ފުރިހަމަ ވަގުތު ހަމަވި އިރު ދެ ޓީމަށް ވެސް ގޯލެއް ކާމިޔާބު ނުކުރެވުމުން ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި 4-2ގެ ނަތީޖާ އަކުން އާޖެންޓީނާގެ މައްޗަށް ކުރި ހޯދައިގެން ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ޗިލީ އިން ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފި އެވެ.

އެމެރިކާގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު އެ މެޗު ފެށިގެން ދެ ޓީމްގެ ފަރާތުން ވެސް ފޯރި ގަދަ ކުޅުމެއް ފެނިގެންދިޔަ އިރު އާޖެންޓީނާ އަށް ވަނީ ފުރަތަމަ ހާފްގައި ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެގެން ގޮސްފަ އެވެ. ޗިލީގެ ޑިފެންސް ލައިނުން ހެދުނު ގޯހެއްގެ ފައިދާ ނަގައި ގޮންޒާލޯ ހިގުއިން ބޯޅަ ހޯދައިގެން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.

ފޯރި ގަދަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމަށް ވެސް މާ ނުރައްކާތެރި ހަމަލާއެއް ނޫފެއްދުނު އިރު ދެ ރަތް ކާޑު ވަނީ ފެނިގެން ގޮސްފަ އެވެ.

ކޮޕާ އެމެރެކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި އާޖެންޓީނާ އާއި ޗިލީ ކުޅުނު މެޗުގައި ޗިލީގެ މާސެލޯ ޑެއިޒް އަށް ރަތް ކާޑު ދައްކަނީ --- ފޮޓޯ: އޭޕީ

އާޖެންޓީނާގެ ލެއޮނަލް މެސީ އަށް ކުރި ދެ ފައުލާ ގުޅިގެން ދެވަނަ ރީނދޫ ކާޑާއި އެކު ޗިލީގެ މާސެލޯ ޑެއިޒް އަށް ރަތް ކާޑު ދައްކައި ދަނޑުން ވަނީ ފޮނުވާލައިފަ އެވެ. އަދި ދެވަނަ ހާފް ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް އާޖެންޓީނާގެ މާކޮސް ރޮޖޯ ކުރި ފައުލަކާ ގުޅިގެން ބްރެޒިލްގެ ރެފްރީ ހެބާ ލޮޕެސް ވަނީ އޭނާ އަށް ސީދާ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ.

ދެ ރަތް ކާޑުގެ އިތުރުން އަށް ރީނދޫ ކާޑު ފެނިގެން ދިޔަ އެމެޗުގެ ދެވަނަ ހާފްގައި ވެސް ދެ ޓީމްގެ ފަރާތުން ވަނީ ފޯރިގަދަ ކުޅުމެއް ފެނިފަ އެވެ. ދެ ޓީމަށް ވެސް ގޯލު ޖަހާނެ މާގިނަ ފުރުސަތު ތަކެއް ނުލިބުނު އެ މެޗުގެ ދެވަނަ ހާފްގައި އާޖެންޓީނާގެ ސާޖިއޯ އަގުއެރޯ އަށް ވަނީ ގޯލު ޖަހާނެ ރަނގަޅު ދެ ފުރުސަތު ލިބި ބޭކާރު ވެގެން ގޮސްފަ އެވެ.

ކޮޕާ އެމެރެކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި އާޖެންޓީނާ އާއި ޗިލީ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

ދެ ވަނަ ހާފްގައި ޗިލީ އަށް ވެސް ނަތީޖާ ބަދަލު ކޮށްލަން ހުސް ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް ޗިލީގެ ކުޅުންތެރިއަކު ނަގައިދިން ހުރަސް އާޖެންޓީނާގެ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެ އެލެކްސް ސަންޗޭސް އަށް ވަނީ ފޮނުވާލެވޭ ގޮތް ނުވެފަ އެވެ.

އިތުރު ވަގުތުގެ ދެ ހާފަށް ފަހު ނަތީޖާ ނެރެން ދެ ޓީމުން ވެސް ޖެހި ފުރަތަމަ ޕެނަލްޓީ ވަނީ ނާކާމިޔާބް ވެފަ އެވެ. އާޖެންޓީނާގެ ހުނަރުވެރި ފޯވާޑް މެސީ ޖެހި ޕެނަލްޓީ ގޯލާއި އަމާޒް ނުވެ ބޭރަށް ދިޔަ އިރު ޗިލީގެ އާޓްރޯ ވިޑާލް ޖެހި ޕެނަލްޓީ އާޖެންޓީނާގެ ކީޕަރު ވަނީ ދިފާއު ކޮށްފަ އެވެ.

ކޮޕާ އެމެރެކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި އާޖެންޓީނާ އާއި ޗިލީ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

ޗިލީގެ އަނެއް ހަތުރު ޕެނަލްޓީ ނިކޮލަސް ކެސްޓިލޯ އާއި ޗާލެސް އަރަންގުއިޒް އާއި ޖީން ބޮސޭސުއާ އަދި ގާޓޯ ސިލްވާ ވަނީ ގީލުގެ ތެރެއަށް ފޮނުވާލާފަ އެވެ. އާޖެންޓީނާގެ ހާވިއޭ މަޝެރާނޯ އަދި ސާޖިއޯ އަގުއެރޯގެ ޕެނަލްޓީ ކާމިޔާބުވި އިރު ލޫކަސް ބިގްލިއާގެ ޕެނަލްޓީ ކާމިޔާބު ނުކުރުމުން ޗިލީ ވަނީ އެ މެޗުން މޮޅުވެފަ އެވެ.

ނުވަދިހަ ނުވަ އަހަރަށް ފަހު ޗިލީ އިން ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް މިދިޔަ އަހަރު ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްފައި ވަނީ ވެސް ޕެނަލްޓީގައި އާޖެންޓީނާގެ މައްޗަށް ކުރި ހޯދައިގެންނެވެ.