26 Jun 2016, 17:59
އިންޓަނޭޝަނަލް ބާސްކެޓްބޯލް ފެޑެރޭޝަން(ފީބާ) އިން ބާއްވާ އޭޝިއާ ޗެލެންޖުގެ ކޮލިފައިންގައި ވާދަކުރާ ގައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމުގެ ސްކޮޑް މިއަދު ފައިނަލްކޮށްފި އެވެ.
ބާސްކެޓް ޓީމްގެ ކޯޗަކަށް ސާބިއާގެ މާކޯ ޕިޕްލޮވިޗް ހަމަޖައްސާފައިވާއިރު އޭނާ ވަނީ މީގެ ކުރިން ހަރިކޭން އަށް ކުޅެ ރެޑްލައިން ކްލަބަށް ކޯޗުކަން ވެސް ކޮށްދީފަ އެވެ. ޕިޕްލޮވިޗްގެ އެސިސްޓެންޓެއްގެ ގޮތުގައި ހަރަކާތްތެރި ވާނީ ނޭޕާލުގައި މި އަހަރު އޮތް ސާބާ ޗެމްޕިއަންޝިޕުގެ ތިން ވަނަ ހޯދި ގައުމީ އަންހެން ޓީމުގެ އެސިސްޓަންޓް ކޯޗު ހުސެއިން ހާދީ އެވެ.
އިންޑިއާގައި އަންނަ މަހު 5-8 އަށް ބާއްވާ ސާބާ ޒޯން ކޮލިފިކޭޝަން ބުރުގައި ރާއްޖެ ވާދަ ކުރާނީ ދެކުނު އޭޝިއާ ގައުމުތަކާ އެވެ. އެ ބުރުން ކޮލިފައިވާ ޓީމުތަކަށް ސެޕްޓެމްބަރު މަހު އީރާނުގައި ބާއްވާ އޭޝިއާ ޗެލެންޖަށް ކޮލިފައިވާނެ އެވެ.
މި ފަހަރު ނެގި ގައުމީ ސްކޮޑުން އަނިޔާގެ ސަބަބުން މިދިޔަ އަހަރު ރާއްޖޭގެ އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި އިބްރާހިމް ރަޝްވާން (ޗިކު) ވަނީ ބާކީ ކޮށްފައެވެ. ޓީމުގެ ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ ރެޑްލައިން ކްލަބުގެ މުހައްމަދު ޒިލާލެވެ. ވައިސް ކެޕްޓަނަކީ ޓީރެކްސް ބީސީގެ ޒަކަރިއްޔާ އަބްދުއްލަތީފެވެ.
ގައުމީ ބާސްކެޓްބޯޅަ ސްކޮޑް
ރެޑްލައިން ކްލަބް:އަލީ ފަޒްލީ، މުހައްމަދު ޒިލާލް، އަހުމަދު އަފްސަން ރަޝާދު، އަހުމަދު ފިރާޝް، އަހުމަދު އަދުހަމް، ހުސެއިން ހަލީމް
ޓީރެކްސް:ޒަކަރިއްޔާ އަބްދުއްލަތީފް، އަހުމަދު ޒަބީރު، އިސްމާއިލް ވިލްދާން ޔޫސުފް
ހަރިކޭން:އަހުމަދު އަލީ މުސްތަފާ، އިބްރާހިމް އަންފަލް ޝަރީފް
ދަ ބައުސް:އަބްދުﷲ އަމްޒަރު މުހައްމަދު