ޒެޑް ޑީއާރުޕީ ކުޅިގަނޑު ހިނގައި ތަސްމީން އަލީ "މަގުމަތިވިގޮތް" އަދި ހަނދާން ނެތޭހާ ދުވަހެއް ނުވެއެވެ. ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ލީޑަރަކަށް ހުންނެވި ތަސްމީނަށް ހެދުނު ގޯހަކީ އެ ޕާޓީގެ ޒައީމް މައުމޫން އަބްދުލްގައްޔޫމްއާ ދެ ބަސްވުމެވެ. އެ ޕާޓީ ބައިބައިވެގެން ދިޔަ އިރު "ހަތިޔާރަކީ" ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އެއީ މާޒީ އެވެ. މިއަދު އަނެއްކާ ވެސް އެ ފަދަ މަންޒަރެއް ފެންނަން ފަށައިފި އެވެ.

ރައީސް މައުމޫން އުފެއްދި ޑީއާރުޕީ ބައިބައިވުމުން ދެން އެމަނިކުފާނު އުފެއްދީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އެވެ. ޑީއާރުޕީގެ ޒައީމް މައުމޫން އާއި ލީޑަރު ތަސްމީން އާއި ދެ ބަސްވުން އުފެދުނު ގޮތަށް ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން އާއި މައުމޫން، މި ދެބެއިންގެ ދެމެދުގައި މިވަނީ ހަމަ އެފަދަ ދެބަސްވުންތަކެއް އުފެދިފަ އެވެ.

ޕީޕީއެމްގެ ރައީސް މައުމޫނާ ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ-- ސަން ފައިލް ފޮޓޯ

އެއްބަފާ އެ ދެ ބޭފުޅުންނަކީ މި ވެރިކަމުގެ ކުރިން ވެސް ވަރަށް ބޮޑަށް ހިޔާލު ތަފާތު ދެ ބޭފުޅުންނެވެ. ބައެއް ފަހަރު އުޅުއްވީ ވެސް ދެ ޕާޓިއެއްގަ އެވެ. އެއް ޕާޓީއަކާ ގުޅިވަޑައިގެން ދެ ބޭފުޅުން މަސައްކަތް ކުރެއްވީ، 2013ގެ އިންތިހާބާ ދިމާކޮށެވެ. ނަމަވެސް ރައީސް ޔާމީނަށް ވެރިކަން ލިބިވަޑައިގަތުމާ އެކު ވެސް އަނެއްކާ ހަމަ މިފެންނަނީ އެމަންޒަރެވެ. ހިޔާލު ތަފާތުވުން ބޮޑުވެ އެބޭފުޅަކަށް ވަފާތެރި ބޭފުޅުންނަކާ އެކު އެބޭފުޅަކު އެ ވަނީ މަސައްކަތް ފައްޓަވައިފަ އެވެ. ސުވާލަކީ މޮޅުވާނީ ކޮން ބޭފުޅެއްތޯ އެވެ؟

އާންމު މެމްބަރުން މައުމޫނަށް، އިސް މެމްބަރުން ޔާމީންއަށް!

ރާއްޖޭގައި 30 އަހަރު ދުވަސް ވަންދެން ވެރިކަން ކުރައްވާފައިވާ ރައީސް މައުމޫންގެ "ލެގަސީ" ވަރަށް ވެސް ބޮޑެވެ. އެއީ ވަކިވަކި ފަރުދުންގެ މެދުގަ އެވެ. އެކަކަށް އެންމެ ތާއީދު އޮތް ސިޔާސީ އެއްބޭފުޅާ އެވެ. ޕާޓީގެ އާންމު މެމްބަރުންގެ ތެރެއިން ވެސް ގިނަ މެމްބަރުން ތިއްބެވީ އެގޮތަށް ކަމަށް ބެލެވެ އެވެ. ނަމަވެސް ކަންކަން ނިންމުމުގެ ބާރު ލިބިފައިވާ ފަރާތްތަކުން ތިބީ އެގޮތަކަށް ނޫނެވެ.

