26 Jun 2016, 20:47
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގައި ރިޕަބްލިކް އޮފް އަޔަލޭންޑް އިން ގޯލެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި ދެ ގޯލް ކާމިޔާބުކޮށް 2-1ގެ ނަތީޖާ އަކުން މޮޅުވެ ފްރާންސް ކުއާޓާ ފައިނަލްގެ ޖާގައެއް ހޯދައިފި އެވެ.
އަޔަލޭންޑެގެ ގޯލު މެޗު ފެށިގެން ދެ ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއެއްގައި ކާމިޔާބު ކޮށްދިނީ ރޮބީ ބްރެޑީ އެވެ. އަޔަލޭންޑަށް ޕެނަލްޓީ ލިބުނީ ފްރާންސްގެ ޕެނަލްޓީ އޭރިއާ ތެރެއިން ފައުލް ޕޮގްބާ ފަހަތުން ޝޭން ލޯންގަށް ކުރި ފައުލަކާއި ގުޅިގެންނެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފްރާންސް އާއި އަޔަލޭންޑް ކުޅުނު މެޗުގައި އަޔަލޭންޑްގެ ގޯލު ބްރެޑީ ކާމިޔާބް ކުރުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ
އަޔަލޭންޑްގެ ގޯލަށް ފަހު ފްރާންސުން ގޯލެއް ކާމިޔާބު ކުރެވޭތޯ ގިނަ މަސަތްކަތްތަކެއް ކުރި ނަމަވެސް ފުރަތަމަ ހާފު ނިމުނީ އަޔަލޭންޑް ކުރީގައި އޮވެގެންނެވެ.
ފްރާންސަށް ނަތީޖާ އެއްވަރު ކޮށްދިން ގޯލް 57 ވަނަ މިނެޓްގައި އެންތޮނީ ގްރިޒްމަން ކާމިޔާބު ކުރީ ބެކަރީ ސްގެނާ އަޔަލެންޑްގެ ގޯލު ކުރިމައްޗަށް ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ފްރާންސުން މެޗުގެ ނަތީޖާ އެއްވަރުކުރިތާ ތިން މިނެޓް ފަހުން ގްރިޒްމަން ވަނީ އިތުރު ގޯލެއް ކާމިޔާބު ކޮށްދީ ލީޑް ނަގާފައެވެ. އެ ގޯލު ގްރިޒްމަން ކާމިޔާބު ކުރީ އަޔަލޭންޑް ޕެންލްޓީ އޭރިއާ ކަނުން އޮލިވާ ޖިރޯ ދިން ރީތި ބޯޅަ އެއް ގޯލުގެ ތިރީ ކަނަށް ވައްދާލައިގެންނެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފްރާންސް އާއި އަޔަލޭންޑް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
ގްރިޒްމަންގެ ދެ ގޯލަށް ފަހު ވެސް އެ މެޗުގައި އޭނާ އަށް ވަނީ ހެޓްރިކް އެއް ފުރިހަމަ ކުރުމަށް ހުސް ގިނަ ފުރުސަތު ތަކެއް ވެސް ލިބި ބޭކާރު ވެގެން ގޮސްފައެވެ. ގްރިޒްމަންގެ ހެޓްރިކް ހުއްޓުވުމަށް ކުރި ފައުލަކާއި ގުޅިގެން އަޔަލޭންޑްގެ ޝޭން ޑަފީ އަށް ވަނީ ސިދާ ރަތް ކާޑެއް ދައްކައި ދަނޑުން ވެސް ފޮނުވާލާފައެވެ. ޑަފީ އަށް ރަތް ކާޑު ދެއްކީ ގްރިޒްމަން ހުސްކޮށް ހިފައިގެން ގޮސް އަޔަލޭންޑްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަންނަނިކޮށް ފަހަތުން ކުރި ޓެކުލް އަކާއި ގުޅިގެންނެވެ.
މެޗުގެ ފަހު 25 މިނެޓް އަޔަލޭންޑް އިން އެއްކުޅުންތެރި އަކު މަދު ކޮށް ކުޅުނު ނަމަވެސް އެ ޓީމުން ވަނީ މެޗެގެ ނަތީޖާ އެއްވަރު ކުރުމަށް ގިނަ މަސަތްކަތްތަކެއް ކޮށްފަ އެވެ. ނަމަވެސް އަޔަލޭންޑަށް ވަނީ އިތުރުގޯލެއް ކާމިޔާބް ނުކުރެވި މުބާރާތުން ވަކިވާން ޖެހިފައެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފްރާންސް އާއި އަޔަލޭންޑް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
މުބާރާތް ބާއްވާ ފްރާންސްއިން ކުއާޓާ ފައިނަލްގައި ބައްދަލު ކުރަން ޖެހޭނީ މާދަމާ ރޭ 12:00 ޖަހާއިރު ހަންގޭރީ އާއި ބެލްޖިއަމް ބައްދަލު ކޮށް މޮޅުވާ ޓީމަކާއެވެ.