ށ. އަތޮޅަށް ނިސްބަތްވާ އެ ޒުވާނާ ކައިވެނި ކުރަން ތައްޔާރީތައްވެ ނިމުނުއިރު ހަމަނުޖެހި އޮތީ އެންމެ ކަމެކެވެ. އެއީ މާލޭގައި ދިރިއުޅޭނެ ތަނެކެވެ. އެހެންކަމުން ތަނެއް ހޯދުމަށް އޮންލައިން ވެބްސައިޓެއްގައިޖެހި އެވެ. މާކަ ގިނަ ދުވަހެއްނުވެ އެވެ. މައްޗަންގޮޅީ ސަހަރާކައިރި ދެކޮޓަރީގެ އެޕާޓްމެންޓެއް ލިބެން ހުރިކަމަށް ބުނެ ގުޅި އެވެ. އެތަން ދެ މަސްތެރޭ ދޭން ބުންޏެވެ. އޭރު އެ ޒުވާނާ އުޅޭ އެޕާޓްމެންޓް މުއްދަތު ހަމަވަނީ އެވެ. ގުޅިމީހާ ބުނީ ބޮޑު އެޑްވާންސްއެއް ދިނީމަ ހެޔޮ އަގުގައި އެޕާޓްމަންޓް ދޭނެ ކަމަށެވެ.

"ބުނީ މަހަކު 18000 ރުފިޔާއަށޭ އެތަން، އެކަމަކު ދެ ލައްކަ ރުފިޔާގެ އެޑްވާންސްއެއް ދިނީމާ މަހަކު 15000 ރުފިޔާއަށް ދޭނަމޭ ހަތަރު އަހަރު ވަންދެން، ދެން އަހަރުން ބުނީ އެގްރިމެންޓުގެ ޑްރާފްޓް ފޮނުވާށޭ،" އެ ޒުވާނާ ބުންޏެވެ.

މާލެ ސިޓީގެ އިމާރާތްތަކެއް -- ފޮޓޯ/ އަލާމީ

އެ މީހާގެ ބަހަށް އިތުބާރުކޮށް އެގްރިމެންޓް ހެދި އެވެ. ކުއްޔަށް ހިފަންދިޔަ މީހުން ހެކިން ގެންގޮސް ސޮއިކޮށް އެޑްވާންސްއަށްވީ ދެ ލައްކަ ރުފިޔާ އެއްފަހަރާ ދެއްކި އެވެ. ނަމަވެސް ގޭ ވެރިފަރާތުން ހެއްކެއް ނުގެންދެ އެވެ. އެގޮތުގެ މަތިން އެގްރިމެންޓް ހެދީ މަސް ދުވަހުގެ ތެރޭގައި އެޕާޓްމަންޓް ދިނުމަށެވެ.

"އޭނާ ނުގެނޭ ހެއްކެއްވެސް، ދެން ވަރަށް ވާހަކަ މޮޅު، އޭނާ ބުނަނީ ތިމަންނަ ބަހަށް އިތުބާރު ކުރާށޭ،" އޭނާ ބުންޏެވެ.

ކޮންމެ އަކަސް ދުވަހަކަށް ފަހު ދުވަހެއް ފާއިތުވަމުންދާ އިރު ގޭވެރިފަރާތުގެ ހަބަރެއްނުވެ އެވެ. އުޒުރަކަށް ފަހު އުޒުރެއް ދައްކަ އެވެ. ފަހުންފަހުން ފޯނަށް ޖަވާބެއް ނުދެ އެވެ. ހަގީގަތްބެލުމަށް އެ ޒުވާނާ އޭނާއަށް ކުއްޔަށްދިން އެޕާޓްމެންޓަށް ދިޔައިރު އެތަނުގައި ބަޔަކު ދިރިއުޅެ އެވެ. އެ ވާހަކަތައް އެމީހުން ކައިރި އެ ވާހަކަ ބުނުމުން އެ މީހުންދިން ޖަވާބަކީ އެމީހުންގެ އެގްރިމެންޓް ހަމަވާން އަދި ކައިރިނުވާ ކަމަށާއި އެމީހުން އެތަނުގައި އުޅެނިކޮށް އެގޮތަށް އެތައް ބަޔަކަށް އެއެޕާޓްމަންޓް ކުއްޔަށްދީ އެތައް ބައެއްގެ އަތުން އެގޭ ވެރިފަރާތުން ފައިސާ ނަގަމުން އަންނަ ކަމަށެވެ.

