ޝަރީއަތަށް ނުފޫޒު ފޯރުވޭ ގޮތަށް ޝަރީއަތާ ގުޅޭ ކަންކަމުގައި ބަޔާން ދިނުމާއި މީޑިއާގެ ވަސީލަތްތަކުގައި ޝާއިއު ކުރުމަކީ މަނާ ކަމަކަށް ވާތީ ތަކުރާރުކޮށް އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ސުޕްރީމް ކޯޓުން ބުނެފި އެވެ.

ސުޕްރީމް ކޯޓުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ކޯޓުތަކާއި ކޯޓުތަކުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން ހިނގާ ކަންކަމުގައި ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރޭގައި ހުރިހައި އެންމެންގެ ވެސް އަމަލުތަކާއި ބަސްމަގު ބެހެއްޓުމަށަށް އިލްތިމާސް ކުރާ ކަމަށެވެ.

"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގެ ބެލެނިވެރިކަމުގެ ޙައިޘިއްޔަތުގެ މައްޗަށް ރިޢާޔަތް ކޮށް، އެފަދަ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ތަކުރާރު ނުކުރުމަށާއި ތަކުރާރުކޮށް އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާ މެދު ޤާނޫނީ ގޮތުން އަޅާން ޖެހޭ ފިޔަވަޅުތައް އެއްވެސް އިސްތިސްނާއެއް ނެތި އަޅަމުން ގެންދާނެކަން އެންގީމެވެ،" ސުޕްރީމް ކޯޓުގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ވަނީ ކޯޓެއްގެ ނިންމުމަކަށް އަމަލު ކުރުން ފަސް ކުރުމަށް އެ ކޯޓަކުން ނުވަތަ އެ މައްސަލައެއް އިސްތިއުނާފު ކުރެވޭ ކޯޓުން ނާންގާހާ ހިނދަކު ކޮންމެ ކޯޓެއްގެ ނިންމުމަށް އަމަލު ކުރުމަކީ ހުރިހާ ފަރާތްތަކަށް ވެސް ކޯޓުތަކުގެ ގާނޫނުގެ 77 ވަނާ މާއްދާ އިން ލާޒިމްކޮށްފައިވާ ކަމެއް ކަމަށެވެ.

ސުޕްރީމް ކޯޓުން މިފަދަ ބަޔާނެއް ނެރެފައި މިވަނީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފެނުނު ފިސްތޯލަ އިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވާތީ އޭނާ ދޫކޮށްލަންޖެހޭ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވިދާޅުވެފައި ވަނިކޮށެވެ.