ސަރުކާރުގެ އިތުރުން ޕީޕީއެމްގެ އެންމެ ބޮޑު އަނެއް ބާރަކީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރޮޓީ އެވެ. އެއީ މަޖިލީހުގެ 43 މެމްބަރުންނާ އެކު 50 ޕަސެންޓް މެޖޯރިޓީ ހޯދާފައިވާ ޕާޓީ އެވެ. އެހެންކަމުން ޕީޕީއެމްގެ ތެރޭގައި އެންމެ ބާރުގަދަ މީހަކަށް ވާނީ އެ މަޖިލީހުގެ މެމްބަރުން ތިބި ކޮޅެކެވެ. ފެންނަ ފެނުމަށް އެ މެމްބަރުން ތިބީ ރައީސް ޔާމީނާ އެކު އެވެ. މައުމޫން ދެކޮޅު ހައްދަވާފައިވަނިކޮށް އިއުލާންކުރުމަކާ ނުލައި ރަށް ކުއްޔަށްދޭ ބިލަށް ވޯޓްދިން ގޮތުން އެކަން ހާމަވެ އެވެ.

ރައީސް ޔާމީން، (މ) މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު (ވ) އާއި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކާއެކު-- ފޮޓޯ/ ރައީސް އޮފީސް

ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ވިދާޅުވި ގޮތުގައި އެ މެމްބަރުންނަށް ރައީސެއްގެ ގޮތުގައި ޔާމީން ދެއްކެވީ ރައީސް މައުމޫން ކަމަށްވާ އިރު އެ މެމްބަރުން ތިބީ ސަރުކާރު ދެމެހެއްޓުމަށް ފޫގަޅައިގެންނެވެ. އެހެންކަމުން އެ ޕާޓީގެ މެމްބަރުގެ ތެރެއިން 99 ޕަސެންޓް މެމްބަރުން ތިބީ ބަދަހިކޮށް އެއް ވިސްނުމެއްގައި ސަރުކާރާ އެކު ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ޕާލަމެންޓްރީ ގްރޫޕުގެ އެންގުންތަކަށް އަމަލުނުކުރާ ނަމަ ރައީސް މައުމޫންގެ އަތްޕުޅުން ޕީޕީއެމްގެ ރައީސްކަން ގެއްލިދާނެ ކަމުގެ އިންޒާރެއް ވެސް އެ ޕާލަމެންޓްރީ ގުރޫޕުން ވަނީ ދެއްވައިފަ އެވެ. މީގެން ވެސް އެ ޕާޓީގެ މަޖިލިސް މެމްބަރުން ތިބީ ރައީސް މައުމޫނަށް ދޫނުކުރަންކަން ހާމަވެ އެވެ.

ޕީޕީއެމް އަށް ބަލާއިރު އާންމު މެމްބަރުންގެ ގިނަ ބަޔަކު ރައީސް މައުމޫނަށް ތާއީދު ކުރެއްވި ނަމަވެސް އެ ޕާޓީގެ އެންމެ ވަރުގަދަ ގުނަވަން ކަމަށްވާ 34 މެމްބަރުންގެ ކައުންސިލްގެ މެޖޯރިޓީ ވެސް އޮތީ ރައީސް ޔާމީން އަށެވެ. ފިޔަވަޅު އަޅާ ނުވަތަ ކަންކަން ނިންމާ ކޮމެޓީތަކުގެ މެޖޯރިޓީ ވެސް ރައީސް ޔާމީނަށެވެ.

ރައީސް މައުމޫނު އަބްދުލް ޤައްޔޫމް ޕީޕީއެމް އޮފީހުން ނިކުންނަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެ މެޖޯރިޓީ ރައީސް މައުމޫންގެ އަތްޕުޅުގައި ނެތަސް، އެމަނިކުފާނު ވަނީ އެމަނިކުފާނުގެ ހުއްދައަކާ ނުލައި އެ ޕާޓީގެ ރަސްމީ އެއްވެސް ގުނަވަނަކުން ނޫނީ ކޮމެޓީއަކުން އެއްވެސް ބައްދަލުވުމެއް ނުބޭއްވުމަށް އަންގަވައިފަ އެވެ. އެނިންމުމާ އެކު ވެސް ޕާޓީ ތެރެ ވަނީ ގުގުމާލައިފަ އެވެ.