މާލެ: މާލޭގެ އިމާރާތްތަކުގެ ކުލީގެ އަގު ބޮޑުކަމުން އާއްމު ރައްޔިތުން އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން: ސަން ފޮޓޯ/ ފަޔާޒު މޫސާ

އަގުހެޔޮކޮށް އެޕާޓްމަންޓް ދޭނެ ކަމަށް ބުނެ އެއް ފަހަރާ ދެ ލައްކަ ރުފިޔާގެ އެޑްވާންސެއް ހިފައިގެން އޭނާ ވަނީ ފިލާފަ އެވެ. ކަމާބެހޭ ފަރާތްތަކަށް މައްސަލަ ހުށަހަޅައިގެން އެތައް ދުވަހެއް ވާއިރު ކައިވެނިކުރަން ނިންމި ތާރީހު މިއޮށް އަރާ ބޯމަތިވަނީ އެވެ. މިއީ އެ ޒުވާނާއަށް ލިބުނު ކެއްސެކެވެ.

ސަމާލުވާށެވެ. މިފަދަ މައްސަލަތައް ވަރަށް ބޮޑެވެ. ގޭ ކުއްޔަކީ ބޮޑު ބުރައަކަށްވެފައިވާ އިރު ހެޔޮ އަގުގައި ކުއްޔަށް ދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ފޭރޭ މީހުން އެބައުޅެ އެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ މާލޭގެ ގޭގޭ ވެރިންނެވެ. އަނެއް ބަޔަކީ ގޭގޭ ވެރިމީހުން އަތުން އެޕާޓްމަންޓްތައް ނަގައިގެން އެހެން މީހުންނަށް ކުއްޔަށްދޭ މީހުންނެވެ. ދެން އުޅެނީ އެކަހަލަ އެއްވެސް ކަމެއް ނެތި ފައިސާގެ ބޭނުމަށް މިކަން ކުރާ މީހުންނެވެ. އެފަދަ އެތައް ކަމެއްގައި މީހުން ބެދި މި ވަނީ ހާލުގައިޖެހިފަ އެވެ.

"އަހަރެންނަށް އައިބޭއިން ފެނިގެން ގުޅީ، ބުނީ ތިން ކޮޓަރީގެ އެޕާޓްމެންޓެއް އެއް އަހަރަށް ދޭނަމޭ ތިން ލައްކަ ދިނީމަ، ދެން އެހެން މިހެން ފައިސާ ހޯދާފައި މަ މި ދިނީ، އެކަމަކު އެއެޕާޓްމަންޓެއް ނުލިބުނު،" އެފަދަ މައްސަލައެއް ދިމާވެފައިވާ އެހެން ފަރާތަކުން ބުންޏެވެ.

ފޭރުން އިންތިހާއަށް އިތުރު ސަމާލުވޭ

މަކަރާއި ހީލަތް ހަދާ މީހުން އަބަދުހެން ޓާގެޓް ކުރާނީ މީހުން އެންމެ ބޭނުންވާ ކަންތަކަށެވެ. އެގޮތުން ޑޮލަރު ނުވަތަ އެޕާޓްމަންޓްތަކަށް ހެޔޮއަގުގައި ވިއްކާ ކަމަށް ބުނެއެވެ. އެތައް ބަޔަކު ދަރާވިކިގެން ފައިސާ ހޯދައި ކުއްޔަށް ދިނީމަ އެޕާޓްމަންޓް ނުދީ އެ ވަނީ ފިލައިފަ އެވެ. އެފަދަ އެތައް މައްސަލައެއް ފުލުހުންނަށް ވެސް ހުށައެޅިފައިވެ އެވެ. އެ ލަނޑު ލިބޭ ފަރާތްތަކުގެ ކަންބޮޑުވުމަކީ އެހާ ގިނަ އަދަދެއްގެ ފައިސާ ފޭރިގެންތާ އެތައް ދުވަހެއްވާ އިރު ވެސް އެފަދަ މައްސަލަތައް ނުބެލުމެވެ.

ފުލުހުން ބުނީ ތަފާތު ގޮތް ގޮތަށް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކަކީ މިހާރަކަށް އައިސް އިތުރު ވަމުންދާ މައްސަލަތަކަކަށް ވާތީ، ފައިސާ އާއި އަގުބޮޑުތަކެތި ހިމެނޭ މުއާމަލާތްތައް ކުރާއިރު އެކުރެވޭ މުއާމަލާތަކީ ސައްހަ މުއާމަލާތެއްތޯ ކަށަވަރުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ސައްހަ ނޫން މުއާމަލާތެއް ހިންގުމަށް މަސައްކަތް ކުރާ ކަމަށް ޝައްކުކުރެވޭ ނަމަ، ލަސްނުކޮށް އެ މުއާމަލާތެއްގެ ފުލުހުންނަށް ހުށައެޅުމަށް އިލްތިމާސްކުރެ އެވެ.

އެގްރިމެންޓެއް ހަދާއިރު ވިސްނަންޖެހޭ އެތައްކަމެއް

ދެ ފަރާތެއް މެދުގައި ފައިސާގެ ބޮޑު މުއާމަލާތެއް ކުރާއިރު ރަނގަޅު ބުރަދަންހުރި އެގްރިމެންޓެއް ވަރަށް ވެސް މުހިންމެވެ. މަކަރު ހަދަން އުޅޭ މީހާ ދައްކާ ވާހަކައަށް އިތުބާރު ކުރާށޭ ބުނެ އެހެންވިސްނައިދޭން އުޅުނު ނަމަވެސް މިފަދަ ބޮޑެތި މުއާމަލާތްތައް ކުރެވޭއިރު ރަނގަޅު އެގްރިމެންޓެއް ހަދަންޖެހެ އެވެ.

