27 Jun 2016, 20:46
ހިފާފައިވާ ގުދްސު (ޖޫން 27): ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގައި މާތްވެގެންވާ މަސްޖިދުލްއަގްސާއަށް އަޅުކަން ކުރުމަށްދާ ފަލަސްތީނުގެ ރައްޔިތުންނަށް ހުރަސް އެޅުމަށް އިސްރާއީލުން ހިންގަމުން ގެންދާ ހަރުކަށި އަމަލުތައް ފަލަސްތީނުން ކުށްވެރިކޮށްފި އެވެ.
ފަލަސްތީނުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި މިއީ މަސްޖިދުލް އަގްސާއަށާއި އެހަރަމްފުޅަށް އަޅުކަންކުރަންދާ މީހުންނަށް ގޯނާކުރުމަށް އިސްރާއީލުން ދުރާލައި ރާވައިގެން ހިންގާ ހަރުކަށި އިސްތިޢްމާރީ އަމަލުތަކުގެ ބައެއް ކަމަށް ސިފަކޮށްފައިވެ އެވެ. އަދި އެކަމުގެ ބޭނުމަކީ މަސްޖިދުލްއަގްސާ އަކީ ޔަހޫދީންގެ ފައްޅިއެއް ކަމަށްވާ ހައިކަލް ސުލައިމާން ހުރިތަނުގައި ބިނާކޮށްފައިވާ ބިނާއެއް ކަމަށް ބުނެ އެ މުގައްދަސްބިނާ ތަޅާލުމަށް އިސްރާއީލުގެ ހަރުކަށި ޔަހޫދީ ޖަމާއަތްތަކުން އެދެމުންދާ އެދުންތަކަށް އިސްރާއީލުން އިޖާބަ ދިނުމުގެ އަމަލެއް ކަމަށްވެސް ފަލަސްތީނުން ސިފަކޮށްފައިވެ އެވެ.

ފަލަސްތީނު މީހުން މަސްޖިދުލްއަގްސާގައި ދުއާކުރަނީ
ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަކުގައި މާތްވެގެންވާ މަސްޖިދުލް އަގްސާއަށް އަޅުކަން ކުރުމަށްދާ މީހުން އާދަޔާ ޚިލާފަށްގިނަ ވެފައިވާއިރު އެ މީހުންނަށް ހުރަސްއެޅުމުގެ ގޮތުން އިސްރާއީލުން ވަނީ ހަރަމްފުޅުގެ އެތެރެއަށް ޔަހޫދީ ވަޒަންވެރިންގެ ހަރުކަށި ބަޔަކު ވައްދާފަ އެވެ. މިކަމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނާއި އިސްރާއީލުގެ އިސްތިޢްމާރީ ބާރުތަކާމެދު އިއްޔެ ވަނީ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފަ އެވެ. އެ ކުރިމަތިލުންތައް ރޭގެ ދަންވަރުގެ ވަގުތަކާ ހަމައަށް ވެސް ކުރިޔަށް ގޮސްފައިވެ އެވެ.
މަސްޖިދުލްއަގްސާގެ ހަރަމްފުޅުގެ ތެރެއަށް ވެއްދި ޔަހޫދީ ވަޒަންވެރިން ވަނީ ބޫޓާއެކު އެ މިސްކިތުގައި ދޫލައަޅާފައިވާ އެންމެ އެތެރޭގެ ބައިތަކަށް ވަދެ ބޫޓާއެކު ހިނގާފަ އެވެ. އިސްރާއީލު ސިފައިންނާއި ފަލަސްތީނު މީހުންނާ ދެމެދު ކުރިމަތިލުމަކަށް ދިޔައީ ވަޒަންވެރިންނާ ދެކޮޅަށް ފަލަސްތީނު މީހުން ތެދުވުމުން ވަޒަންވެރިންގެ ހިޔާމަތުގައި އިސްރާއީލު ސިފައިން ތެދުވުމާ ގުޅިގެންނެވެ.

މަސްޖިދުލްއަގްސާގެ ހަރަމްފުޅުގައި އިސްރާއީލުގެ އަންހެން ފުލުހަކު ފަލަސްތީނުގެ އަންހެނަކު ވައްޓާލައިގެން ބުރުގާ ދަމައިގަންނަނީ
ކޮންމެ ރަމަޟާން މަހެއްގެ ފަހުދިހައަކީ ފަލަސްތީނުގެ އެތަށް ލައްކަ ބަޔަކު މާތްވެގެންވާ މަސްޖިދުލްއަގްސާގައި ނަމާދުކޮށް އިޢްތިކާފް ކުރުމަށްޓަކައި އެ ހަރަމްފުޅަށް ޒިޔާރަތްކުރާ ދުވަސްވަރެކެވެ. މިގޮތުން މިދިޔަ ހުކުރު ދުވަހުގެ ހުކުރުނަމާދަށް ވެސް ފަލަސްތީނުގެ ތިންލައްކައެއްހާ މީހުން މަސްޖިދުލްއަގްސާ ގޮސްފައިވެ އެވެ. ނަމަވެސް އިސްރާއީލުން ވަނީ އޭގެތެރެއިން ބައެއް މީހުންނަށް ހުރަސްއަޅައި އެ މިސްކިތަށް ދިޔުމުގެ ފުރުސަތުން މަހްރޫމްކޮށްފަ އެވެ.
މިއަހަރުގެ ރަމަޟާންމަހުގެ ފަހުދިހައަށް އެޅުމާއެކު އިސްރާއީލު ސިފައިން ޔަހޫދީ ވަޒަންވެރިންގެ ބަޔަކު މަސްޖިދުލްއަގްސާގެ ތެރެއަށް ވައްދާފައިވާއިރު މިއީ ފާއިތުވި ސާދަ އަހަރު ތެރޭގައި މިދުވަސްވަރާ ދިމާކޮށް އިސްރާއީލުން ޔަހޫދީ ވަޒަންވެރިންނަށް މިފުރުސަތު ދިން ފުރަތަމަ ފަހަރެވެ. މިއީ އިސްރާއިލުން ހިންގި ޖެއްސުން ކުރުމުގެ އަމަލެއް ކަމަށް މަސްޖިދުލްއަގްސާގެ އިމާމު ވެސް ވަނީ ސިފަކުރައްވާފަ އެވެ. (އަލްޖަޒީރާ)