މީގެ ކުރިން އެ ޕާޓީގެ އިދާރީ ކަންކަން ބެލެހެއްޓެވި އެ ޕާޓީގެ ނައިބު ރައީސް އަދި މަޖިލިސް މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް މައުމޫންއަށް އެގޮތަށް އެޕާޓީ ނުހުއްޓުވޭނެ ކަމަށެވެ. ޕީޕީއެމްގެ ހަރަކާތްތައް ހުއްޓުވާލާފައި ބޭއްވުމަށް ޖާގައެއް ނުދެއްވާނެ ކަމަށާއި ހާލަތުން އަރައިގަނެވޭނެ މަގެއް ހޯދުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ މީހަކަށް މުޅި ޕާޓީ ހައިޖެކު ކުރެވޭނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން، ރައީސް މައުމޫންއަށް ވެސް އެކަމެއް ނުކުރެއްވޭނެ." އަބްދުއްރަހީމް ވިދާޅުވި އެވެ.

ޑީއާރުޕީ ބައިބައިވެގެން ދިޔައިރު ރައީސް މައުމޫނަށް އެ ފަހަރު އޮތް އެންމެ ބޮޑު ބާރަކަށްވީ މަޖިލިސް މެމްބަރުންނާއި ޕާޓީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެމަނިކުފާނާ އެއްކޮޅަށް ތިބުމެވެ. ނަމަވެސް މިފަހަރު މިކަން މިވަނީ ދިމާއިދިކޮޅަށެވެ. މިފަހަރު މަގާމުތަކުގައި ތިއްބެވި ބޭފުޅުން އަދި މިތިއްބެވީ ރައީސް ޔާމީންއާ އެކު އެވެ.

މައުމޫންއާ ނުލައި 2018!

މިސަރުކާރުގެ މި ދައުރު ނިމެން 29 އަކަށް މަހަށްވެފައިވާ އިރު ޕީޕީއެމް ވެސް އަދި ރައީސް ޔާމީން ވެސް އެންމެ ބޮޑަށް މިވަގުތު އެދޭނެ ކަމަކަށް ވާނީ 2018ގެ އިންތިހާބު ކާމިޔާބުކޮށް އިތުރު ދައުރަކަށް ރައީސްގެ މަގާމަށް އިސްވުމެވެ. ނަމަވެސް އެއީ ރައީސް މައުމޫނާ ނުލައި ކުރަން އެހާ ފަސޭހަ ކަމަކަށް ނުވެދާނެ ކަމަށް މުހައްލިލުން ދެކެ އެވެ.

"މިޕާޓީގެ (ޕީޕީއެމް)ގެ މެންބަރުންނަކީ ރައީސް މައުމޫނަށް ވަފާތްތެރި، ރައީސް މައުމޫނުގެ ދިފާއުގައި ތެދުވަން ތައްޔާރަށް ތިބި ބައެއް." ރައީސް މައުމޫނަށް ތާއީދު ކުރައްވާ ޕީޕީއެމްގެ އިސް ފަރާތަކުން ވިދާޅުވި އެވެ.

"މައުމޫނަށް ފުރަގަސްދީފައި ދެވަނަ ދައުރަކަށް ވެރިކަމަށް އާދެވޭނެ ކަމަށް ޔާމީނު ހީފުޅު ކުރެއްވުން ރަނގަޅެއް ނޫން."

ރައީސް ޔާމީން 2018ގެ ކެމްޕެއިންގެ ތެރެއިން-- ސަން ފައިލް ފޮޓޯ

މިހާރުން މިހާރަށް ބަލާއިރު އެންމެ ބޮޑަށް ބާރު މިއޮތް ކަމަށް ބެލެވެނީ ރައީސް ޔާމީންގެ އަތްޕުޅުގަ އެވެ. މަގާމާއި ހައިސިއްޔަތު ހުރި ބޭފުޅުން ތިއްބެވީ އެކޮޅުގަ އެވެ. އެހެންކަމުން މިހާރުން މިހާރަށް މޮޅުވާނެ ކަމަށް ބެލެވެނީ ރައީސް ޔާމީން އެވެ. އެކަމަކު 2018ގެ އިންތިހާބު ރައީސް މައުމޫން އާއި ނުލައި ރައީސް ޔާމީން އަށް ކާމިޔާބު ކުރެވޭނެތޯ އެއީ ސުވާލެކެވެ.