ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ޕެނަލްޓީގައި ޗިލީ އަތުން ބަލިވި މެޗަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލަންވީ ވަގުތު އައިސްފި ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އިއުލާން ކޮށްފި އެވެ.

"އަހަރެން ގައުމީ ޓީމަށް ކުޅުން ދެން މި ނިމުނީ. އަހަރެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްފިން. ނަމަވެސް މި ޓީމާ އެކު ކާމިޔާބީއެއް ނުހޯދުމުން ވަރަށް އަސަރުކޮށްފި،" މެޗަށް ފަހު ވާހަކަ ދައްކަމުން މެސީ ބުންޏެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމް ފަސް ފަހަރު ހޯދާފައިވާ މެސީ އަށް ގައުމީ ޓީމާ އެކު މާގިނަ ކާމިޔާބީތަކެއް ހޯދިފައިނުވާ އިރު އޭނާގެ ކެޕްޓަން ކަމުގައި އާޖެންޓީނާ ވަނީ ހަތަރު ފަހަރު ނާކާމިޔާބީއާ ކުރިމަތި ލާން ޖެހިފަ އެވެ. މި އަހަރުގެ ކޮޕާ އެމެރެކީ ފައިނަލްގެ އިތުރުން މި ދިޔަ އަހަރާއި 2007 ވަނަ އަހަރުގެ ފައިނަލުން ވެސް އާޖެންޓީނާ އަށް ވަނީ ނާކާމިޔާބް ވެފަ އެވެ. އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގަ ވެސް މެސީ އަށް ވަނީ އާޖެންޓީނާއާ އެކު ކާމިޔާބުހޯދޭގޮތް ނުވެފަ އެވެ.

އާޖެންޓީނާއާ އެކު އޭނާ އަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީ އަކީ 2005 ވަނަ އަހަރުގެ ޔޫތު ވޯލްޑް ކަޕް ކާމިޔާބުކުރުމާއި 2008 ވަނަ އަހަރުގެ އޮލިމްޕިކްސް އިން ރަން މެޑަލް ހޯދުމެވެ.

ބާސެލޯނާ އަށް ކުޅެމުން އަންނަ އުމުރުން 29 އަހަރުގެ ފޯވާޑް އެ ކަލަބާ އެކު ހުރީހާ މުބާރާތެއް ވެސް ކާމިޔާބް ކޮށްފައިވީ ނަމަވެސް ގައުމީ ޓީމަށް ކާމިޔާބީ އެއް ހޯދައިނުދެވޭތީ ފުޓްބޯޅައިގެ މާހިރުންގެ ފާޑުކިޔުންތައް ވަރަށް ގިނައިން މެސީ އަށް އާދެ އެވެ.

އެ ސަބަބުތަކާ ހެދި 2005 ވަނަ އަހަރު ގައުމީ ޓީމަށް ކުޅެން ފެށި މެސީ މިއަދު އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކުރި ނަމަވެސް ތިން ވަނަ އަށް އާޖެންޓީނާ އަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިއާގެ ގޮތުގައި އެ ގައުމަށް އެންމެ ގިނަ ގޯލު ކާމިޔާބް ކޮށްދީފައިވާ ކުޅުންތިރިއާ އަކީ ވެސް އޭނާ އެވެ.