ފުރަތަމަ ކަމަކަށް އެއެގްރިމެންޓް ހަދަނީ ގެ ކުއްޔަށްދޭ ވެރިފަރާތްނަމަ ގޭގެ ރަޖިސްޓްރީ ބަލައި ޔަގީން ކުރަންޖެހެ އެވެ. އަދި އެހެން މީހަކު އަތުން ނަގައިގެން އަނެއްކާ ވެސް ކުއްޔަށްދޭ ނަމަ އެ މީހަކާއި އެގޭގެ ވެރިފަރާތަކާ ދެމެދު ހަދާފައިވާ އެގްރިމެންޓުގެ ތަފްސީލަށް ބެލުން މުހިންމެވެ.

ގާނޫނީ ވަކީލް މޫސާ ސިރާޖު ވިދާޅުވި ގޮތުގައި އެފަދަ އެގްރިމެންޓެއް ހަދާއިރު އެންމެ މުހިންމުކަމަކީ އެ މުއާމަލާތުގައި ހިމެނޭ ހުރިހާ ކަމެއް ތަފްސީލްކޮށް ލިޔުމެވެ. އެޑްވާންސް ނަގާ އަދަދާއި އަނބުރާ ދަށްކާއިރު ދައްކަން ޖެހޭނެ މުއްދަތާއި އެޑްވާންސް ފައިސާއަށް ކުރެވޭނެ ހަރަދުތައް ފަދަ މުހިންމު ކަންކަން ތަފްސީލްކޮށް ލިޔަން ޖެހޭނެ ކަމަށް ސިރާޖު ވިދާޅުވި އެވެ.

"އެޑްވާންސްއެއް ނަގާ ނަމަ އެ އެގްރިމެންޓަށް އަމަލު ނުކުރުމުން ނޫނީ އެގްރިމެންޓް އުވާލުމުން އެޑްވާންސް ފައިސާ ލިބެން ޖެހޭގޮތް ތަފްސީލްކޮށް ލިޔެފައި އިންނަންވާނެ، އަދި އެޑްވާންސްއަށް ހަރަދުތަކެއް ކުރެވޭ ނަމަ އެ ހަރަދު ކުރެވޭ ގޮތުގެ ބިލް ހުށައަޅަން އިންނަންވާނެ." ސިރާޖު ވިދާޅުވި އެވެ.

އެގްރިމެންޓާއި ހިލާފްވެ ފައިސާ ނުދީ ގޭގެ ވެރިފަރާތުން ގިނަ ފަހަރަށް ފިލާއިރު އެއެގްރިމެންޓެއް އުވާލާތާ މުއްދަތުގައި ފައިސާ ނުދީފި ނަމަ ޖޫރިމަނާވާނެކަން އެގްރިމެންޓުގައި ހިމެނުމާއި އެގްރިމެންޓުގައި މައްސަލަޖެހި ކޯޓަށް ދާންޖެހިއްޖެ ނަމަ ގާނޫނީ ފީއެއް ދައްކަންޖެހޭނެކަން ވެސް ހިމަނަންޖެހޭނެ ކަމަށް ސިރާޖު ވިދާޅުވި އެވެ.

އެގޮތަށް ހަދާ އެގްރިމެންޓުތަކުގެ ހުރިހާ ގަނޑެއްގައި ދެ ފަރާތުގެ ސޮޔާއި ފިންގާ ޕްރިންޓު ޖެހުމަށާއި އައިޑީ ކާޑް ކޮޕީ ފަދަ ކާކުކަން ދެނެގަނެވޭ މުހިންމު ލިޔުންތައް ހޯދުމަށް ވެސް ގާނޫނީ ވަކީލް ސިރާޖު އިލްތިމާސް ކުރެ އެވެ.

ކޮންމެއަކަސް އެތައް ބަޔަކު ހެޔޮ އަގުގައި އެޕާޓްމަންޓުތައް ބޭނުންވާއިރު އެކަމުގެ ނާޖާއިޒު ފައިދާ ނަގައި އެ ދަނީ ފޭރެމުންނެވެ. މަކަރާއި ހީލަތް ހަދައި އެކެއް ފައިސާ އެ ދަނީ ހޯދަމުންނެވެ. އެހެންކަމުން މިކަންކަމަށް ސަމާލުވާން ޖެހެ އެވެ. ފައިސާގެ ބޮޑެތި މުއާމަލާތްތައްކުރާ އިރު ރަނގަޅު އެގްރިމެންޓެއްގެ ދަށުން އެކަން ކުރަންޖެހެ އެވެ. ސަމާލުވާށެވެ.