01 Jul 2016, 21:41
ދެކުނު އޭޝިއާގައި އެންމެ ނާޒުކަން ކުޑަ ގައުމުގެ ގޮތުގައި ދިވެހިރާއްޖެ ހިމެނިއްޖެ އެވެ.
ސާކް ގައުމުތަކުގެ ތެރޭގައި އެންމެ ނާޒުކުކަން ކުޑަ ގައުމުގެ ގޮތުގައި ރާއްޖެ ހިމެނިފައިވަނީ، ދުނިޔޭގެ އެންމެ ނާޒުކު ގައުމުތައް ބަލައި ދިރާސާކުރަމުން އަންނަ ވޮޝިންގްޓަންގެ ދިރާސާކުރާ ތައުލީމީ އިންސްޓިޓިއުޓެއް ކަމަށްވާ ފަންޑު ފޯ ޕީސް (އެފްއެފްޕީ) އިން އާއްމުކުރި މިއަހަރުގެފްރެޖައިލް ސްޓޭޓްސް އިންޑެކްސްގަ އެވެ.

ފަންޑު ފޯ ޕީސް (އެފްއެފްޕީ) އިން އާއްމުކުރި މިއަހަރުގެ ފްރެޖައިލް ސްޓޭޓްސް އިންޑެކްސް ޗާޓް --- ފޮޓޯ/ އެފްއެފްޕީ
އަހަރެއްގެ ތެރޭގައި ގައުމެއްގެ އިޖްތިމާއީ އިގްތިސާދީ އަދި ސިޔާސީ ކަންތައްތަކުގެ ތެރެއިން 12 ކަމަކަށް ބަލައި ދިރާސާކުރުމަށްފަހު ނެރޭ އެ ރިޕޯޓުގައި ގައުމެއްގެ ދާހިލީ މައްސަލަތަކުގެ ތެރެއަށް ބޭރުގެ ގައުމުތަކުން ވަނުމާއި ސަރުކާރުގެ ގާނޫނު ހިންގުމަށާއި ހަރުދަނާކަމަށް ބެލުމުގެ އިތުރުން ރައްޔިތުންގެ ޕްރެޝަރާއި ޕަބްލިކް ސާވިސް އާއި އިންސާނީ އަދި ގާނޫނީ ހައްގުތަކަށް ބަލައެެވެ.
ފަންޑު ފޯ ޕީސް (އެފްއެފްޕީ) އިން އާއްމުކުރި މިއަހަރުގެ ފްރެޖައިލް ސްޓޭޓްސް އިންޑެކްސް ޗާޓް: އެ ޗާޓުގައި ރާއްޖެ އޮތީ 91 ވަނާގައި ---
އެ ލިސްޓުގައި އެންމެ ނާޒުކު ގައުމުތައް ގިންތި ކޮށްފައިވަނީ ލިސްޓުގެ ދަށަށްދާ ވަރަކަށް ގައުމުގެ ނާޒުކުކަން ކުޑަވާ ގޮތަށެވެ. އެގޮތުން ޖުމްލަ 178 ގައުމެއްގެ ނާޒުކުކަން ބެލުމަށްފަހު އާއްމުކުރި އެ ރިޕޯޓުގައިރާއްޖެ އޮތީ ސަމާލުވާންޖެހޭ ކެޓަގަރީގެ ތެރެއިން، 91 ވަނައިގައެވެ.
އެ ރިޕޯޓުގައި ބުނީ، 2007 ވަނަ އަހަރުން ފެށިގެން މިއަހަރާ ހަމައަށް ރާއްޖޭގެ ނާޒުކުކަން ކުޑަވަމުންދާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރަށްވުރެ މިއަހަރު ރާއްޖޭގެ ނާޒުކުކަން 0.2 ޕޮއިންޓް ކުޑަވެފައިވާ ކަމަށް އެ ރިޕޯޓުން ބުނެއެވެ.

