30 Jun 2016, 10:26
ކޮންމެ މީހަކުވެސް ދުނިޔެއަށް އަންނަނީ ސާފުކަން މަތީގައި ނަމަވެސް، އުފަންވާ ވަގުތު ތިބާއަށް ތިބާގެ ގައުމާއި ދީނާއި އަމަލުކުރަންޖެހޭ ސަގާފަތް ބަޔަކު ހަމަޖައްސަ އެވެ. މިއީ ގިނަ ބަޔަކު ދިރިއުޅޭ ދުނިޔެއެކެވެ. ގިނަ ގައުމުތަކަކާއި ތަފާތު ސަގާފަތްތަކެއް އޮވެ އެވެ. ތަފާތު، ބޮޑެތި މައްސަލަތަކެއް ވެސް ދުނިޔޭގައި ހުރެ އެވެ.
އަހަރެން އުފަންވީ ނަސާރާ އާއިލާއަކަށެވެ. އެހެންކަމުން އަހަރެންވެސް ވީ ނަސާރާއަކަށެވެ. ނަމަވެސް ދިރިއުޅުމާއި ދުނިޔޭގައި ވުމުގެ މަގްސަދެއް އަހަރެންނަކަށް ނުވިސްނުނެވެ. ދުނިޔެއަކީ ފަނާކުރުވަނިވި ތަނެކެވެ. އެއްބަޔަކު ބަނޑަށް މަރުވަނީ އެވެ. އަނެއް ބަޔަކު ކުށްތަކަށް އަރައިގަންނަ އިރު ދުނިޔޭގެ އެހެން ބިތެއްގައި ގަދަޔަށް ކަނޑި ބަޑިން ހަނގުރާމަކޮށް މީސްތަކުން މަރައި ނަގަނީ އެވެ.
ދިރިއުޅުމާއި ދުނިޔެއަށް ފޮނުވުމުގެ މަގްސަދު އަހަރެން ހޯދަން ބޭނުންވި އެވެ. ނަސާރާ ބައިބަލް އަހަރެން ކިއީމެވެ. ހިތްހަމަޖެހޭ ޖަވާބެއް ނުލިބިގެން ފާދިރީ ކައިރިއަށް ދިއުމުން އޭނާ ބުނި އެއްޗަކުން އަހަރެން އައީ ރުޅި އެވެ.
"ތިބާގެ ހިތުގައި އީމާންކަން ވަރުގަދަ ވުމުން ތިކަމުގެ ޖަވާބު ބޭނުމެއްވެސް ނުވާނެ،" ކަމަށެވެ.
ފާދިރީއެއް ކަމަކު އެ ބުނީ ތެދު ވާހަކައެކެވެ. ނަމަވެސް އަހަރެން ރުޅި އައީ، އޭނާ ބުނި އެއްޗަކާ ބައިބަލްގައިވާ އެއްޗަކާ ފުށުއަރާތީ އެވެ. އަހަރެން ހިތަށް އެރި އެވެ. ކަލާނގެ ބާވައިލެއްވި ފޮތުގައި ފުށުއެރުން ހުންނާނެ ހެއްޔެވެ؟ ސުވާލު މާ ބޮޑަށް އުފެދޭ ނޫން ހެއްޔެވެ؟
އެހެންކަމުން ނަސާރާ ދީނުގެ ފޮތްތައް ދޫކޮށްލީމެވެ. ޔަހޫދީންގެ ފޮތްތައް ކިޔަން ފަށައިފީމެވެ. އެ ވެސް ސަކަރާތެވެ. ދެން ދުނިޔޭގެ އިރުމަތީގައި މީހުން އުޅޭ ދީންތައް ހޯދައި ބަލަން ފެށީމެވެ. ޚާއްސަކޮށް ބުދު ދީނަށް އަހަރެން ވަރަށް ޝައުގުވެރިވި އެވެ.
