ފްރާންސްގެ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ކޯޗުކަމުން ލޯރެންޓް ބްލޮންކް ވަކިވެއްޖެ އެވެ.

ޕީއެސްޖީގެ ކޯޗުކަމުގެ މަގާމު ބްލޮންކް ދޫކޮށްލާފައި ވަނީ ސްޕެއިންގެ ކްލަބު ސެވިއްޔާގެ ކޯޗުކަމާ ހަވާލުވުމަށް ތައްޔާރުވަމުންދާ ކަމަށް ހަބަރުތައް ބުނަމުން ދަނިކޮށެވެ.

ޕީއެސްޖީން ބުނީ، ކްލަބުގެ ކޯޗު ކަމުން ބްލޮންކް ވަކިވެފައި ވަނީ ކްލަބާ މަޝްވަރާ ކުރުމަށްފަހު ކަމަށާއި އެ ކްލަބުން އާ މެނޭޖްމަންޓެއް އެކުލަވާލާނެ ކަމަށެވެ.

"ބްލޮންކް ވަނީ މިއަދު ކްލަބުގެ ކޯޗުކަމުގެ މަގާމުން ވަކިވެފައި. އެގްރިމަންޓުގައިވާ ގޮތުން އެސިސްޓަންޓް ކޯޗު ޖިއާން ލުއިސް ގަސެޓް އަދި ފިޓްނަސް ޓްރެއިނަރު ފިލިޕް ލެމްބާޓް ވެސް މަގާމުތަކުން ވަނީ ދުރުވެފައި. ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ކްލަބަށް ބްލޮންކް ހޯދައިދިން ކާމިޔާބީތަކަށް ޝުކުރު އަދާކުރަން،" ޕީއެސްޖީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ޕީއެސްޖީގެ ސީއީއޯ ނާސެރް އަލް ޚަލައިފާ ބުނީ، ކްލަބުން އާ ދަތުރެއް ފެށާނެ ކަމަށާއި ބްލޮންކް ހޯދައިދިން ކާމިޔާބީތަކަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ކުރިއަށްއޮތްތާ ބްލޮންކް އަށް ކާމިޔާބީ އެދޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ފާއިތުވެދިޔަ ދެ ސީޒަނުގައި ފްރާންސްގެ މުބާރާތްތަކުގައި ޕީއެސްޖީ އަށް ބްލޮންކް ކާމިޔާބު ހޯދައިދިން ނަމަވެސް، ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބޮޑު ކާމިޔާބެއް އެ ކްލަބަށް ހޯދައިދެވިފައެއް ނުވެ އެވެ.