުމުގެ ފުރުސަތު ލިބޭނޭ ކަމަށް މިލިންދު ވިދާޅުވި އެވެ.

"މިއީ ހަމަ ހަޔާތުގައި މަދުބަޔަކަށް ލިބޭފަދަ ނަސީބެއް. އެމީހުން ޕެރިހުގައި ހޭދަކުރާ ކޮންމެ ވަގުތުކޮޅެއް ވެސް އުފާވެރި ތަޖްރިބާއަކަށް ވެގެންދާނޭ ކަމަށް އުންމީދުކުރަން،" ރާއްޖޭގެ ކޮކާކޯލާ ކުންފުނީގެ ޖެނެރަލް މެނޭޖަރު ވިދާޅުވި އެވެ.

ވޭތުވެ ދިޔަ 25 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ކޮކާކޯލާ އިން ވަނީ ރާއްޖޭގައި ތަފާތު ހަރާކާތްތައް ހިންގައި، އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން އެކިފަރާތްތަކަށް ތަފާތު އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ޔޫރޯއާ ގުޅިގެން ކޮކާކޯލާ އިން ރާއްޖޭގައި ކުރިއަށް ގެންދިޔަ ޕްރޮމޯޝަންތަކުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ.