އޭޝިއާގެ ރެކޯޑް ޓްރާސްފާ އަގަކަށް ބްރެޒިލްގެ ހަލްކް ޗައިނާގެ ޝަންހާއީ އިންޓަނޭޝަނަލް ޕޯޓް ގްރޫޕް ފުޓްބޯލް ކްލަބު (އެސްއައިޕީޖީ)އާ ގުޅިއްޖެ އެވެ.

ރަޝިއާގެ ޒެނިތަށް ކުޅުމަށް ފަހު، ޗައިނާގެ ކްލަބާ ހަލްކް ގުޅިފައިވަނީ 58 މިލިއަން ޔޫރޯ އަށެވެ. ކުރިން އޭޝިއާގެ ރެކޯޑް ޓްރާންސްފާގެ އަގަކީ 50 މިލިއަން ޔޫރޯ އެވެ. އެ ރެކޯޑު އޭރު ހަދާފައިވަނީ ޔޫކްރޭނުގެ ޝަޚްތަރު ޑޮނެސްކުން ވިދާލި އެލެކްސް ޓެކްސޭރާ އެވެ. ޖިއަންގްސޫ ސަނިންގް އަށް ޓެކްސޭރާ ސޮއިކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ.

ޝަންހާއީ އެސްއައިޕީޖީއާ ގުޅުމަށް ފަހު، ޗައިނާ އަށް ދިއުމާއެކު ހަލްކް އަށް މަރުހަބާ ކިޔުމަށް 1000 އެއްހާ ސަޕޯޓަރުން ޝަންހާއީ އެއާޕޯޓަށް ޖަމާވި ކަމަށް އެ ކްލަބުން ބުނެ އެވެ.

"ޝަންހާއީ އެސްއައިޕީޖީއާއެކު އެއްބަސްވުމަށް އައުމަށް ފަހު، ބުދަ ދުވަހު އެކްލަބާއެކު ހަލްކް މެޑިކަލްގައި ބައިވެރިވާނެ. ހަލްކުގެ ޓްރާންސްފާއާއެކު ޒެނިތަށް ޓްރާންސްފާ ފީއެއްގެ ގޮތުގައި ގާތްގަނޑަކަށް 56 މިލިއަން ޔޫރޯ ލިބޭނެ. އެ އަގަށް ދެ މިލިއަން ޔޫރޯ ވެސް އިތުރު ވާނެ،"ސްޕޯޓް އެކްފްރެސްއަށް ދިން އިންޓަވިއެއްގައި ޒެނިތުގެ މީޑިއާ އޮފިސަރު ޑިމިޓްރީ ޒިމާމަން ބުންޏެވެ.

ޕޯޗުގަލްގެ ޕޯޓޯ އަށް ކުޅުމަށް ފަހު، 2012 ވަނަ އަހަރު ހަލްކު ޒެނިތާ ގުޅިފައިވަނީ 60 މިލިއަން ޔޫރޯގެ އަގަކަށެވެ.