ފަންޑު ފޯ ޕީސް (އެފްއެފްޕީ) އިން އާއްމުކުރި މިއަހަރުގެ ފްރެޖައިލް ސްޓޭޓްސް އިންޑެކްސްގައި ރާއްޖޭގެ ޕްރޮފައިލް ---
މިއަހަރުގެ ރިޕޯޓުން އިންޑެކްސް ސްކޯއެއްގެ ގޮތުން ރާއްޖެއަށް ލިބިފައިވަނީ 74.0 ޕޮއިންޓެވެ.
ދިރާސާކޮށް ބެލި ކަންތައްތަކުގެ ތެރެއިން ރިޕޯޓުގައި އެންމެ ދަށްކޮށް ކަމަށް ފާހަގަކޮށްފައިވަނީ ރާއްޖޭގެ ސަރުކާރުގެ ހަރުދަނާކަމެވެ. އެގޮތުން ރިޕޯޓުގައި ސަރުކާރުގެ ހަރުދަނާކަމަށް ދީފައިވަނީ "ފަގީރު" ކަމުގެ ދަރަޖައެވެ.
މީގެ އިތުރުން ރާއްޖޭގެ އިގްތިސާދާއި އިންސާނީ ހައްގުގެ ދާއިރާއާއި ސަލާމަތީ އާލާތްތަކާއި ގައުމުގެ ދާހިލީ ކަންތައްތަކަށް ބޭރުގެ ގައުމުތަކުން ވަނުމުގެ މައްސަލަތައް ވެސް ގިނަ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ފަންޑު ފޯ ޕީސް (އެފްއެފްޕީ) އިން އާއްމުކުރި މިއަހަރުގެ ފްރެޖައިލް ސްޓޭޓްސް އިންޑެކްސްގައި ރާއްޖޭގެ ޕްރޮފައިލް ---
ދެކުނު އޭޝިއާގެ އެންމެ ނާޒުކު ގައުމަކީ ލިސްޓުގެ ނުވަ ވަނަ މަގާމު ލިބުނު އަފްގާނިސްތާނެވެ. ދެވަނަ އަށް އެންމެ ނާޒުކު ގައުމަކީ ޕާކިސްތާނެވެ. އެ ދެ ގައުމުވެސް އޮތީ ހައި އެލާޓް ނުވަތަ ނުވަތަ ވަރަށް ބޮޑު ނުރައްކަލެއްގެ ކެޓަގަރީއެވެ.
ދެކުނު އޭޝިއާއަށް ނިސްބަތްވާ ގައުމުތަކުގެ ތެރެއިން ލިސްޓުގެ އެލާޓް ނުވަތަ ނުރައްކާ ކެޓަގަރީ އޮތީ ލިސްޓުގެ 33 ވަނާގައި އޮތް ނޭޕާލާއި 36 ވަނާގައި އޮތް ބަންގްލަދޭޝް އެވެ. އަވަށްޓެރި ސްރީލަންކާ އޮތީ ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކެޓަގަރީގެ 43 ވަނާގައެވެ.
ދެކުނު އޭޝިއާގައި ހިމެނޭ އެންމެ ބޮޑު ގައުމު އިންޑިއާ އޮތީ ރާއްޖެއަށްވުރެ 21 ދަރަޖަ މަތީގައެވެ. އިންޑިއާ އާއި ބޫޓާން އަދި ރާއްޖެ ހިމެނެނީ ސަމާލުވާންޖެހޭ ކެޓަގަރީގައެވެ.
މިއަހަރުގެ ފްރެޖައިލް ސްޓޭޓްސް އިންޑެކްސްގައި ދުނިޔޭގެ އެންމެ ނާޒުކު ގައުމެއްގެ ގޮތުގައި ސޯމާލިއާ އޮތްއިރު، ނާޒުކުކަން އެންމެ ކުޑަ ގައުމަކީ ފިންލޭންޑެވެ.