މޯލްޑިވިއަން އައިޑަލްގެ ދެވަނަ އަށް ހޮވުނު ޝަލަބީ އިބްރާހިމްގެ ފަރާތުން ރޯދަ އަދި އީދު ހަދިޔާގެ ގޮތުގައި ބެލުންތެރިންނާ ހަމައަށް ގެނެސްދޭ، މަދަހަ އަލްބަމް، "ހިދާއީ ނޫރު" މިރޭ ރިލީޒްކޮށްފި އެވެ.

މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ އަލްބަމް ރިލީޒްކޮށްދެއްވީ ކުރީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމް އެވެ.

އަލްބަމް ރިލީޒް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މައުމޫން ވަނީ ޝަލަބީގެ ހުނަރަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފަ އެވެ. އެގޮތުން ޝަލަބީގެ އަޑާއި ރާގު އަދި މަހުރަޖު ވެސް ވަރަށް ފުރިހަމަ ކަމަށާއި، އެއީ "ހައިރާންކުރުވަނިވި" ކަމެއްގެ ގޮތުގައި ވަނީ ސިފަކުރައްވައިފަ އެވެ.

ޝަލަބީ އަދި މައުމޫން: ޝަލަބީގެ އަޑާއި ހުނަރަށް މައުމޫން ވަނީ ތައުރީފު ކުރައްވާފައި --- ފޮޓޯ: ޝަލަބީ (ޓުވިޓާ)

ޖުމްލަ ހަތް ލަވަ ހިމެނޭ އެ އަލްބަމްގެ ހުރިހާ މަދަހައެއް ކިޔައިފައި ވަނީ ޝަލަބީ އެވެ. އަދި ރާގު ހަދައިފައި ވަނީ ވެސް ޝަލަބީ އަމިއްލަ އަށެވެ. ނަމަވެސް އެއްވެސް މަދަހަ އެއްގައި މިޔުޒިކެއް ނުހިމެނޭނެ އެވެ.

އަލްބަމް ރެކޯޑިން ހަދާފައި ކުޅަދާނަ މިޔުޒީޝަން ހުސެއިން ސޮބާހްގެ "އިލެވެން އިލެވެން ސްޓޫޑިއޯ" އިންނެވެ. ލަވަތަކުގެ ކޯރަސްގައި ޣިޔާސުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލްގެ ދަރިވަރުން ބައިވެރިވެ އެވެ.

މަދަހަތަކުގެ ޅެން ހައްދަވައިދެއްވާފައި ވަނީ ކުރީގެ ރައީސް މައުމޫން އާއި އާދަމް ނަސީރު އިބްރާހިމް، ހަސަން ޝާކިރު މުހައްމަދު އަދި އާދަމް އަބްދުއްރަހްމާން އެވެ.

މިރޭގެ ހަފްލާގައި މަދަހަ އަލްބަމްގައި އެކި ގޮތް ގޮތުން އެހީތެރިވެ ދިން ފަރާތްތަކުގެ އަގު ވަނީ ވަޒަންކޮށްފަ އެވެ.

"ހިދާއީ ނޫރު"އަކީ ޝަލަބީގެ ފުރަތަމަ އަލްބަމު ކަމުގައި ވާއިރު، އެ އަލްބަމް ވިއްކުމުގެ ބަދަލުގައި، ބަހަން ވަނީ ނިންމައިފަ އެވެ.