30 Jun 2016, 11:18
ގާހިރާ (ޖޫން 30): މިދިޔަ މޭ މަހު މެޑިޓެރޭނިއަން ކަނޑަށް ވެއްޓުނު އިޖިޕްޓްއެއާގެ ފްލައިޓް އެމްއެސް804 ވެއްޓުމުގެ ކުރިން ފްލައިޓުން ދުން އަރާފައިވާކަން އޭގެ ކަޅު ފޮށީގައި ރިކޯޑުވެފައިވާ މައުލޫމާތުން ކަށަވަރުވެއްޖެ އެވެ.
މީގެ ކުރިން މިސްރުގެ އޮފިޝަލުން ވަނީ ބޯޓު ވެއްޓުވުމުގެ ކުރިން، ބޯޓުގެ ފާހާނައިންނާއި އޭވިއޯނިކްސް އޭރިއާ އިން ދުން އެރި ކަމުގެ އޮޓޮމެޓިކް ސިގްނަލް ލިބިފައިވާ ކަމަށް ބުނެފަ އެވެ. އަދި ބޯޓުގެ ކަޅުފޮށިން މިހާރު އެކަން ކަށަވަރުކޮށްދޭ ކަމަށް ހާދިސާ ތަހުގީގު ކުރަމުންދާ މިސްރުގެ ކޮމިޓީން ބުންޏެވެ.
މީގެ އިތުރުން، ފްލައިޓުގެ ކުރީކޮޅުން ފެނިފައިވާ ބައިތަކުން "ހޫނުގަދަ ވުމުގެ ސަބަބުން ހަލާކުވެފައިވާ ކަމުގެ ނިޝާންތައް ފެނިފައިވާ" ކަމަށް ވެސް ކޮމިޓީން ބުންޏެވެ.
ބޯޓުގެ ވޮއިސް އަދި ފްލައިޓް ޑޭޓާ ރިކޯޑަރުތައް ކަމަށްވާ ކަޅުފޮށިތައް ހޯދާފައި ވަނީ މެޑިޓެރޭނިއަންގެ 3000 މީޓަރު އަޑިންނެވެ. ފުރަތަމަ ކަޅު ފޮށި މަރާމާތުކޮށް ނިމިފައިވާ އިރު ދެވަނަ ކަޅު ފޮށި މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.
ފްރާންސުގެ ޕެރިހުން މިސްރުގެ ގާހިރާއަށް ދަތުރު ކުރަނިކޮށް ވެއްޓުނު ފްލައިޓް އެމްއެސް804 ވެއްޓުނީ އޭގައި ދަތުރު ކުރި 66 މީހުންނާ އެއްކޮށެވެ. (ބީބީސީ)