ޕޮލެންޑްގައި އަންނަ މަހު ފަށާ 20 އަހަރުން ދަށުގެ ވޯލްޑް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ފަރާތުން ވާދަކުރާނެ އެތުލީޓަކަށް ބޮޓްސަވާނާގައި މިހާރު ތަމްރީނު ހަދަމުން އަންނަ ޒުވާން ދުވުންތެރިޔާ މުހައްމަދު ނާއިލް ހަމަޖައްސައިފި އެވެ.

އެތްލެޓިކްސް އެސޯސިއޭޝަނުން މިއަދު ބުނީ ޖުލައި 19 އިން 24 އަށް ޕޮލެންޑްގެ ބިޑްގޮޝްޓްގައި ބާއްވާ މުބާރާތުގައި ނާއިލް ވާދަކުރާނީ ފިރިހެނުންގެ 400 މީޓަރު ދުވުމުގައި ކަމަށެވެ.

އުމުރުން 16 އަހަރުގެ ނާއިލް މިދިޔަ އަހަރުން ފެށިގެން ސަރަހައްދީ މުބާރާތްތަކުގައި ވާދަކުރަން ފަށާފައިވާ އިރު އޭނާގެ ފުރަތަމަ ބައިވެރިވީ މިދިޔަ އަހަރު އިންޑިއާގައި އޮތް ސާފް ގޭމްސް ގައެވެ.

ނާއިލްގެ ފުރަތަމަ ބައިނަލްގްވާމީ މުބާރާތުގެ 400 މީޓަރުގައި ދުވެ އޭނާ ރޭސްނިންމީ 50.58ސިކުންތުންނެވެ. 400 މީޓަރުގެ ޖޫނިއާ ގައުމީ ރެކޯޑް އޭނާ މުގުރާލީ ބޮޓްސްވާނާ ނެޝަނަލް ޗެމްޕިއަންޝިޕްގައި ވާދަކޮށް 48.53ސިކުންތުން ރޭސްނިންމައިގެންނެވެ.