30 Jun 2016, 21:35
ޕީޕީއެމްގެ ހުރިހާ ބާރުތަކެއް މައުމޫން ނެންގެވުމުން، ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުން ބޮޑުވެފައިވާ ދަނޑިވަޅެއްގައި ރައީސް ޔާމީނަށް ތާއިދު ކުރައްވާ އެ ޕާޓީގެ އިސް ބޭފުޅުންތަކެއް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަރިހަށް ވަޑައިގެން، އެމަނިކުފާނާ ބައްދަލު ކުރައްވައިފިއެވެ.
ގާސިމާ ބައްދަލު ކުރެއްވުމަށް އެމަނިކުފާނު ދިރިއުޅުއްވާ މ. މާފަންނު ވިލާއަށް މިރޭ 9:15 ކަންހާއިރު ވަޑައިގެންނެވީ ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޓޫރިޒަމް މިނިސްޓަރު މޫސާ ރަމީޒެވެ. އެ ދެ ބޭފުޅުންނަކީ ރައީސް ޔާމީން އެންމެ އިތުބާރު ކުރައްވާ އަރިސް ދެބޭފުޅުންނެވެ.

އެބައްދަލުވުން ނިންމައި އެބޭފުޅުން ވަޑައިގަތީ 11:15 ކަންހާއިރުއެވެ. އެވަގުތު ނޫސްވެރިން ކުރިމަތި ކުރިވި ސުވާލުތަކަށް ޖަވާބެއް ނުދެއްވިއެވެ.
އެ ދެ ބޭފުޅުން ގާސިމްގެ އަރިހަށް ވަޑައިގެންނެވީ މައުމޫނަށް ޕީޕީއެމްގެ ރައީސްކަން ގެއްލޭ ގޮތަށް މަޖިލީހަށް ބިލެއް ހުށަހަޅަން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މަޝްވަރާކުރަމުންދަނިކޮށެވެ. އެ ބިލުގައި ފަރުމާކުރަން ނިންމާފައި ވަނީ 65 އަހަރުން މަތީގެ ބޭފުޅުންނަށް ސިޔާސީ ޕާޓީގެ ރައީސްކަން ނުކުރެވޭ ގޮތަށެވެ.
އެ ބިލުގެ ސަބަބުން ގާސިމަށް ވެސް ޖުމްހޫރީ ޕާޓީގެ ލީޑަރުކަން ގެއްލޭނެ އެވެ. ގާސިމްގެ އުމުރުފުޅުން މިހާރު 65 އެކެވެ. މައުމޫންގެ އުމުރުފުޅަކީ 78 ކެވެ.
މިދަނޑިވަޅަކީ ރައީސް މައުމޫނާއި ރައީސް ޔާމީން އާއި ދޭތެރޭ ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެކެވެ. އެދެބޭފުޅުން ދަނީ އެދެބޭފުޅުންނަށް ވަފާތެރި ބޭފުޅުންނާއެކު ތަފާތު މަސައްކަތްތައް ފަށާފައެވެ.