27 Jun 2016, 11:17
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި އިޓްލީ އާއި ސްޕެއިން މިރޭ ނިކުންނަ މެޗަކީ ހުރިހާ ގޮތަކުން ފޯރި ގަދަ ބަލާ ހިތްވާ ކަހަލަ ފުޓްބޯޅަ އެއް ފެނިގެންދާނެ މެޗަކަށް ވަނީ ބެލެވިފަ އެވެ.
ދުނިޔޭގެ ޗެމްޕިއަން ހަތަރު ފަހަރު ހޯދާފައިވާ އިޓަލީ އިން ގުރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކޮށްފައިވާ އިރު ޔޫރޯގެ އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން ދެވަނަ ބުރުށް ދަތުރުކޮށްފައި ވަނީ ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގަ އެވެ.
ޔޫރަޕްގެ އެންމެ ވަރުގަދަ ފުޓްބޯޅަ ލީގްތައް ކުޅެމުން އަންނަ އިޓަލީ އާއި ސްޕެއިން މީގެ ކުރިން 35 ފަހަރަކު ބައްދަލު ކޮށްފަ އެވެ. އޭގެ ތެރެއިން 15 މެޗުން ދެ ޓީމް އެއްވަރު ވެފައިވާ ދެ ޓީމް ވެސް މޮޅުވެފައިވަނީ 10 މެޗުންނެވެ.
އެހެން ނަމަވެސް މިރޭގެ މެޗަށް ނިކުންނަ އިރު އިޓަލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ މާޒީއަށް ބަލައިގެން ކުރިއަށް އޮތް މެޗަށް ކުރާނެ އެއްވެސް އަސަރެއް ނޯންނާނެ ކަމަށާއި މިރޭގެ މެޗަކީ މުޅިން ތަފާތު އާ މެޗެއް ކަމަށެވެ.
"މި ވަގުތު އިޓަލީގައި މި އޮތީ ވަރަށް ވަރުގަދަ ސްކޮޑެއް. މި ޓީމުން ސްޕެއިން ބަލިނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް. އަހަރެންގެ ހުރިހާ ވެސް ވިސްނުމެއް ހުރީ ސްޕެއިން ބަލިކޮށް ކުއާޓާ ފައިނަލަށް ދިއުމަށް،" ކޮންޓޭ ބުންޏެވެ.
މިރޭގެ މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސްޕެއިންގެ ކޯޗު ވިންސެންޓް ޑެލް ބޮސްކޭ ބުނީ އިޓަލީ ބަލިކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެ ޓީމަކީ ވަރަށް ވާދެވެރި ޓީމެއް ކަމަށެވެ.
"ވޭތުވެ ދިޔަ އަހަރުތަކު އިޓަލީން ވަނީ އެމީހުންނަކީ އާދައިގެ ޓީމެއް ނޫން ކަން ސާބިތު ކޮށްދީފައި. އެމީހުންގެ އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ ދަނޑުމަތީގައި ކުރާ ބުރަ މަސަތްކަތް. އެހެންވެ އެމީހުނަށް އެހޭ ގިނަ ފަހަރު ވޯލްޑް ކަޕްވެސް ކާމިޔާބު ކުރެވިފައި ވަނީ،" ޑެލް ބޮސްކޭ ބުންޏެވެ.
އޭނާ ބުނީ މިރޭގެ މެޗަށް ސްޕެއިން ތައްޔާރުވެފައި ވާނީ އިޓަލީ އަކީ ކިހާ ފެންވަރެއްގެ ޓީމެއް ކަން ދެނެގެން ކަމަށާއި އެ މެޗަށް ނިކުންނަށް ކެތް މަދުވެފައިވާ ކަމަށެވެ.
މިރޭގެ 9:00 ޖަހާ އިރު ފަށާ މެޗުގައި އަނިޔާގެ ސަބަބަބުން އިޓަލީގެ އެންޓޯނިއޯ ކެންޑްރޭވް އަށް ނުކުޅެވޭއިރު ސްޕެއިން ޓީމަށް ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ސަސްޕެންސަނެއް އަދި އަނިޔާގެ މައްސަލައެއް އެ ޓީމަށް ކުރިމަތި ވެފައި ނުވުމެވެ.