ފްރާންސްގައި ކުރިއަށްދާ ދެވަނަ ބުރުގައި ނޮދަން އަޔަލެންޑް އަތުން ބައިކޮޅަށް ވަން ލަނޑުން ވޭލްސް، ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

ޕެރިސްގެ ޕާކް ޑެސް ޕްރިންސެސްގައި މިރޭ ކުޅުނު ދެވަނަ ބުރުގެ މެޗުގައި ނޮދަން އަޔަލެންޑްގެ މައްޗަށް ވޭލްސް ކުރި ހޯދީ 1-0 ލަނޑުންނެވެ. އެ މެޗުގައި ވާދަކުރި ވޭލްސް އާއި ނޮދަން އަޔަލެންޑަކީ ޔޫރޯގައި އަލަށް ވާދަކުރަންދާ ދެ ޓީމެވެ.

ދެވަނަ ބުރުގައި ވޭލްސް އާއި ނޮދަން އަޔަލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-0 ލަނޑުން ވޭލްސް ކުރީގައި އޮވެގެން --- ފޮޓޯ: އޭޕީ

މެޗުގެ ފުރަތަމަ ހާފުގައި ނޮދަން އަޔަލެންޑްގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އެވެ. މެޗުގެ 11 ވަނަ މިނެޓުގައި ނޮދަން އަޔަލެންޑަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ކައުންޓާ އެޓޭކެއްގައި ސުޓުއާޓް ޑަލަސް އުފެއްދި ހަމަލާ، ވޭލްސްގެ ގޯލްކީޕަރު ވޭން ހެނެސީ ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 23 ވަނަ މިނެޓުގައި ނޮދަން އަޔަލެންޑަށް ލަނޑު ޖަހާނެ އިތުރު ފުރުސަތެއް ލިބިގެންދިޔަ އެވެ. ވޭލްސްގެ ގޯލާ 25 ޔާޑު ދުރުން ޖަމީ ވާޑް އުފެއްދި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. މެޗުގެ ފުރަތަމަ ހާފުގައި ވޭލްސް އަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައިނުވާ އިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ދެވަނަ ބުރުގައި ވޭލްސް އާއި ނޮދަން އަޔަލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-0 ލަނޑުން ވޭލްސް ކުރީގައި އޮވެގެން --- ފޮޓޯ: އޭޕީ

މެޗުގެ 54 ވަނަ މިނެޓުގައި ވޭލްސް އަށް ލީޑު ހޯދުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. އާރޮން ރަމްސީ ނަގައިދިން ރީތި ހުރަހަކުން ސޭމް ވޯކްސް އުފެއްދި ހަމަލާ، ނޮދަން އަޔަލެންޑުގެ ގޯލާ އަމާޒުވެފައެއް ނުވެ އެވެ. އޭގެ ހަތަރު މިނެޓް ފަހުން ގެރެތު ބޭލް އަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ބޭލް އުފެއްދި ހަމަލާ، ނޮދަން އަޔަލެންޑްގެ ކީޕަރު މައިކަލް މެކްގޮވާން ވަނީ މަތަކޮށްފަ އެވެ.

ވޭލްސް އަށް މެޗުގައި ލީޑު ލިބިގެންދިޔައީ 75 ވަނަ މިނެޓުގައެވެ. އެ ލަނޑަކީ ނޮދަން އަޔަލެންޑްގެ ޑިފެންޑަރު ގެރެތު މެކްއޯލޭ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އޭނާ އަތުން އެ ލަނޑު ވަދެފައިވަނީ ނޮދަން އަޔަލެންޑްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ބޭލް ނަގައިދިން ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައެވެ.

ދެވަނަ ބުރުގައި ވޭލްސް އާއި ނޮދަން އަޔަލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-0 ލަނޑުން ވޭލްސް ކުރީގައި އޮވެގެން --- ފޮޓޯ: އޭޕީ

ކުއާޓާގައި މި ފެށޭ މަހުގެ އެއް ވަނަ ދުވަހު ވޭލްސް ނުކުންނަން ޖެހޭނީ ދެވަނަ ބުރުގައި ހަންގޭރީ އާއި ބެލްޖިއަމް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.