ގިނަ ދީންތަކެއް ދެކެ ފަރިތަ ކުރީމެވެ. ހުރިހާ ދީނެއްގައި ވެސް ކޮންމެވެސް ވަރެއްގެ ހަގީގަތްތަކެއް އެކުލެވުނު ކަމަށް އަހަރެންނަށް ގަބޫލު ކުރެވުނު ނަމަވެސް އެއީ ހައްގު ދީނެއްގެ ގޮތުގައި ބަލައެއް ނުގަނެވުނެވެ. އޭރުވެސް އިސްލާމް ދީން ދިރާސާ ކުރަން އަހަރެންގެ ހިތުގައި ނިޔަތެއް ނެތެވެ.
އެންމެ ފަހުން އަހަރެންނަށް ކެތް ނުކުރެވުނެވެ. އަހަރެން ހުރީ ކޮންފިއުޒް ވެފައެވެ. ނޭނގޭ އެތަކެއް ޖަވާބުތަކެއް ބޭނުންވެފައެވެ. އަހަރެންނަށް އެވަގުތު ދެ އަތް އުފުލައި ދުއާ ކުރެވުނެވެ. ހައްގުވަންތަ ކަލާނގެއެއް ވާ ނަމަ އަހަރެންނަށް ތެދު މަގު ދައްކަވާށޭ ބުނެވުނެވެ.
އެހިނދު، އިސްލާމް ދީން ހޯދައި ބެލުމުގެ އައިޑިއާ އަހަރެންގެ ހިތަށް އައެވެ. އަވަހަށް އެކަމައިގެން އަވަސްވެގަތީމެވެ. އަހަރެން މިވީހާ ދުވަހު އެ ސުވާލުތަކަކަށް ހޯދަމުން އައި ޖަވާބުތައް މި ދީނުން ފޯރުކޮށްދޭނެ ކަމަކަށް ދުވަހަކުވެސް ހީ ނުކުރަމެވެ.
އިސްލާމް ދީނުގެ ކަންކަން އަހަރެން ދިރާސާ ކުރަން ފެށުމާ އެކު ހިތަށް ހިތްހަމަޖެހުން ލިބެން ފެށި އެވެ. އެހެން ދީނުތަކާ އިސްލާމްދީނާ އޮންނަ އެންމެ ބޮޑު ތަފާތަކީ ޚާލިޤާއި މަޚްލޫޤާ ދެމެދު އޮންނަ ތަފާތެވެ. އިސްލާމް ދީނުގައި އަޅުކަން ކުރަނީ ޚާލިޤަށެވެ. އެހެން ދީންތަކުގެ އަޅުކަމުގައި މަޚްލޫޤުންވެސް ބައިވެރިކުރާތީ އެކަމުގެ ބާތިލުކަން އަހަރެންނަށް އެނގުނެވެ.
ކީރިތި ޤުރްއާން އަހަރެންނަށް ގިނަ ޖަވާބުތަކެއް ދިނެވެ. ސާފު ނުވާ ކަންކަން އިސްލާމީ ޢިލްމުވެރިންގެ ކިބައިން ސާފު ކުރެވެ އެވެ. އެކި ދީންތަކުން އަހަރެންނަށް އެތި އެތިކޮޅުން ދަސްވި ހުރިހާ ކަމެއް އިސްލާމް ދީނުން އެއްފަހަރުން އަހަރެންނަށް ކިޔައިދިނެވެ. ދީނުގެ ހައްގުކަން އެނގުނު ގޮތަކީ އެއީ އެވެ.
އެހެންކަމުން ﷲ ގެ އިރާދަފުޅާ އެކު އަހަރެން އިސްލާމް ވެއްޖައިމެވެ. ހަގީގީ އިސްލާމް ދީނަކީ ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތުން ވާރިދުވާ ކަންކަމެވެ. ހުޅަނގުގެ މީޑިއާއިން ފަތުރާ މައުލޫމާތެއް ނޫނެވެ.